11 May 2024, 10:20
އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމީ ތަރިންގެ ތެރޭ ހިމެނޭ އެކްޓަރު ސަލްމާން ޚާން ދުވަހަކު ވެސް ކައިވެންޏެއް ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކުރީގެ އެކްޓަރު މިތުން ޗަކްރަބަތީ ބުނެފިއެވެ.
ޒީޓީވީއިން ގެނެސްދޭ ދުވަސްވީ ޓީވީ ރިއަލިޓީ ޝޯ ސަރެގަމަޕާގައި ސަލްމާން ޚާން ބައިވެރިވި އެޕިސޯޑެއްގައި މިތުން ވަނީ ސަލްމާން ޚާންއާ އެކު ފިލްމު ސެޓެއްގައި ކުރެވުނު ތަޖުރިބާތައް ބެލުންތެރިންނާ ހިއްސާކޮށްފައެވެ.
މިތުން އާއި ސަލްމާން ޚާން އެކީގައި 2005ވަނަ އަހަރު ކުޅުނު ފިލްމު "ލަކީ:ނޯ ޓައިމް ފޯ ލަވް"ގެ މަންޒަރުތަކެއް ނެގުމަށް ރަޝިއާގައި ހޭދަކުރި ދުވަސްތަކާ ބެހޭގޮތުން ވާހަކަދައްކަމުން މިތުން ބުނީ ސަލްމާންއަކީ ވަރަށް ލާނެތް އެކްޓަރެއް ކަމަށެވެ.

ސަލްމާން ޚާން އާއި ކެޓްރީނާ ކައި ރިއަލިޓީ ޓީވީ ޝޯ 'ސަރެގަމަޕާ' އެޕިސޯޑެއްގައި ބައިވެރިވަނީ--ފޮޓޯ/ޕޭސްބުކް
މިހާތަނަށް ވަރަށް ގިނަ ފިލްމީ ތަރިންނާ އެކު މަސައްކަތް ކުރެވިފައިވީ ނަމަވެސް ސަލްމާންއާ އެކު މަސައްކަތްކުރި މަދު ފިލްމުތަކުގެ ސެޓުތަކުގައި ހިނގާފައި ހުރި މަޖާ ހާދިސާތައް ހަނދާންނައްތާލަން އުނދަގޫ ކަމަށް މިތުން ވަނީ ބުނެފައެވެ.
ސަލްމާން ޚާންގެ އުމުރުން ދުވަސްތައް ފާއިތުވަމުން ދިޔަ ނަމަވެސް ސަލްމާންގެ ރީތި ކަމާއި ޒުވާންކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ނަމަވެސް ސަލްމާން ޚާން ކައިވެންޏެއް ނުކުރާނެކަމުގެ ޔަގީންކަން ދޭ ކަމަށް މި އެޕިސޯޑުގައި މިތުން ވަނީ ބުނެފައެވެ.
ސަލްމާންގެ ހަޔާތަށް ލޯބިވެރިން އައި ނަމަވެސް ސަލްމާން ކައިވެންޏަކާ މެދު ވިސްނުމަކީ އެ އަންހެންކުދިންނަށް ކުރެވޭ ވަރަށް ބޮޑު ކުށްހީއެއް ކަމަށް މިތުން ބުނެފައިވެއެވެ. ސަލްމާން ޚާން ހުހަށް ހުންނަ މައުޟޫއަކީ އޭނާ ބައިވެރިވާ ވަރަށް ގިނަ ޝޯތަކުގައި އަލިއަޅުވާލެވޭ މައުޟޫއެކެވެ.
މިހާތަނަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާއިން ކަމަށްވާ ސޯމީ އަލީ ޚާން، ސަންގީތާ، އައިޝްވާރިޔާ ރާއި އަދި ކެޓްރީނާ ކައިފް ފަދަ ތަރިންނާ އެކު ސީރިއަސް ލޯބީގެ ގުޅުމެއް ސަލްމާން ބޭއްވި ނަމަވެސް މި ގުޅުންތައް ވަނީ ކައިވެންޏާ ހަމައަށް ނުދެވެނީސް ނިމިފައެވެ.