މި އަންނަ އަހަރުގެ ފިތުރު އީދާ ދިމާކޮށް ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމު "ސިކަންދަރު"ގެ ބަތަލާގެ ރޯލަށް ރަޝްމިކާ މަންދަނާ ހަމަޖައްސާފައިވާކަން އިއުލާނުކޮށްފިއެވެ.

ސަލްމާން ޚާން ލީޑް ރޯލް ކުޅޭ މި ފިލްމުގެ ބަތަލާގެ ރޯލަށް ސައުތު ސިނަމާގެ މަޝްހޫރު ބަތަލާ ރަޝްމިކާ ހަމަޖެއްސިކަން އިއުލާނުކޮށްފައި މިވަނީ އެ ރޯލަށް ބަތަލާ ކިއާރާ އަދްވާނީ ގެންނަން އުޅޭކަމަށް މިދިޔަ މަސްތެރޭ މީޑިއާ ރިޕޯޓުތަކުން ބުނެފައި ވަނިކޮށެވެ.

ޑައިރެކްޓަރު އޭއާރު މުރުގާދޯސްގެ މި ފިލްމަކީ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ. މި އަހަރުގެ ޖޫން މަހު މަސައްކަތް ފަށަން ނިންމާފައިވާ ފިލްމު "ސިކަންދަރު"ގެ ރޯލަށް ސޮއިކުރި ޚަބަރު ރަޝްމިކާ ވަނީ އަމިއްލަ އެކްސް އެކައުންޓު މެދުވެރިކޮށް ސަޕޯޓަރުންނާ ހިއްސާކޮށްފައެވެ. ރަޝްމިކާގެ ކުރިޔަށް އޮތް ފިލްމާ ބެހޭގޮތުން ގިނަ ސަޕޯޓަރުން ސުވާލުކުރާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި ނަމަވެސް މި ޚަބަރު މިހާތަނަށް ހިއްސާނުކޮށް މަޑުކުރީ ސަޕޯޓަރުންނަށް ސަޕްރައިޒެއް ދިނުމުގެ ބޭނުމުގައި ކަމަށް ރަޝްމިކާ ވަނީ ބުނެފައެވެ.

ރަޝްމިކާ ފިލްމު "ޕުޝްޕާ2"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމު "ސިކަންދަރު" އަކީ ސަލްމާން ޚާންއާ ރަޝްމިކާ އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމަށް ވެފައި ދެ ތަރިންގެ އޮން ސްކްރީން ކެމިސްޓްރީ ވަރަށް ގުޅޭކަމަށް ބުނެ ބައެއް ސަޕޯޓަރުން ވަނީ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ މި ނިންމުން ވަރަށް ރަނގަޅުކަމަށް ބުނެފައެވެ. ފިލްމު "ޕުޝްޕާ" އަދި "އެނިމަލް" ފަދަ ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ރަޝްމިކާ އަކީ ސައުތު ސިނަމާގެ އިތުރުން ބޮލީވުޑްގެ ވެސް ޑިމާންޑު ބޮޑު ބަތަލާއިންގެ ތެރޭ ހިމެނޭ ތަރިއެކެވެ.

ރަޝްމިކާގެ ފިލްމު "ޕުޝްޕާ"ގެ ދެވަނަ ބައި މި އަހަރުގެ އޮގަސްޓް މަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާއިރު ބަތަލާ ވަނީ އެކްޓަރު ވިކީ ކޯޝަލްއާ އެކު "ޗާވާ" ނަމަކަށް ކިޔާ ފިލްމަކަށް ސޮއިކޮށްފައެވެ.