12 May 2024, 09:25
"ގެއަށް އައިސް ވަނަސް އަބަދުވެސް އޮންނާނީ ކޮންމެވެސް ޝަކުވާއެއް. ހިތްހަމަޖެހިލެވޭ އެންމެ ވަގުތުކޮޅެއްވެސް ނާދެ." އެހެން ބުނެލާފައި މަދީހާއަށް ބަލައިލުމެއްވެސް ނެތި ފަތުޙީ ގޮސް ގެއިން ނުކުމެއްޖެއެވެ. މޫނުގައި އަތް އަޅާލައިގެން މަދީހާ ރޯން އިންދާ އޭނާގެ ކޮނޑުގައި މީހަކު އަތް ޖައްސާލިއެވެ.
"މަންމާ" ސަވާ ގޮވާލިއެވެ.
"ދަރިފުޅާ…" ސަވާއަށް ބަލައިލަމުން މަދީހާ ރުއިން ކޮންޓްރޯލް ކުރެވޭތޯ މަސައްކަތްކުރި ނަމަވެސް އެ ކަރުނަތަކަކަށް ހުއްޓުމެއް ނައެވެ. ހަމަ ހަޤީގަތުގައިވެސް އޭނާ ވަނީ ވަރަށް ހިތުގައި ޖެހިފައެވެ. އޭނާ އެންމެ ބިރުން އުޅުނު ކަންތައް ވެ ނިމިއްޖެއެވެ. އިޝްފާން އެހުރީ މިހާރު މީހެއްގެ ބަސް ގަބޫލުކުރާނެ ޙާލަތެއްގަ ނޫންކަން އޭނާއަށް އެނގިއްޖެއެވެ. ކުށްވެރިކުރަންވީ ފަތުޙީކަމެއް ނޫނީ އޭނާގެ އަމިއްލަ ނަފްސު ކަމެއްވެސް މަދީހާއަކަށް ނޭނގުނެވެ. ލޯބިވާ ދަރިފުޅު އެ މަގު ޚިޔާރުކުރުމުގައި އޭނާގެ ކުށްވެސް ވާކަމުގައި ހިތް ބުނާތީ މަދީހާއަށް ހަމަ ރޮވެނީއެވެ. ދަރިފުޅުގެ މުސްތަޤުބަލު ބަނަވެއްޖެ ކަމުގެ އިޙްސާސްއާއެކު އޭނާގެ ޖަޒުބާތުތައް ކޮންޓްރޯލް ކުރެވޭ ގޮތް ނުވަނީއެވެ.
"ކޮއްކޮ އެކަހަލަ ކަމެއް ކޮށްފާނެކަމަކަށް ހިތަކަށްވެސް ނާރާ. ކޮޓަރިއަށް ވަންނައިރު ބައެއް ފަހަރު ސިނގިރެޓް ވަސް ދުވާހެން އަޅުގަނޑަށްވެސް ހީވޭ. އެކަމާ ސުވާލުކުރުމުން އެދެވޭ ޖަވާބެއް ކޮއްކޮ ނުދިން. އެ ވާހަކަ މަންމަ ކައިރީގައި ނުބުނެވި އުޅެނިކޮށް މިއަދު މަންމައަށް އެކަން ތި އެނގުނީ…" ސަވާ މަދީހާގެ އަތުގައި ހިފައްޓާލިއެވެ. އުމުރުން ސަތާރަ އަހަރު ފުރިފައިވާ ސަވާއަށް އިޝްފާންއަށް ވެގެން އުޅޭ ގޮތް އަންދާޒާކޮށްލެވެއެވެ. އިޝްފާން ބައްޕައެއްގެ ލޯތްބަށް ފެންބޮވައިގަނެފައިވާ މިންވަރާއި، އެ ލޯބި އެހާ ބޭނުންވެ ނުލިބުމުން އެފަދަ މަގެއް ޚިޔާރުކުރީ ކަމުގައި ސަވާގެ ސިކުނޑިއަށް ނަގައިގަނެވެއެވެ.
"ސަވާ އަޅެ ކޮއްކޮ އާ ވާހަކަ ދައްކަބަލަ! މަންމައަކަށް ވިސްނާ ވިސްނާވެސް ނޭނގުނު އިޝްފާން މަންމަ ދެކެ އެހާ ރުޅި އަންނަ ސަބަބެއް." މަދީހާ އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލިއެވެ.
"މަންމާ… ހުއްޓާލާ ދެން. އިރާދުކުރެއްވިއްޔާ ކޮއްކޮއަށް އަދި ވިސްނޭނެ." ސަވާ މަދީހާ ހިތްހަމަ ޖައްސައިދިނުމަށް މަސައްކަތްކުރަމުން ދިޔައެވެ.
މަދީހާ ހަމައަކަށް އެޅުމުން ސަވާ ގޮސް އިޝްފާންގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހަމުން ގޮވާލިއެވެ.
"އިޝްފާން! މީ ދޮންތައޭ.. ދޮރު ހުޅުވަބަލަ." ސަވާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
އިރުކޮޅަކުން އިޝްފާން ދޮރު ހުޅުވާލާފައި ސަވާ ވަންނަން ތަންދެއްކިއެވެ. އިޝްފާންއަށް ބަލައިލާފައި އެތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު، ސަވާ ކޮށި އަރާ ގޮތްވިއެވެ. މުޅި ކޮޓަރި ތެރެ އެއްވަސް ވެފައިވަނީ ސިނގިރެޓުގެ ވަހުންނެވެ.
"އިޝްފާން… " ކެއްސަމުން ދިޔަ ސަވާއަށް އިޝްފާންއަށް ގޮވާލެވުނެވެ. އެއަށްފަހު އޭނާ ގޮސް، ބެލްކަނީ ދޮރު ހުޅުވާލާފައި ބޭރަށް ނުކުމެލިއެވެ. ޖެހެމުން ދިޔަ ސާފުވައިން ނޭވާލާން ފަސޭހަވި ސަވާ އިޝްފާންއާ ކުރިމަތިލިއެވެ.
"ކީއްވެ ތިގޮތަށް ތިއުޅެނީ؟" ސަވާ ސުވާލުކޮށްލުމުންވެސް އިޝްފާން އެއްޗެއް ނުބުންޏެވެ. ބެލްކަނީގެ ރެއިލިންގައި ހިފައްޓާލައިގެން ދުރު ބަލަހައްޓައިގެން އޭނާ ހުރި އިރު، އެމޫނުމަތީގައި ވަނީ ރުޅިވެރި އަސަރުތަކެކެވެ. ހީވަނީ އެ ރުޅިވެރިކަމުން އެހެން އިޙްސާސްއެއް ފަރުދާކޮށްލަން ބޭނުންވެފައި ވާހެންނެވެ.
"ކޮއްކޯ… ދޮންތައާ ދިމާލަށް ބަލާލަބަލަ." އިޝްފާންގެ އަތް މަތީގައި އަތް ބާއްވާލަމުން ސަވާ ބުންޏެވެ.
"ދޮންތައަށް އެނގޭ ތި ރުޅިވެރިކަމުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ވާކަން..... އެކަންތައް ދޮންތައަށް ކިޔައިދީބަލަ. އޭރުންނެއްނު އެނގޭނީ." ސަވާ ކެތްތެރިކަމާއި، މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކީ ރުޅިއައިސްގެން ވާނެ ފައިދާއެއް ނެތްކަން އޭނާއަށް އެނގޭތީއެވެ.
"ތިހެން އުޅުނީމަ މަންމައާ ބައްޕައަށް ވެސް ލިބޭނީ ކިހާ ބޮޑު ލަދެއް. ބައްޕައަކީ ރާއްޖޭގެ އެންމެން ދަންނަ…" އެ ހުރިހާ އިރު އެއްޗެއް ނުބުނެ ހުރި އިޝްފާން ސަވާއާ ދިމާލަށް ކުއްލިއަކަށް އެނބުރުމާއެކު، ސަވާއަށް އޭނާގެ ވާހަކަ މެދު ކަނޑާލަން މަޖުބޫރުވިއެވެ.
"ބައްޕައިން އުޅެނީ އެހެންތަ؟ މުދަލާ ފައިސާއަކީ ހުރިހާ އެއްޗެއް ނޫނޭ. ދޮންތަގެ އުމުރުން ސަތާރަ އަހަރު ވީއިރު، ހަނދާން އެބަ ހުރިތަ ބައްޕައާއެކު، ހީ ސަމާސާކޮށްލި ދުވަހެއް؟ އާއިލާ އެކުގައި އުފާކޮށްލި ދުވަހެއް؟ އާއިލާއަށްޓަކައި ހަފްތާއެއްގެ މިނެޓެއް ޤުރުބާން ނުކުރެވޭ މީހަކާ މެދު އެވަރަށް ވިސްނުމުގެ ބޭނުމަކީ ކޮބާ؟" އިޝްފާންގެ އެ ޖުމްލަތަކުގައި ވި ވޭނާ ކެކުޅުން ސަވާއަށް އިޙްސާސްވިއެވެ. ހަމައެއާއެކު ބައްޕައާމެދު އެހިތުގައި އުފެދިފައިވާ ރުޅިވެރިކަންވެސް މެއެވެ.
"އެކަމަކުވެސް އެއީ އަހަރެމެންގެ ބައްޕައެއްނު." ސަވާ އިޝްފާންއަށް ވިސްނައިދޭން ބޭނުންވިއެވެ.
"ދޮންތާ! ބައްޕައާ މެދު އަހަރެންގެ ހިތް ހެޔޮވާނެ އެއްވެސް ގޮތެއް ނެތް. ދޮންތައަށް ނޭނގުނަސް ބައްޕައަށް މި އާއިލާ އެއްވެސް ވަރަކަށް މުހިންމެއް ނޫން. މަންމައެއް ދޮންތައެއް، އަދި އަހަންނެއްވެސް މުހިންމެއް ނޫން. އަހަރެމެންނަށްވުރެ މުހިންމު މީހުން ބައްޕަގެ ޙަޔާތުގައި އެބަތިބި. ފައިސާ މުދަލަކީ ބައްޕަގެ ހުރިހާ ވެސް އެއްޗަކީ. ދޮންތައަށް ނޭނގުނަސް… އަހަންނަށް ބައިވަރު އެއްޗެހި އެނގެޔޭ." އިޝްފާން ސަވާއަށް ބަލައިލިއިރު، އޭނާގެ ލޮލުގައި ކަރުނައިގެ އަސަރުވެސް ކޮންމެވެސް ވަރަކަށް ވެއެވެ.
"އިޝްފާން. ނުރޮއި… ހުއްޓާލާ… އިންޝާ ﷲ އަދި ހުރިހާ ކަމެއްވެސް ރަނގަޅުވާނެ." ސަވާ ގެ އަޑުވެސް ވަނީ މަޑުވެފައެވެ. ބައްޕައެއް ހުއްޓެއްކަމަކު ބައްޕައެއްގެ ލޯބި އިޙްސާސްކޮށްލާނެ ފުރުސަތެއް އޭނާއަކަށް ވެސް ނުލިބެއެވެ. މަންމަގެ ލޯބި ލިބުނެއްކަމަކު ބައްޕައެއް ހުރެމެ، އެ ލޯބިން މަހުރޫމް ވުމަކީ ކިހާ ހިތްދަތި ވޭނީ ކަމެއްކަން ޚުދު އޭނާއަށް ވެސް އެނގެއެވެ.
އެ ދެކުދިންގެ ވާހަކަތައް އަޑު އަހަން ހުރި މަދީހާއަށް އޭނާގެ އަނގަމަތީގައި އަތް އަޅާލެވުނެވެ. އިތުރަށް އެތަނުގައި ހުންނަން ކެތް ނުކުރެވުމުން އޭނާ މިސްރާބުޖެހީ ކޮޓަރިއާ ދިމާލަށެވެ.
ސަވާއާއި މަދީހާގެ އެތައް ނަސޭޙަތަކާއެކު ވެސް އިޝްފާންގެ އުޅުން އިސްލާޙެއް ނުވިއެވެ. ގިނަ ވަގުތު ބޭރުގައި އުޅުމާއި، ރޭގަނޑުވެސް ބޭރުގައި އުޅުން އާއްމުކަމަކަށް ވެއްޖެއެވެ. އެކަމާ ބެހޭ ގޮތުން މަދީހާ ފަތުޙީއާ ވާހަކަ ދެއްކުމުން ފަތުޙީ އިޝްފާންއަށް އަނިޔާކުރީ، އެކަން އިޝްފާން ހުއްޓާނެކަމަށް ހީކޮށެވެ. ހަޤީގަތުގައި އިޝްފާންގެ އެ އުޅުމުގެ ސަބަބުން އޭނާގެ އަބުރާ ޢިއްޒަތަށް ހުތުރުވެދާނެތީ ފަތުޙީ ބިރުގަންނަނީއެވެ. އެގޮތަށް އަނިޔާކުރަން ފެށުމާއެކު، އިޝްފާންގެ ހިތުގައި ފަތުޙީއާމެދު ނަފްރަތު އުފެދުން ނޫންކަމެއް ނުވިއެވެ. އެންމެ ފަހުން ސްކޫލަށް ދިޔުން ވެސް ހުއްޓާލީއެވެ.
އެގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް އިޝްފާންގެ އުމުރުން އަށާރަ އަހަރު ފުރިއްޖެއެވެ.
ފަތުޙީ އޭނާގެ އަމިއްލަ ވިޔަފާރީގެ ކަމެއްގައި ރާއްޖޭން ބޭރުގައި އުޅެފައި އައި ދުވަހު އަނެއްކާވެސް މަދީހާގެ ޝަކުވާތައް އޭނާގެ ކަންފަތާ ހަމައަށް ފޯރައިފިއެވެ.
"ފަތުޙީ. އަހަންނަށް ހީވަނީ އިޝްފާން މަސްތުވާތަކެތި ވެސް މިހާރު ބޭނުންކުރާހެން. މި ދިޔަ ދެ ހަފްތާގައި ގެއަށް އަންނައިރު ހަމައިގައި ހުންނަހެން ހިޔެއްނުވޭ." މަދީހާ ކަންބޮޑުވުން ފާޅުކޮށްލިއެވެ. އޭނާ ދައްކާ އެއްވެސް ވާހަކައެއް އިޝްފާން އަޑެއް ނާހައެވެ. ކޮންމެވެސް ގޮތަކުން އިޝްފާން ހަމަމަގަށް އަޅުވަން ބޭނުންވާތީ އެ ވާހަކަ އިރުއިރުކޮޅަކާ އޭނާއަށް ފަތުޙީ ކައިރީގައި ދެއްކެނީ އެއީ އެ ދަރިފުޅުގެ ބައްޕަ ކަމުގައިވާތީއެވެ.
"އޭނަގެ ކަންތައް މާ މައްޗަށް އެ ދަނީ މިހާރު. ސިޔާސީގޮތުން މިހާ ވާދަވެރި މާހައުލެއްގައި މީހުން އެ ތިބެނީ އަހަންނަށާއި އަހަރެންގެ އާޢިލާއަށް ކަޅި އަޅަ އަޅާ. ސިޔާސީ ގޮތުން އަހަރެން ބޭނުންވި ލަޑުދަނޑި ހާސިލްވަމުން ދާއިރު، އިޝްފާންއާ ހެދި އެކަންތައް ވެއްޔާ މޮޑެވިގެން ދާތަން ބަލާކަށް އަހަރެން މަޑަކުން ނުހުންނާނަން" ފަތުޙީ ބުނެލިއެވެ.
"ކޮން އިރަކު ފަތުޙީ އަމިއްލަ އެދުން ދޫކޮށްފަ އެ ދަރިންނާ މެދު ވިސްނާނީ. މި ވާހަކަ ދައްކަ ދައްކާ އަހަރެން މޮޔަ ވެއްޖެ. ހެޔޮ ނުވާނެ، އެންމެ ފަހަރަކު ބައްޕައެއްގެ ހައިސިއްޔަތުން އޭނައާ ވާހަކަ ދައްކާލަބަލަ." މަދީހާ ބުނެލިއެވެ.
"ކުޑަ ކުއްޖެއް ނޫނޭ އެއީ މިހާރު. ކޮބާ އޭނަ؟" ފަތުޙީ ކޮޓަރިން ނުކުތެވެ. މަދީހާވެސް އޭނާގެ ފަހަތުން ނުކުތެވެ. ފަތުޙީ އިޝްފާންއަށް ގޮވަމުން ގޮސް ސިޑިން މައްޗަށް އަރާ އިޝްފާންގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. އިޝްފާންއެއް ނެތެވެ. އޭނާ ފާޚާނާވެސް ޗެކުކުރިއެވެ. ފާޚާނާ ތެރެއިންވެސް ދުވަނީ ސިނގިރެޓް ވަހެވެ. ކޮޓަރިން ނުކުތްއިރު ސަވާ ބޭރުގައި ހުއްޓެވެ.
"އިޝްފާން ކޮބާ؟" ސަވާއަށް ބަލައިލާފައި ފަތުޙީ ސުވާލުކޮށްލިއެވެ.
"ބޭރުގަ…" ސަވާ މަޑުމަޑުން އެ ސުވާލަށް ޖަވާބު ދިނެވެ. ފަތުޙީ ހުރީ އިންތިހާއަށް ރުޅިއައިސްފައިކަން ސަވާއަށް ދެނެގަނެވުނެވެ. އޭނާ މަދީހާއަށް ވެސް އަވަސް ނަޒަރެއް ދިނެވެ.
ފަތުޙީ ސިޑިއާ ދިމާލަށް މިސްރާބުޖެހިއެވެ. އެއީ ޒަމާނީ ފެންވަރަށް ހަދާފައިވާ ބޮޑު ގެއެކެވެ. އެގެ ފަރުމާކޮށްފައިވަނީ ވަރަށް ޝާހީކޮށެވެ. އެންމެ ފަހުގެ ފަރުނީޗަރުތަކާއި، އަގުބޮޑެތި ޗާނދަލިޔާތަކުން ތަނުގެ ހައިބަތު އިތުރުކޮށްދެއެވެ. އެގެއަކީ ނުވަ ބުރިއަށް ނަގާފައިވާ ބޮޑު ގެއަކަށް ވީނަމަވެސް، އެ ޢާއިލާއަށް ޚާއްސަކޮށްފައިވަނީ އެންމެ މަތީ ދެ ފްލޯއާ ޓެރެސްއެވެ. އެ ދެ ފަންގިފިލާ ވަނީ އެތެރެއިން އަރާ ފައިބާ ގޮތަށް ގުޅުވާލާފާއެވެ. ބާކީ ފަންގިފިލާތައް ހުންނަނީ ކުއްޔަށް ދީފައެވެ.
ބޮޑުކޮޓަރިއަށް ނުކުމެލިވަގުތު ގޭގެ ދޮރުގައި ކީކާޑު ޖައްސާލި އަޑު ފަތުޙީއަށް އިވުނެވެ. ދެން ފެނުނީ ދޮރު ހުޅުވާލާފައި، އެތެރެއަށް ވަދެގެން އައި އިޝްފާންއެވެ.
"އިޝްފާން.." ފަތުޙީގެ ބާރު އަޑު އެތަނުގައި ގުގުމާލިއެވެ.
"އޯހް… ޔޫ ބެކް.. ފަތުޙީ…" އިޝްފާން އެއްލޯ މަރާލާފައި އަތުން ފަތުޙީއަށް އިޝާރާތްކޮށްލި ގޮތުން އެކަނިވެސް އޭނާ އެހުރީ ހަމައިގައި ނޫންކަން އެންމެނަށް އެނގިގެން ދިޔައެވެ. މަދީހާމެންގެ ފަހަތުގައި ހުރި ސަވާގެ ދެލޯވެސް ވަނީ ކަރުނުން ފުރިފައެވެ. ކޮއްކޮއާމެދު އޭނާ ވަނީ އިންތިހާއަށް ކަންބޮޑުވެފައެވެ. ކިތަންމެ ވަރަަކަށް ނަސޭޙަތް ދިން ނަމަވެސް، އެ އަޑު އަހަން އިޝްފާން ބޭނުން ނުވާފަދައެވެ. ހީވަނީ އެ ނުބައި އާދަތަކަށް ދެވިހިފާފައި ވާހެންނެވެ. އެރޭވެސް ފަތުޙީގެ އަނިޔާއާ އިޝްފާން ކުރިމަތިލާން ޖެހުނެވެ.
އެގޮތުގައި ދެ އަހަރެއްހާ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ.
ރޭގަނޑެކެވެ. ކައި ނިންމާލައިގެން ފަތުޙީ ގޮނޑިން ތެދުވެލިތަނާ އޭނާއަށް ފޯނެއް އަތުވެއްޖެއެވެ. އެކޮޅުން ބުނެލި ވާހަކައާއެކު، އޭނާގެ ދެބުމަ ގޮށް ޖެހި މޫނުމަތި ބަނަވެގެން ދިޔައެވެ. މަދީހާއަށް ބަލައިލުމާއެކު، ތަށިތައް ނެގުމުގައި ނޯކަރު ކުއްޖާއަށް އެހީވާން އުޅުނު މަދީހާ އޭނާގެ ހަރަކާތްތައް މަޑުޖައްސާލިއެވެ. ފަތުޙީގެ މޫނުމައްޗަށް ވެރިވެފައިވާ އަސަރުތައް ގުޅިފައިވަނީ އިޝްފާންއާ ކަން އެނގި މަދީހާގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔަައެވެ.
"ކިހިނެއްވީތަ؟ އިޝްފާން ދޯ…" މަދީހާއަށް ބުނެވުނެވެ.
"މީ ދެން ދެރަވެއްޖެ ކަމެއްނު. އިހަށް ދުވަހު މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފަ ނޫކޮށްލީ. މިހާރު އަނެއްކާ ގޭންގް މާރާމާރީއެއްގަ ހައްޔަރުކުރީ. މަ ބަދުނާމު ކުރާނެ ގޮތެއް ނޭނގިގެންތަ މައިތިރިވާން ނޭނގިގެން އެ އުޅެނީ. ދެން މަ އުޅެންވީ އެކަމާ ދޯ އަނެއްކާ…" ފަތުޙީ މަދީޙާއަށް ބަލައިލީ ރުޅިވެރިކަމާއެކުގައެވެ. ހީވަނީ އޭނާ މަދީހާވެސް ކުށްވެރިކުރާ ހެންނެވެ.
"އޭނަ ރަނގަޅުތަ؟" ހާސްކަމާއެކު އަވަސް އަވަހަށް މަދީހާއަށް ސުވާލުކޮށްލެވުނެވެ.
"އާނ. ބޮލާ ތަންތަން ފަޅައިގެން ގޮސްފަކަމަށް ބުނީ. އެކަމަކު މަރެއް ނުވޭ އަދި. ދަރިން މައިތިރިކުރަން ގޭގައި ބަހައްޓާފަ ހުންނަ މީހެކޭ ތީ…" ފަތުޙީ މަދީހާ ކުށްވެރިކޮށް ވާހަކަ ދެއްކުމުންވެސް އެއަށް ރައްދު ދޭން މަދީހާ ފަސްޖެހުނީ އިތުރު ޒުވާބަކަށް ދާން ބޭނުން ނުވާތީއެވެ.
"ކޮއްކޮ އަނެއްކާ ހައްޔަރުކުރީއޭ…" އެތަނަށް އައިސް ހުއްޓުނު ސަވާއަށް އިވުނު އަޑާއެކު ސުވާލުކޮށްލެވުނެވެ.
"ސަވާ ނޫނީ މިގޭގައި އޭނަ ހެޔޮ ހިތުން އަނގައިން ބުނެލާ މީހަކު ނޫޅޭއިރު، އޭނައަށް ވިސްނަދޭން ވެއްޖެއެއްނު." ފަތުހީ ސަވާއަށް ވެސް ބުނެލިއެވެ. މަދީހާއަށް ބަލައިލި ސަވާ އެއްޗެއް ނުބުނީ މަޑުން ހުރުމަށް މަދީހާ ބޮލުން އިޝާރާތްކޮށްލުމުންނެވެ.
މަދީހާއަށާއި ސަވާއަށް ބަަލައިލުމަށްފަހު، ފަތުޙީ ފޯނުން މީހަކަށް ގުޅައިލިއެވެ.
"އައްސަލާމު ޢަލައިކުމް. އާދެ… އަނެއްކާވެސް ކަމަކު މި ގުޅައިލީ…" އޭނާ އެތަނުން ދުރަށް ދާން މިސްރާބުޖެހިއެވެ.
އެ މަންޒަރު ބަލަން ހުރި މަދީހާ ފުންނޭވާއެއް ދޫކޮށްލަމުން ގޮނޑީގައި އިށީނދެ ބޮލުގައި އަތް ޖައްސައިލީ ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ. ސަވާވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
ފޯނު ކޯލު ނިންމާލާފައި ފަތުޙީ ދެން ގުޅައިލީ އޭނާގެ ޑްރައިވަރަށެވެ. ލިފްޓަށް އަރައިގެން ތިރިއަށް ގޮސް ގެއިން ނުކުތްއިރު، ޑްރައިވަރު ކާރު ތައްޔާރުކޮށްލައިގެން ބޭރުގައި ހުއްޓެވެ. ފަތުޙީ ހުރީ ކޯޓް ފަޓްލޫނުގައިކަމުން އޭނާ ފެންނަނީ ވަރަށް ރަސްމީކޮށެވެ. ފަތުޙީ ފެނުމާއެކު، ޑްރައިވަރު ކާރުގެ ދޮރުފަތް ހުޅުވާލަދިނެވެ.
ފަތުޙީ ކާރަށް އަރާ އިށީނުމާއެކު، ދޮރުފަތް ލައްޕާފާއި ގޮސް ޑްރައިވަރުވެސް ކާރަށް އަރާ ސްޓާރޓްކޮށްލިއެވެ.
"ފުލުހުންގެ އިދާރާއަށް ހިނގާ." ފަތުޙީ އަމުރުކޮށްލިއެވެ.
"އާދެ ސާހެބް." ބަންގްލަދޭޝްއަށް ނިސްބަތްވާ ޑްރައިވަރު އަދަބުވެރިކަމާއެކު، ވާހަކަ ދެއްކިއެވެ.
ގާތްގަނޑަކަށް ހަތްވަރަކަށް މިނެޓުގެ ދަތުރަކަށްފަހު، ފުލުހުންގެ އިދާރާއާ ހަމައަށް އާދެވިއްޖެއެވެ. ޑްރައިވަރު ނުކުމެގެން ގޮސް ފަތުޙީ އިން ފަރާތު ދޮރު ހުޅުވާލުމާއެކު، އޭނާ ނުކުތެވެ.
ފުލުހުންގެ އިދާރާއަށް ވަދެފައި ބައްދަލުކުރަން ބޭނުންވާ މީހާގެ ނަން ބުނެލާފައި އޭނާ މަޑުކޮށްލިއެވެ. މާ ގިނައިރު އިންތިޒާރުކުރާކަށް ނުޖެހުނެވެ. އެތެރެއިން ނުކުތް ފުލުހުންގެ ޔުނިފޯމްގައި ހުރި އަންހެން އޮފިސަރަކު އޭނާއަށް ގޮވާލިއެވެ. އެ ކުއްޖާގެ ފަހަތުން ގޮސް ވަކިން ހުރި ކެބިންއަކަށް އޭނާ ވަނެވެ. ފަތުޙީ ފެނުމާއެކު އޭނާއާ ދާދި އެއް އުމުރެއްގެ ފުލުސް އޮފިސަރު ހިނިތުންވެލިއެވެ. އިށީނދެގެން އިން މޭޒު ދޮށުން ތެދުވެލާފައި އެއްފަރާތްވެލާފައި އޭނާ ފަތުޙީއާ ސަލާމްކޮށްލިއެވެ.
"އާމިރު… ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭ." ސަލާމަށް ޖަވާބު ދިނުމަށްފަހު، ފަތުޙީ ބުނެލިއެވެ.
"ހިނގާ…" ސޯފާތަކަށް އިޝާރާތްކޮށްލަމުން އާމިރު ބުނެލިއެވެ. ދެމީހުން ގޮސް އިށީނދެ ހަމަޖެހިލުމަށްފަހު، އެންމެ ފުރަތަމަ ވާހަކަ ފެށީ އާމިރެވެ.
"ފަތުޙީ. ސިޔާސީގޮތުން މިހާ ވާދަވެރި މުޖްތަމައުއެއް އޮތްއިރު، ފަތުޙީއަށް ކަޅި އަޅައަޅާ އެތައް ބަޔަކު ތިބޭކަން ފަތުޙީއަށްވެސް އެނގޭނެ. އެހެންވީމަ، ފަތުޙީ އެބަ ޖެހޭ އިޝްފާންގެ ކަންތައް ހަމައަކަށް އަޅުވަން. އެހެން ނޫނީ މި ހުރިހާ ދުވަހު ތިޔަ ކުރި މަސައްކަތް ބޭކާރުވެގެން ދާނީ. ނޫހެއްގެ ސުރުހީގައި މިޒަމާނުގައި ޖަހާލަން ޖެހޭނީ އެންމެ ވާހަކައެއް. މުޅި މީހާ ފަޟީހަތްވެގެން ދާނެ. ކޮންމެ ކޮންމެ ފަހަރަކު އެތެރެއިން މިކަންތައް ނިންމާލުމަކީ ވެސް ފަސޭހަކަމެއް ނޫން. ކަންތައްތަކަށް ކަޅި އަޅާ މީހުން ބައިވަރު. މީ އަހަރެން ފަތުޙީއަށް ރަނގަޅަކަށް ބުނާ ވާހަކައެއް. މި ފަދަ މަޤާމެއްގައި އަހަރެން ހުރީތީ މިކަން މިގޮތަށް މިކުރެވެނީ. ފަތުޙީ އަކީ އަހަރެންގެ ވަރަށް ގާތް ރަޙްމަތްތެރިއަކަށް ވީމައާ އެކީ މިހެން މި ބުނެވެނީވެސް ކޮންމެ ކޮންމެ ފަހަރަކު." އާމިރު ބުނެލިއެވެ.
"ތިކަމާ މިހާރުވެސް މި ވިސްނަނީ. ކޮބާ އިޝްފާން؟" ފަތުޙީ ސުވާލުކޮށްލިއެވެ.
"އެެހެން އެންމެންނާ ވަކިން ބައިންދާފަ އިންނާނެ. " އާމިރު ފަތުޙީއަށް ބަލައިލަމުން ބުނެލިއެވެ.
އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު، އާމިރު ފަތުޙީ ގޮވައިގެން ގޮސް ވަކިން ހުރި ކުޑަކުޑަ ކޮޓަރިގަނޑަކަށް ވަނެވެ. އެތަނުގައި ހުރި މޭޒުގެ އެއްފަރާތުގައި އިޝްފާން ބައިންދާފައި އިނެވެ.
"އޯކޭތަ އަހަރެން…" ފަތުޙީ އެބުނީ ކީކޭކަން އެނގުނު ފަދައަކުން އާމިރު އެތަނުން ނުކުމެލިއެވެ.
އިޝްފާންގެ ބޮލާ ދިމާލުގައި ބެންޑޭޖް ގަނޑެއް އަޅާފައިވާއިރު އަތްވެސް ވަނީ މަށައިގެން ގޮސްފައެވެ. އެއް ކޯތާފަތްވެސް ވަނީ ވަރަށް ބޮޑަށް ނޫފައިގަތްފައެވެ. ފަތުޙީ ފެނުމުންއިޝްފާންގެ މޫނުމަތިން ނުރުހުންތެރިކަން ފެނުނު ނަމަވެސް، އޭނާ އެއްޗެއް ނުބުނެއެވެ.
"ކަލޭ ތިއުޅެނީ އަހަރެން މުޅި ދުނިޔެއަށް ބަދުނާމު ކުރާނަމޭ ހިތާތަ؟" ފަތުޙީ ބުނެލިއެވެ.
"އާނ." އެ ސުވާލަށް އިޝްފާން ޖަވާބު ދިނީ އެއްވެސް ޖެހިލުމެއް ނެތި އެވެ.
(ނުނިމޭ)