އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ 11 ބިލިއަން ރުފިޔާއަށް އިތުރުވެ، ދައުލަތުގެ ޚަރަދުތައް ނިމިދިޔަ އަހަރުގެ މިހާތަނާ އަޅާ ބަލާއިރު ކުޑަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތައް ހުރީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ކުޑަވެފައެވެ. އެގޮތުން 12.6 ބިލިއަން ރުފިޔާގައި ދައުލަތުގެ ޚަރަދުތައް މިހާތަނަށް ހުރި އިރު މިދިޔަ އަހަރު މި މުއްދަތުގައި ދައުލަތުގެ ޚަރަދު ހުރީ 14.9 ބިލިއަން ރުފިޔާގައެވެ.

ނިމިދިޔަ އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 10.7 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ދައުލަތަށް ވަނީ 11.1 ބިލިއަން ރުފިޔާ ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީއާ އަޅާ ބަލާއިރު 3.7 ޕަސެންޓުގެ އިތުރުވުމެކެވެ.

އަހަރުގެ މިހާތަނަށް ރިކަރަންޓް ޚަރަދަށް 9.7 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު ކެޕިޓަލް ޚަރަދަށް 2.8 ބިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.

ހުސްވި އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބުނު 11.1 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ:

  • ޓެކްސް އާމްދަނީގެ ގޮތުގައި 9.2 ބިލިއަން ރުފިޔާ

  • ޓެކްސް ނޫން އެހެނިހެން އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ
  • އެހީގެ ގޮތުގައި 51.6 މިލިއަން ރުފިޔާ

މީގެ ތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި އިމްޕޯޓް ޑިއުޓީން 700 މިލިއަން ރުފިޔާއާއި، ޖީއެސްޓީގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 374.8 މިލިއަން ރުފިޔާ އަދި ބީޕީޓީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ހިމެނެއެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 49.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ވޯލްޑް ބޭންކުން ލަފާކޮށްފައިވަނީ ރާއްޖޭގެ އިޤުތިޞާދު މި އަހަރު 4.7އަށް އިތުރުވާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ކުރިން ލަފާކުރި މިންވަރަށްވުރެ މަދު އަދަދެއް ކަމަށް ބުނެފައިވެއެވެ. އަދި މާލީ ގޮތުން ފިޔަވަޅުތަކެއް ތަންފީޒުނުކޮށްފިނަމަ، ރާއްޖޭގެ ދަރަނި އިތުރުވެދާނެ ކަމަށް ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ރިޕޯޓުގައި ވަނީ އިންޒާރު ވެސް ދީފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ، އެ މަނިކުފާނުގެ ވެރިކަން ފެއްޓެވިއިރު އިގުތިސާދީ ހާލަތު ގޯސްކަން ފާހަގަކުރައްވައި، މާލީ އިސްލާހީ ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވެފައެވެ.

އެ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ފެބްރުއަރީ މަހު ފިނޭންސް މިނިސްޓްރީން ވަނީ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ޚަރަދު ކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މައިގަނޑު ހަތް ދާއިރާއަކުން ޚަރަދުކުޑަކުރަން އެންގިއިރު، މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމާއި ރަސްމީ ދަތުރުތައް ކުރުމާއި އިތުރު އެލަވަންސްތައް ތައާރަފުކުރުމާ ގުޅޭ އެންގުންތަކެއް ވެސް ހިމެނިއެވެ.