11 May 2024, 12:11
'މާލެ ފެހި'ގެ ނަމުގައި މާލެ ސިޓީ ކައުންސިލުން ހިންގާ ގަސް ފިހާރަތައް, ޚަރަދު ބޮޑުވާތީ ހުޅުމާލެއަށް ބަދަލު ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މާލޭގައި އެ ކައުންސިލުން ހިންގަމުން ދިޔަ ފިހާރަތައް މިހާރު އެއްކޮށް ހުޅުމާލެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މާލޭގެ އައުޓްލެޓުތަކުގައި ސްޓާފުން ބައިތިއްބައިގެން އެތަން ބެލެހެއްޓުމަށާއި ކަރަންޓަށް ވެސް ވަރަށް ބޮޑު ޚަރަދެއް ކައުންސިލުން ހިނގާ ކަމަށެވެ.
"ހުޅުމާލެ ކޮޅުގައި އެތަނުގެ ގިނަ ގަސްތަކާއި ހުރިހާ އެއްޗެއް ހުންނަނީ. މިކޮޅުގައި ހުންނަނީ ކުޑަކުޑަ ތަންކޮޅެއް. ގަހެއް ވެސް ވަކި ނުއެއް ހުރޭ،" އޭނާ ވިދާޅުވިއެވެ.
ހުޅުމާލޭގައި މާލޭ ސިޓީ ކައުންސިލުން ގަހާއި ގަސްކާނާ ވިއްކާ ބޮޑު އައުޓްލެޓެއް ނާސަރީއަކާއެކު ހުންނަކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.
'މާލޭ ފެހި' މަޝްރޫއަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު މާލެ ޒީނަތްތެރިކޮށް ފެހި ކުރުމުގެ ގޮތުން، މާލޭގެ އެކި ސަރަހައްދުތަކުގައި ގަސް ހައްދައި ގަހާއި ގަސް ކާނާ ވިއްކާ ގޮތަށް ފެއްޓެވި މަޝްރޫއެކެވެ.
އޭރު ރައީސް މުޢިއްޒު ވިދާޅުވީ މާލެ ސިޓީގެ އިތުރުން މުޅި ރާއްޖޭގެ ރައްޔިތުންވެސް އެ ޕްރޮގްރާމް ބަލައިގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.