11 May 2024, 23:42
ލަސްތަކެއް ނުވެ ޑޮމެއިން ނަންބަރު ދޫކުރަން ފަށާނެ ކަމަށާއި، އެހެން ނަމަވެސް އެ ކަން ފަށާނީ އަނެއްކާ ވެސް ބީލަމުގެ އުސޫލުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ވިދާޅުވީ ޑޮމެއިން ދިނުމުގައި އުޅޭ މައްސަލަތަކަކީ ހަމަ އެކަނި ޑޮމެއިން ބޭނުންކުރާ މީހުން ހެދި ގޯހަކުން ދިމާވީ މައްސަލަތަކެއް ނޫން ކަމަށެވެ. އެ ގޯސްތައް ހަދާފައިވަނީ ދައުލަތުގެ ޒިންމާވާ ބައެއް ފަރާތްތަކުގެ ބައިވެރިވުމާ އެކީގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޑޮމެއިން ވިއްކުމާ ގުޅޭ ވަރަށް ރަނގަޅު ޕްލޭނެއް ސަރުކާރުން މިހާރު އޮތީ ހަދާފައެވެ. އަދި ކުރިޔަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެ ޕްލޭން އިޢުލާންކޮށް ފަށާނެ ކަމަށް ވިދާޅުވިއެވެ.
އެ ގޮތުން ޑޮމެއިން ނަންބަރުތަކުގެ ވެރި ފަރާތްތަކުގެ ޑޮކިއުމެންޓުތައް ވެރިފައިކޮށް، ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި ހުއްޓާލާފައި އޮތް ޑޮމެއިން ދޫކުރުން ކުރިޔަށް އޮތް ސާޅީހަކަށް ދުވަހުގެ ތެރޭގައި ފަށާނެކަމަށް މިނިސްޓަަރު ވިދާޅުވިއެވެ.
އެ ގޮތުން މިނިސްޓްރީގެ ވިސްނުން ހުރީ އެކެއް، ދޭއް ތިނަކުން ފެށިގެން ގޮސް 10 އާއި ހަމަޔަށް ނަންބަރު ދޫކޮށް، އަދި ނަން ޖަހަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ދިނުމަށެވެ. އެހެން ނަމަވެސް އަދި ސީދާ އެ ގޮތަށް ނިންމެވީ ނޫންކަމަށް މިނިސްޓަރު ސާފުކޮށްދެއްވިއެވެ.
ބައެއް ބޭރު ގައުމުތަކުގައި ޑޮމެއިން ނަންބަރުތައް ވިއްކަމުންދަނީ ވަރަށް އަގުބޮޑުކޮށްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިނިސްޓްރީގެ ވެސް ވިސްނުން މި ވަގުތު ހުރީ އެ ގޮތަށް ކަމަށެވެ. އަދި އެއީ ސަރުކާރަށް އާމްދަނީ ލިބޭނެ ގޮތެއްކަން މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފައެވެ.
"އަޅުގަނޑުމެންގެ ވިސްނުން މި ހުރީ ވަރަށް އޯޕަންކޮށް، އެކެއް ދޭކުން ފެށިގެން 10އާ ހަމަޔަށް ވެސް ހަމަ ޑޮމެއިން ދޫކުރަން. ނޫނިއްޔާ ހަމަ ނަން ޖަހާލަން ބޭނުންވާ ކަމަށް ވާންޏާ އެ ވެސް، އަޅުގަނޑު ސީދަ މި ގޮތަށް ނިންމި ވާހަކައެއް ނޫން މި ދެންނެވީ. އެކަމު އެ ގޮތަށް ވެސް ހެދޭނެއެއް ނޫންތޯ؟ ދުބާއީގަ ފެންނާނެ ނަން ޖަހާފައި. އެކަމު އެ އެއްޗިހީގެ ޕްރިމިއަމް ވެލިއު ވަރަށް ހައި ވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ޑޮމެއިން ވިއްކުމުގައާއި ވެހިކަލް ރެޖިސްޓްރީ ކުރުމުގައި މިދިޔަ ސަރުކާރުން ގޯސްތަކެއް ހަދާފައިވާކަމުގެ ތުހުމަތު މިނިސްޓަރު ކުރެއްވިއެވެ. މިނިސްޓަރު އަމީން ވިދާޅުވީ އެ ސަރުކާރުގެ އެންމެ މަތީ ފަންތީގެ ލެވެލްގެ ބޭފުޅުންނަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.
މިދިޔަ ސަރުކާރުން ހަދާފައިވާ އިންވެސްޓިގޭޝަން ރިޕޯޓުތައް ހުރީ މިނިސްޓަރު އަމީނަށް ފެނިވަޑައިގަންނަވާނެ ހިސާބުގައިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ މައްސަލަތައް ރަނގަޅުކުރުމަށް ފިޔަވަޅު އަޅުއްވަންޖެހޭ ފަރާތްތަކުގެ ކިބައިގައި ކުރިން އެ ހިތްވަރު ނެތީ ކަމަށެވެ.
އެހެން ނަމަވެސް މިނިސްޓަރު ވިދާޅުވީ އެ މައްސަލަތައް ހައްލު ކުރުމަށް ހުށަހަޅުއްވަންޖެހޭ ތަންތަނަށް އޭނާ އެ މައްސަލަތައް މިހާރު ހުށަހަޅުއްވާފައިވާނެ ކަމަށެވެ.
"އަޅުގަނޑު އައިއިރުގައި އަލިފާން ރޯވެފައި އޮތީ. އެހެންވީމާ އަލިފާން ނިއްވަން ފުރަތަމަ އުޅެންޖެހޭނީ. އަލިފާނޭ މި ދެންނެވީ ރޯވީ ކީއްވެތޯ ނުބަލައި، އިހަށް އަލިފާން ނިއްވަންތާ ޖެހޭނީ،" މިނިސްޓަރު ވިދާޅުވިއެވެ.
ޑޮމެއިން ޚިދުމަތަށް ފައިސާ ދެއްކި ނަމަވެސް ޑޮމެއިން ނުލިބި އެތައް މަސް ދުވަހެއް ފާއިތުވުމުގެ ޝަކުވާ އޮތީ ބޮޑުވެފައެވެ. އެ ޝަކުވާތައް ލިބިފައިވާތީ މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އެ މައްސަލަ ބެލިއެވެ.
އަދި ކޮމިޓީން މައްސަލަ ބެލިއިރު ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރުކޮށް ސުވާލު ވެސް ކުރިއެވެ.