ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އަވަހަށް އިންޑިއާއަށް ދަތުރެއް ކުރެއްވުމުގެ މަޝްވަރާތައް އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖަޔަޝަންކަރާއެކު ކުރައްވައިފައިވާކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގައުމުގެ އޭއެންއައި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޒަމީރު ވިދާޅުވީ، އެ ދަތުރުގެ ތެރެއިން އިންޑިއާގެ މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި އެކަމުގެ މަޝްވަރާތައް ކުރެއްވި ކަމަށެވެ.

މީގެ ކުރިން ހުރިހާ ރައީސުންވެސް ހުވާ ކުރެއްވުމަށް ފަހު ފުރަތަމަ ކުރައްވާ ދަތުރުފުޅެއްގެ ގޮތުގައި އިންޑިއާއަށް ދަތުރުފުޅު ކުރައްވައިފައިވާއިރު ރައީސް މުޢިއްޒު ވަނީ އިންޑިއާއަށް ވަޑައިގަތުމުގެ ކުރިން ޗައިނާ، ތުރުކީ އަދި ޔޫއޭއީގެ އިތުރުން ސައުދީ އަރަބިއާއަށް ވެސް ވަޑައިގެންފައެވެ.

މިކަމާގުޅިގެން މިނިސްޓަރު ޒަމީރު ވިދާޅުވީ ރައީސްގެ އިންޑިއާ ދަތުރުފުޅު ލަސްކުރަން ޖެހުނީ ދެފަރާތަށް ވެސް ފަސޭހަ ގޮތެއް ހޯދުމަށް ކަމަށެވެ.

"ރައީސް ވަޑައިގެންނެވި ތުރުކީއަށް ވެސް އަދި ޗައިނާއަށް ވެސް. އަޅުގަނޑަށް ހީވަނީ ބޮޑަށް ފަސޭހަ ގޮތްހެން އެއީ، ސަބަބަކީ އަޅުގަނޑުމެން އިންޑިއާއާ ވެސް ވާހަކަދެއްކިން ދަތުރެއް ކުރުމަށް. ނަމަވެސް، ދެ ފަރާތަށް ވެސް ފަސޭހަ ގޮތް ހެދުމަށް އަޅުގަނޑުމެންނަށް ބެލެވުނީ އެ ދަތުރު ކުޑަކޮށް ލަސްކުރުން އެންމެ ރަނގަޅުވާނެ ކަމަށް،" ޒަމީރު ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު އިންޑިއާ ވަޑައިގަތުމަށް ފަހު މިހާރު އެނބުރި ވަޑައިގެންފައިވާ ޒަމީރު ވަނީ އިންޑިއާގެ ދަރަނި އަދާކުރުމުގައި ލުއި ގޮތެއް ހޯދަން ވެސް ޖަޔަޝަންކަރާ މަޝްވަރާކުރައްވައިފައެވެ.

މިނިސްޓަރު ވަނީ، އިންޑިއާގެ ލޯނުތަކުގެ ސަބަބުން ދިވެހިންނަށް ގިނަގުނަ ފައިދާތަކެއް ވެފައިވާ ކަމަށާއި، އެކަމަށް ޝުކުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް ވަޑައިގެންނެވި އެންމެ ފުރަތަމަ ގައުމަކަށް އިންޑިއާ ނުވުމުން، އެއީ މި ސަރުކާރާއި އެގައުމުގެ ގުޅުން ރަނގަޅު ނުވުމުގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ. އަދި މިއީ 'ޕްރޯ ޗައިނާ' ސަރުކާރެއް ކަމަށް އިދިކޮޅު ފަރާތްތަކާއި ބޭރުގެ ބައެއް މީޑިއާތަކުގައި ސިފަކޮށްފައިވާއިރު، ސަރުކާރުން ގެންގުޅެނީ 'ޕްރޯ މޯލްޑިވްސް' ސިޔާސަތު ކަމަށް މި ސަރުކާރުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.