11 May 2024, 16:50
ޔޫރަޕްގެ އިއްތިޙާދުގެ 5 ގައުމަކުން ވަރަށް އަވަހަށް މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނަށް އިއުތިރާފުވާނެއެވެ. މިކަންވަނީ ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ޖޯސެޕް ބޮރޭލް އިއްޔެ ކަށަވަރުކޮށްދެއްވާފައެވެ.
ބްރަސަލްސްގައި ދެއްވި ބަޔާނެއްގައި ބޮރެލް އިއްޔެ ވިދާޅުވިގޮތުގައި އަޔަލޭންޑް، ސްޕެއިން، މޯލްޓާ، ނޯވޭ އަދި ސްލޮވީނިއާ އިން ދަނީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފުވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.
ބޮރޭލް ވިދާޅުވިގޮތުގައި އަޔަލޭންޑާއި ސްޕެއިނުން މިމަހުގެ 21 ގައި ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްކަމަށް ރަސްމީކޮށް އިއުތިރާފުވެ އެކަން ރަސްމީކޮށް އިއުލާނުކުރާނެއެވެ. އަޔަލޭންޑްގެ މީޑިއާ އެއްކަމަށްވާ އައިރިޝް ރޭޑިއޯ އެންޑް ޓެލެވިޜަން ނެޓްޥާކް (އާރުޓީއީ) ބުނާގޮތުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފުވުމާބެހޭގޮތުން އަޔަލޭންޑްގެ ޚާރިޖީ ވުޒާރާއިން ގެންދަނީ ސްޕެއިން، މޯލްޓާ، ނޯވޭ އަދި ސްލޮވީނިއާ ގެ ސަރުކާރުތަކާ ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ.
އަދި ލަސްވެގެން މިމަހުގެ 21 ގައި އަޔަލޭންޑާއި މޯލްޓާއިން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފުވާނެއެވެ. ސްޕެއިންއާއި ސްލޮވީނިއާ އަދި ނޯވޭ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފުވުން އެއަށްވުރެ ތަންކޮޅެއް ފަސްވެދާނެކަމަށް "އާރުޓީއީ" ބުނެއެވެ.
ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށް ބަލާއިރު ފަލަސްތީނުގެ ހައްގުތަކުގެ މައްސަލާގައި އެންމެ ބޮޑަށް ވަކާލާތުކުރާ ގައުމަކީ އަޔަލޭންޑެވެ. އަޔަލޭންޑުން ފަލަސްތީނުގެ ހައްގުތަކަށް އެހާ ބޮޑަށް ވަކާލާތުކުރަނީ އެގައުމަކީ އިނގިރޭސިވިލާތުގެ އިސްތިއުމާރާއި އަނިޔާވެރިކަމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ގައުމަކަށްވާތީއެވެ. ބައެއްގެ އަޅުވެތިކަމުގައި ފަލަސްތީނު ގޮތަށް އޮންނަ ގައުމެއްގެ ރައްޔިތުން ތަހައްމަލުކުރާނެ ވޭންތައް އަޔަލޭންޑްގެ ރައްޔިތުންނަށާއި އެގައުމުގެ ސަރުކާރަށް ރަނގަޅަށް އިހުސާސް ކުރެވޭތީއެވެ.
ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ގަތުލުއާންމުތައް އެންމެ ބޮޑަށް ކުށްވެރިކޮށް އިސްރާއީލާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލާ ޔޫރަޕްގެ ގައުމަކީވެސް އަޔަލޭންޑެވެ. ދެން ސްޕެއިން އެވެ. މިދެގައުމުންވަނީ ލަސްތަކެއް ނުވެ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނަށް އިއުތިރާފުވާނެ ކަމަށް މިދިޔަ އަހަރުވެސް އަދި މިއަހަރުގެ ކުރީކޮޅުގައިވެސް ހާމަކޮށްފައެވެ.
ޔޫރަޕްގެ ނުވަ ގައުމަކުން މިހާރުވެސް ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތުރާފުވެފައިވެއެވެ. އދ.ގެ މެންބަރު ގައުމުތަކުގެ ގޮތުގައި 193 ގައުމު އޮންނައިރު އޭގެތެރެއިން 151 ގައުމުންވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފުވެފައެވެ. އެންމެފަހުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިއުތިރާފުވީ ބަހާމާސް އައި ޑްރިނިޑާޑް އެންޑް ޓޮބަގޯ އިންނެވެ.
ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އިއުތިރާފުވެ ފަލަސްތީނަށް ފުރިހަމަ ދައުލަތެއްގެ ހައްސިއްޔަތު ދިން ނަމަވެސް އެކަމުގެ ސަބަބުން ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފައްސައެއް ނުލެވޭނެއެވެ. އަދި މިނިވަން ދައުލަތެއްގޮތުގައި ދައުލަތެއް ގާއިމްކުރާނެ ބިމެއްވެސް ފަލަސްތީނުގައި ނެތެވެ. ފަލަސްތީނުގެ ހުރިހާ ބިންތަކެއް އިސްރާއީލުވަނީ ގަދަބާރުން އަދި ޣައިރު ގާނޫނީގޮތުން ހިފައި ވެރިވެގެންފައެވެ.
ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފައްސާލެވޭނީ އިސްރާއީލަށް ދުނިޔޭގެ ފެންވަރުގައި ޕްރެޝަރުކޮށްގެންނެވެ. ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އިސްރާއީލާ ދެކޮޅަށް އަޅައި އިސްރާއީލު އިނދަޖައްސާލައިގެންނެވެ. މިފިޔަވަޅުތައް އެޅޭނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ބައިވެރިވެގެންނެވެ. ނުވަތަ އެގައުމުތަކުގެ އެއްބާރުލުމާއެކުގައެވެ.
މިފަދަ ކަމެއް އެމެރިކާއާއި ޔޫރަޕުން ކުރިމަތިވެދާނެތީ ޔަހޫދީންވަނީ މާދުރާލައި އެމެރިކާއާއި ޔޫރަޕަށް ބާރާއި ނުފޫޒު ފޯރުވާފައެވެ. ޔަހޫދީންގެ މާލީބާރުގައި އެމެރިކާއާއި ޔޫރަޕް ޖައްސުވާފައެވެ. އެމެރިކާއާއި ޔޫރަޕްގެ ސިޔާސީ ހުރިހާ ފަރާތްތަކަށް ފަންޑްކުރަނީ ޔަހޫދީ ޒަޔަނިސްޓުންނާއި އެމީހުންގެ ކުންފުނިތަކާއި ވިޔަފާރިތަކުންނެވެ.
އެެހެންކަމުން ހުޅަނގުގައިވާ ޔަހޫދީންގެ މާލީ ބާރާއި ނުފޫޒުގައި ފަލަސްތީނުގެ މައްސަލާގައި އެމެރިކާއާއި ޔޫރަޕުން އިސްރާއީލަށް އެއްވެސް ފިއްތުމެއް ނޫނީ ދަތިކުރުމުގެ ފިޔަވަޅެއް އެޅުމަކީ ގާތްގަނޑަކަށް މުސްތަހީލު ކަމެކެވެ.
ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ބޭރުކޮށްލެވޭނެ އަނެއްގޮތަކީ ފަލަސްތީނުގެ މުޖާހިދުންނަށް ޒަމާނީ ހަތިޔާރު ދިނުމެވެ. ހަމާސްއަށް ޒަމާނީ ހަތިޔާރު ދީފިނަމަ އިސްރާއީލު އަސްކަރީ ގޮތުން ބަލިކުރެވިދާނެއެވެ. އެއީ ފަސޭހައިން ކުރެވިދާނެކަމެކެވެ. އެހާލަތުގައި ފަލަސްތީނުގެ ބިންތަކުން ފައިބަން އިސްރާއީލަށް މަޖުބޫރުވާނެއެވެ. ފަލަސްތީނުގެ ހިފާފައިވާ ބިންތަކުން ފައިބައި އެބިންތަކުގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް އިސްރާއީލަށް މަޖުބޫރު ކުރެވޭނެއެވެ.
ނަމަވެސް ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދުގެ ކޮންމެ އަމަލަކީ ޓެރަރިޒަމްގެ އަމަލެއްކަމަށް އެމެރިކާއާއި ޔޫރަޕުންވަނީ ކަނޑައަޅާފައެވެ. މިގޮތަށް ކަނޑައެޅީ ފަލަސްތީނުގެ މުޖާހިދުންނަށް ހަތިޔާރު ދީފިނަމަ އިސްރާއީލު އިނދަޖައްސާލެވޭނެކަން އެމެރިކާއާއި ޔޫރަޕަށް އެނގޭތީއެވެ.
ފަލަސްތީނުގެ މުޖާހިދުންނަށް ހަތިޔާރުފޯރުކޮށްދޭ ކޮންމެ ގައުމަކާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އެގައުމެއް އިނދަޖައްސާލާނެތީ މިއީ އެއްވެސް ގައުމަކަށް ކުރަންކެރޭނެ ކަމެއް ނޫނެވެ.
އީރާނާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ އެތައް ހާސް ފިޔަވަޅުތަކުގެ ސަބަބަކީވެސް މިއެވެ. ހަމާސްއާއި އިސްލާމިކް ޖިހާދުފަދަ ފަލަސްތީނުގެ މިނިވަންކަމުގެ ޖިހާދުކުރާ ޖަމާއަތްތަކަށް ކުޑަކޮށްނަމަވެސް އަސްކަރީ އެހީ އާއި ހަތިޔާރު އުފެއްދުމުގެ ޓެކްނޮލޮޖީ އީރާނުން ފޯރުކޮށްދޭތީއެވެ. އަދި އިސްރާއީލާ ފައިހަމަކުރެވޭފަދަ އަސްކަރީ އަދި ޓެކްނޮލޮޖީގެ (ނިއުކްލިޔާ) ބާރެއް ބިނާކުރަން އީރާން މަސައްކަތްކުރާތީއެވެ. އަދި އިސްރާއީލަކީ ދައުލަތެއް ނޫންކަމާއި އެއީ ފަލަސްތީނުގެ ބިމުން ނައްތާލަންޖެހޭ ކެންސަރު ސެލްއެއްކަމަށް އީރާން ދެކޭތީއެވެ.
އެމެރިކާއާއި ޔޫރަޕްގެ ސިޔާސަތަކީ އިސްރާއީލާ އިގްތިސާާދީގޮތުން ފައިހަމަ ކުރެވޭނެ އަސްކަރީ އަދި ޚާއްސަކޮށް ނިއުކްލިޔާ ބާރެއް މެދުއިރުމަތީގައި އުފެދުނުނަ ނުދިނުމެވެ. އެއީ އެފަދަ ބާރެއް އުފެދިއްޖެނަމަ ފަލަސްތީނުގެ ބިންތަކުން ފައިބަން އިސްރާއީލަށް ޖެހިދާނެތީއެވެ. އަދި އެއީ ފަލަސްތީނުގެ ބިމުގައި ދެމިއޮތުމަށް އިސްރާއީލަށް ކުރިމަތިވާނެ ބިރަކަށް ވެގެން ހިނގައިދާނެތީއެވެ.
މިސަބަބުތައް މިގޮތަށް ހުރުމުން ފަލަސްތީނުގެ މިނިވަން ދައުލަތަށް ދުނިޔޭގެ ގައުމުތަކުން އިއުތިރާފުވިނަމަވެސް ފަލަސްތީނު ރައްޔިތުންނަށް މާބޮޑު އުފަލެއް ނެތެވެ. އަދި އެއީ ފަލަސްތީނުގެ ބިންތައް މިނިވަންކޮށް އެބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދޭނެ ކަމަކަށް ނުވާނެއެވެ.
ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކުންނާއި ޚާއްސަކޮށް ޔޫރަޕްގެ ގިނަ ގައުމުތަކަކުން ފަލަސްތީނަށް މިނިވަން ދައުލަތް ގަބޫލުކޮށް ފަލަސްތީނަށް ދައުލަތެއްގެ ދަރަޖަ ދީފިނަމަ އެއީ އިސްރާއީލަށް ކުރިމަތިވާނެ ނުރައްކާތެރި އަދި ބޮޑު ބޮލުގެ ރިހުމަކަށް ވެގެންދާނެކަމެކެވެ. އަދި އެއީ ދުނިޔޭގެ ގައުމުތަކުން ފަލަސްތީނު ދޫކޮށްނުލާނެކަން އިސްރާއީލަށް އަންގައިދޭ މުހިންމު މެސެޖަކަށްވެސް ވެގެންދާނެކަމެކެވެ.
އދ.ގެ އާންމު މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތަކުން އިއްޔެވަނީ ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަދީ ފަލަސްތީނަކީ އދ.ގެ ފުރިހަމަ މެންބަރެއްކަމަށް ހެދުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް އިލްތިމާސްކޮށް ގަރާރެއް ފާސްކޮށްފައެވެ. ނަމަވެސް މިކަންކުރެވޭނީ ސަލާމަތީ މަޖިލީހުގައި އެކަމާދެކޮޅަށް އެމެރިކާއާއި ޔޫރަޕްގެ ބޮޑު ދެބާރު ކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ވީޓޯ ނުކޮށްފިނަމައެވެ.
މީގެ މަހެއްހާ ދުވަސްކުރިން މިމައްސަލަ ސަލާމަތީ މަޖިލީހަށް ހުށަހެޅުމުން އެމެރިކާވަނީ އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ދެކޮޅު ހަދައި އެކަން ވީޓޯކޮށްފައެވެ. އަދިވެސް މިކަން އެމެރިކާއިން ވީޓޯ ކުރާނެކަމަށްވަނީ ބެލެވިފައެވެ.