ޖުމުހޫރީ ޕާޓީގެ ކައުންސިލްގެ މަގާމުތަކަށް މެންބަރުން ހޮވުމަށް ރޭ ބޭއްވި އެޕާޓީގެ ކައުން ސިލް ބައްދަލުވުމުގައި ޕާޓީގެ ނައިބު ލީޑަރު ކާށިދޫ ދާއިރާގެ މެން ބަރު އަބްދުﷲ ޖާބިރާއި އެޕާޓީގެ ކައުން ސިލްމެންބަރު ފުވާދު ގާސިމް (ފޯޑް) އާއި ދެބޭފުޅުން ހިޔާލު ތަފާތުވެ ޒުވާބު ކުރެއްވުމަށް ފަހު ބައްދަލުވުން ދޫކޮށް ދެ ބޭފުޅުން ވަޑައިގެންފި އެވެ.

ޕާޓީގެ ރައީސް ކަމަށް ޑރ. އިބްރާހިމް ދީދީ (ޑީޑީ) އިންތިހާބު ކުރި ޖަލްސާގައި ޖާބިރާއި ފޯޑާ ދެމެދު ހިޔާލު ތަފާތުވެ ޒުވާބު އުފެދުނީ މަގަމުތަކަށް ވޯޓްލާ ނިމުން ޕާޓީގެ އެކިކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރަން ފެށިތަނާ އެވެ. ސަން އޮންލައިނަށް ކަށަވަރުވަރުވެފައިވާ ގޮތުގައި ދެ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވެ ޒުވާބު އުފެދުނީ ސަރުކާރުގެ މިނިސްޓްރީއެއްގެ މައްސަލައިގަ އެވެ.

މި ރޭ އޮތް އިންތިހާބަށް ފަހު މަޝްވަރާ ފެށިތަނާހެން ކުއްލިއަކަށް ފެނުނީ ފޯޑާއި ޖާބިރާ ދެބޭފުޅުން ވެސް ބަހުގެ ހަމަލާތައް ދެއްވާ އަޑު ހަރުކޮށް ޒުވާބު ކުރަން ފެއްޓެވި މަންޒަރެވެ. ހޫނު ގަދަވެގެން ދިޔަ ވަގުތު ޖާބިރު ފޯޑާ ދިމާއަށް އަތް މަޅުއްވައިގެން ހުންނެވި މަންޒަރު ވެސް ފެނުނެވެ. އަދި އެވަގުތު ސަލާމް ކުރައްވަން ފޯޑް އަތް ދިއްކޮށްލެއްވުމުން ޖާބިރު ސަލާމް ނުކުރައްވާ ޖަލްސާ ވެސް ދޫކުރައްވާ ވަޑައިގެންނެވީ އެވެ. އޭގެ ކުޑައިރުކޮޅެއްފަހުން ފޯޑާއި ޖުމުހޫރީ ޕާޓީގެ ކައުންސިލް މެންބަރު ނާއިފު ޝައުކަތައި ދޭބޭފުޅުން ވެސް ޖަލްސާ ދޫކުރައްވާ ނުކުމެ ވަޑައިގެންނެވީ އެވެ.

ޖާބިރު ނުކުމެ ވަޑައިގެންނެވި ވަގުތު ކޯފާވީ ކޮންކަމަކާތޯ ސަންއިން ސުވާލު ކުރުމުން ޖާބިރު ވިދާޅުވީ \\\"އަޅުގަނޑު އެގޮތަށް މިޕާޓީގައި \\\'ޖުމުހޫރީ ޕާޓީގައި] އުޅެން ބޭނުންނުވާ\\\" ކަމަށެވެ. އަދި ވިދާޅުވީ \\\"އެންމެވެސް ގަވައިދަށް އިހުތިރާމް ކުރަން ޖެހޭނެ\\\" ކަމަށެވެ. އިތުރު ބަސްފުޅެއް ވިދާޅެއް ނުވެ އެވެ.

ޖަލްސާ ދޫކުރައްވާ ނުކުމެ ވަޑައިގެންނެވި ފޯޑް ވިދާޅުވީ ޖުމްހޫރީ ޕާޓީގައި ބޭނުންހާ ގޮތެއް ހަދަން ފުރުސަތު ނުދެވޭނެ ކަމަށެވެ.

\\\"ޖާބިރުމެން ހެދިހާ އެއްޗެއް ހަދާކަށް [ޕާޓީގައި] ފުރުސަތެއް ނުދެވޭނެ\\\" ހަދާ ގޮތެއް ގަބޫލުފުޅު ނުކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޑެޕިއުޓީ ސްޓޭޓް މިނިސްޓަރުކަން ވެސް ދޫކޮށްލެވި ފޯޑް ވިދާޅުވި އެވެ.

ހޫނުވެގެން ދިޔަ ޖަލްސާއަށް ފަހު ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ފޯޑާއި ޖާބިރުގެ ދެމެދު މިރޭ ޖެހުނު މައްސަލައަކީ ޕާޓީގެ ތެރޭގައި ބޭއްވި އިލެކްޝަނާއި ގުޅުން ހުރި ކަމެއް ނޫންކަމަށެވެ. އެއީ ސަރުކާރުން ޖުމުހޫރީ ޕާޓީއަށް ލިބެންޖެހޭ ވަކިކަހަލަ ކަންތައްތަކާއި ގުޅޭ ގޮތުން ދެކެވުނު ވާހަކައެއްގައި ހިޔާލު ތަފާތުވެގެން ދިމާވި މައްސަލައެއް ކަމަށެވެ.

\\\"އެކަހަލަ ކަންތައްތަކަކީ ޑިމޮކްރަސީގައި ދިމާވާނެ ކަންކަން. އެކަމާ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ހައިރާނެއް ނުވޭ. ހިޔާލު ތަފާތުވެގެން ދެބޭފުޅުން ނުކުތީ މިރޭގެ އިލެކްޝަންގެ ކަމަކާއި ގުޅިގެނެއް ނޫން. ސަރުކާރުން އަޅުގަނޑުމެންނަށް ލިބެންވާ ވަކިކަހަލަ ކަންތަށް ތަކާއި ގުޅިގެން ދެކެވުނު ވާހަކެއްގެ ތެރޭގައި ހިޔާލު ތަފާތުވެގެން ދެބޭފުޅުން ނުކުމެ ވަޑައިގަތީ،\\\" ގާސިމް ވިދާޅުވި އެވެ.

ސަންއަށް މައުލޫމާތުދެއްވި އެޕާޓީގެ މެންބަރަކު ނަން ހާމަ ނުކުރަން ޝަރުތު ކޮށް ވިދާޅުވީ ޖާބިރާއި ފޯޑާއި ދެބޭފުޅުން މެދުގައި ޒުވާބެއް ހިނގީ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދުގެ ބަދަލުގައި ޖުމުހޫރީ ޕާޓީގެ އާ ރައީސް ޑރ. އިބުރާހިމް ދީދީ އެ މަގާމަށް ގެންނެވުމަށް ޖާބިރު ހުށަހެޅުއްވެވި ހިޔާލަކަށް ފޯޑް ދެކޮޅު ހައްދަވާ ފާޑު ވިދާޅުވުމުން ކަމަށެވެ.

އޭނާ ވިދާޅުވީ އެކަން އެގޮތަށް ކުރަން ޖުމުހޫރީޕާޓީގެ ކައުންސިލްގެ ކުޑަ ކޮމިޓީއެއްގެ މެނބަރުންގެ މެދުގައި ވޯޓަކަށް އެހުމުން ޖަމްޝީދު ހުންނެވި މަގާމުން ދުރުކުރެއްވުމަށް ފަހު ހެލްތު މިނިސްޓަރު ކަމަށް ޑީޑީ ގެންނަން ފާސްނުވުމުން އެ ވާހަކަ އަލުން ކައުންސިލްގައި ދެއްކުމަކީ ރަނގަޅުކަމެއް ނޫންކަމަށް ފޯޑު ހިޔާލު ހުށަހެޅުއްވެވި ކަމަށާއި ނަމަވެސް ޖާބިރު އެއަށް ރައްދު ދެއްވުމާއެކު ޒުވާބު ގަދަވެ ދެބޭފުޅުން ވެސް ޖަލްސާ ދޫކުރައްވާ ވަޑައިގެންނެވީ ކަމަށެވެ.

މައުލޫމާތު ދެއްވި މެންބަރު ވިދާޅުވީ ކޯލިޝަން ސަރުކާރެއް އޮއްވާ ޖާބިރުގެ އެ ހުށައެޅުން އެއީ އެއީ އެންމެ ރަނގަޅު ހުށަހެޅުން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

\\\"އަޅުގަނޑުމެން ނުހަނު ބުރަ މަސައްކަތުން ގެނައި ކޯލިޝަން ސަރުކާރެއް މިއީ މި ކޯލިޝަނަށް ބުރޫ އަރުވާލާކަށް ޖާބިރަކަށް ލާހިކު ކުޅަދާނަ ކަމެއް ނޫން. ޑރ. ޖަމްޝީދުގެ ބަދަލުގައި ހެލްތު މިނިސްޓްރަކަށް ޖުމުހޫރީ ޕާޓީގެ ފަރާތުން ޑީޑީ ކަނޑައަޅަން އެވާހަކަތައް ދެއްކުމުގެ މައިގަނޑު މަގުސަދަކީ ކޯލިޝަން ރޫލާލައި ނިކަމެތިކޮށްލުން. އެކަން ކުރާކަށް ނުކެރޭނެ،\\\" ޖުމުހޫރީ ޕާޓީގެ ކައުން ސިލް މެންބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖުމުހޫރީ ޕާޓީއަށް ސަރުކާރުން ލިބެން ޖެހޭ ހިއްސާ މަދު ނަމަވެސް ހެލްތު މިނިސްޓްރީ ފަދަ މުހިންމު ވުޒާރާއެއްގެ މިނިސްޓަރަކަށް ހުންނެވި ޖަމްޝީދު މަގާމުން ދުރުކުރަން އެއްބަސް ނުނެވޭނެ ކަމަށާއި އަދި އެގޮތަށް އެޕާޓީގެ ކައުންސިލުން ތާއީދު ވެސް ނުކުރާނެ ކަމަށެވެ.