11 May 2024, 23:24
ދިވެހިބަހަކީ ބޭރު ލަފްޒުތައް ހިމެނިގެން އުފެދިފައިވާ ބަހެއް ނަމަވެސް، ދިވެހީންގެ އަމިއްލަވަންތަކަން ފުރިހަމައަށް ލިބިފައިވާ ބަހެއް ކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް މިއަދު ހެނދުނު ވިދާޅުވެއްޖެއެވެ.
ޑރ. އަޝްރަފް މިފަދައިން ވިދާޅުވީ އިންޑިއާ ހައިކޮމިޝަނާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި، މާކެޓާޒް ސަމިޓު ގޫޅިގެން ބޭއްވި އޭޝިއަން ލިޓެރަރީ ސޮސައިޓީ ކެރަވަން 2024ގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ދިވެހިބަހަކީ ބޭރުގެ ގިނަ ބަސްތަކެއް ހިމެނިގެން އުފެދިފައިވާ ބަހެއް ނަމަވެސް އަމިއްލަވަންތަކަން ލިބިފައިވާ ފުރިހަމަ ބަހެއް ކަމަށެވެ. އެގޮތުން ބޭރުގެ ބަސްތަކުން ދިވެހިބަހަށް ވާރުތަވެފައިވާ ލަފްޒުތަކުގައި ދިވެހި ގޮތް ޖައްސައިފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހިބަހުގެ އަޑުތަކުން ވެސް އަމިއްލަވަންތަކަން ރަމްޒުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ޢަރަބި ބަހުގައި ނެތް ޓަވިޔަނި، ޑަވިޔަނި، ޕަވިޔަނި، ފަދަ އަޑުތައް ދިވެހިބަހުގައި އެބަހުރި. ށ ފަދަ އަމިއްލަ އަޑުތައް އެބަހުރި،" ޑރ. އަޝްރަފް ވިދާޅުވިއެވެ.
ހަމައެއާއެކު ދިވެހި ބަހުގެ "ކަމުގެ ނަން" ޒަމާންތަކަށް ބަދަލުކުރަނީ އަމިއްލަ ސިފަތަކާއެކުގައި ކަމަށް ވެސް ވިދާޅުވިއެވެ. އަދި ނިމިނިމުނު ކަމާއި، ހިނގަހިނގާ ހުންނަ ކަމާއި، ހިނގާނޭ ކަން ދިވެހިބަހުގެ ޖުމްލަތަކުގައި ބޭނުންކުރަނީ ވެސް އަމިއްލަ ސިފަތަކާއެކު ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އުރުދޫ ބަހާއި ހިންދީ ބަހުގައި އަންހެނުންނާއި ފިރިހެނުން ތަފާތުކުރާ ގޮތް ނަންގަވައި، ދިވެހިބަހުގައި އެ ކަން އޮންނަ ހަމައަށް އަލިއަޅުއްވައިލައްވަމުން ޑރ. އަޝްރަފް ވަނީ ދިވެހި ބަހުގައި، އަންހެނެއް ނުވަތަ ފިރިހެނެއް ނަމަވެސް ކަމުގެ ލަފްޒަށް ބަދަލު ނާންނަކަަމަށް ވިދާޅުވެފައެވެ.

އޭޝިއަން ލިޓެރަރީ ސޮސައިޓީ ކެރަވަން 2024 --
އަދި ކަނާތުން ވާތަށް ލިޔުމަށް ޓަކައި ތާނަ އަކުރު އުފެއްދުމަކީ ވެސް އެ އަމިއްލަވަންތަކަން ފެންނަ ރަމްޒެއް ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ޅެންވެރިކަމުން ވެސް ހާމަވަނީ އަމިއްލަވަންތަކަން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޅެންވެރިކަމުގެ ތެރެއިން ޅެން ހަދަން ފަށައިފައިވަނީ ޢަރަބި ޅެންވެރިކަމުގެ ވަޒަނެއް އަސްލަށް ބަލައިގެން ކަމުގައިވީ ނަމަވެސް ދިވެހި އަދަބިއްޔާތުގެ ޅެންވެރިކަމުގައި ހުރީ އަމިއްލަ ރީތި ސިފަތަކެއް... އެހެންވީމާ ދިވެހިބަހަކީ އަދަބީގޮތުން ފުރިހަމަވެފައިވާ ރީތި ބަހެއް. އަދަބުވެރި ބަހެއް،" ޑރ. އަޝްރަފް ވިދާޅުވިއެވެ.
އިންޑިއާ ހައިކޮމިޝަނާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި، މާކެޓާޒް ސަމިޓު ގުޅިގެން ބޭއްވި އޭޝިއަން ލިޓެރަރީ ސޮސައިޓީ ކެރަވަން 2024ގައި ބަހާ ގުޅޭ އެކި މައުޟޫތަކަށް އަދީބުން އެކުވެ މަޝްވަރާކޮށްފައިވެއެވެ. އަދި އަދަބީ، ސަގާފީ އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.