11 Jun 2012, 22:15
ޖުމުހޫރީ ޕާޓީގެ ރައީސް ކަމުގެ މަގާމު ހަނި އަޣުލަބިއްޔަތަކުން ޑރ. އިބްރާހިމް ދީދީ (ޑީޑީ) ކާމިޔާބު ކުރައްވައިފި އެވެ.
ޖުމުހޫރީ ޕާޓީގެ ރައީސް ކަމަށް ހަމައެކަނި ކުރިމަތިލެއްވި ޑރ. ޑީޑީ އައްޔަން ކުރެއްވީ ރޭ ޖުމުހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި އެ ޕާޓީގެ ކައުންސިލް ޖަލްސާގައި ބައިވެރިވެ ވަޑައިގެނެނވި 24 ބޭފުޅުންގެ ތެރެއިން ޑީޑީ ރައީސް ކަމަށް އައްޔަން ކުރައްވަން ފެންނަ ކަމަށް 13 މެންބަރަކު ވޯޓް ދެއްވައިގެންނެވެ. އަދި ނުފެންނަ ކަމަށް 11 މެންބަރަކު ވަނީ ވޯޓް ދެއްވައިފަ އެވެ.
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސަތު ބެލެހެއްޓެވި ކައުންސިލްގެ ޖަލްސާގައި އެ ޕާޓީގެ ރައީސް ކަމުގެ މަގާމުގެ އިތުރުން އެހެން ތިން މަގާމަކަށް ވެސް ވަނީ ބޭފުޅުން އައްޔަން ކުރައްވައިފަ އެވެ. އެ ގޮތުން އެ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ވީޓިވީގެ އެގްޒެކެޓިވު ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި އަމީން އިބްރާހިމް އެވެ. އަމީނަށް 21 ވޯޓް ލިބިވަޑައިގެންނެވި އިރު އޭނާ އާ ވާދަކުރެއްވި މުހައްމަދު ހަލީމަށް ލިބިވަޑައިގަތީ ތިން ވޯޓެވެ.
ޕޮލިސީ ސެކްރެޓަރީ ކަމުގެ މަގާމަށް ހޮވިވަޑައިގަތް މުހައްމަދު އަޖުމަލަށް 14 ވޯޓް ލިބިވަޑައިގެންނެވި އިރު އޭނާއާ ވާދަކުރެއްވެވި މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދަށް ލިބިވަޑައިގަތީ 10 ވޯޓެވެ.
އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ކުރިމަތިލެއްވި ކުރީގެ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު އާއި އެ ޕާޓީގެ ކައުންސިލް މެންބަރު މޫސާ ރަމީޒާ ދެ ބޭފުޅުން ކުރެ ކޮންމެ ބޭފުޅަކަށް 12 ވޯޓް ލިބިވަޑައިގަތުމުން އެ މަގާމުގެ ވޯޓްނެގުމުގެ ކަންކަން ކުރިއަށް ގެންދާނެ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށް ކައުންސިލުގެ ބައްދަލުވުމުން ވަނީ ނިންމައިފަ އެވެ.
ޖުމުހޫރީ ޕާޓީގެ ކައުންސިލްގައި 30 މެންބަރުން ހިމެނި ވަޑައި ގަންނަވަ އެވެ. ނަމަވެސް މިރޭގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިގެންނެވީ 24 މެންބަރުން ނެވެ.
ޖުމުހޫރީ ޕާޓީގެ ރައީސްކަމުގެ މަގާމަށް ހޮވިވަޑައިގެންނެވުމާ އެކު އެ ޕާޓީ ކައުންސިލް ބައްދަލުވުމުގައި ޑރ.ޑީޑީ ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
ރޭގެ ވޯޓަށް ފަހު ޑީޑީ ވިދާޅުވީ ޖުމުހޫރީ ޕާޓީގެ ރައީސްކަން ލިބި ވަޑައިގެންނެވުމުން އޭނާގެ ސިޔާސީ ހަޔާތުގައި ރެއަކީ ވަރަށް އުފާވެރި ރެއެއް ކަމަށާއި އެގޮތުން އުފާ ވަނީ ޖުމުހޫރީ ޕާޓީގެ މެންބަރުންގެ ފުރިހަމަ އަޣުލަބިއްޔަތަކުން ރައީސް ކަމުގެ މަގާމު ލިބިވަޑައިގަތުމުން ކަމަށެވެ. އަދި ދެ ވަނަ ސަބަބކީ ސިޔާސީ ހަޔާތުގައި ދެކިވަޑައިގަތުމަށް ބޭނުންވި ހުވަފެނެއް ހަގީގަތަކަށްވެ ރައްޔިތުންނަށް ވީހާ ވެސް ފުޅާ ދާއިރާއެއްގައި ހިދުމަތް ކުރުމުގެ މަގު ތަނަވެސްގެން ދިއުން ކަމަށެވެ.