ތަޢުލީމު ހާސިލްކުރުމަށް މަދީނާގައި ތިބި ދަރިވަރުންނާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލު ކުރައްވައިފިއެވެ.

ރައީސް އެ ދަރިވަރުންނާ ބައްދަލު ކުރެއްވީ ސަޢޫދީ އަރަބިއްޔާގެ ރަސްގެފާނުގެ ޚާއްސަ މެހެމާންދާރީއެއްގައި، ރައީސްގެ ދެ ކަނބަލުން ކުރައްވާ ޢުމްރާ ދަތުރުފުޅަށް މަދީނާއަށް ވަޑައިގެންނެވެ.

މަދީނާގައި ތަޢުލީމު ހާސިލުކުރަމުންދާ 24 ދަރިވަރަކާ ބައްދަލު ކުރައްވައި، އެ ކުދީން ބޭނުންވާ ކަންކަމާއި، އެ ކުދީންގެ ހުރި ކަންބޮޑުވުންތައް ރައީސް ވަނީ އައްސަވައިފައެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ އެ ކުދީން ފާހަގަކުރި ކަންކަން ބައްލަވައި، އެ ކަންކަން ކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށެވެ.

ރައީސްގެ ދެ ކަނބަލުން މަދީނާއަށް ކުރައްވާ ދަތުރުފުޅަކީ މާތް ވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް ޢަޒީޒުގެ މެހެމާންދާރީގައި ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެ ކަނބަލުން މަދީނާއަށް ވަޑައިގަތުމުން ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުން އެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ، މަދީނާ ސަރަޙައްދުގެ ގަވަރުނަރު، ޞާޙިބުއްސުމުއްވުލް މަލަކީ އަލްއަމީރް ސަލްމާން ބިން ސުލްޠާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދެވެ.