މި އަހަރުގެ އޮގަސްޓް މަހު މަސައްކަތް ފަށަން ނިންމާފައިވާ މަގުބޫލު ފްރެންޗައިސް "ހައުސްފުލް"ގެ ފަސް ވަނަ ބަޔަށް އެކްޓަރު އަބީޝެކް ބައްޗަން ގެންނަން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.

ހެއްވާ މަޖާ ހާދިސާތަކުން ބެލުންތެރިން ހެއްވާލި ކޮމެޑީ ފިލްމުގެ "ހައުސްފުލް5"އަށް އަބީޝެކް ގެންނަން ނިންމިކަން ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ. ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ވަރަށް ބޮޑަށް ކަމުދިޔަ މި ފްރެންޗައިސްގެ ތިން ވަނަ ބައިން އަބީޝެކް ވަނީ ފެނިފައެވެ.

އަބީޝެކްއާ އެކު "ހައުސްފުލް5"އިން ފެންނާނެ މުހިއްމު ތަރިންގެ ތެރޭގައި އަކްޝޭ ކުމާރު އަދި ރިތޭޝް ދޭޝްމުކް ހިމެނޭއިރު ފިލްމުގައި ބަތަލާއިންގެ ރޯލްއިން ފެންނާނީ ކޮން ތަރިންނެއް ކަމެއް އަދި ހާމަ ނުކުރެއެވެ.

އަބީޝެކް ބައްޗަން، އަކްޝޭ ކުމާރު އަދި ރިތޭޝް ދޭޝްމުކް ފިލްމު "ހައުސްފުލް3"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ
އަބީޝެކް ފިލްމަށް ގެންނަން ނިންމިކަން އިއުލާނު ކުރަމުން ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު ބުނެފައި ވަނީ އަބީޝެކް އަކީ ކޮމެޑީ ރޯލްތައް ވަރަށް ފުރިހަމައަށް ފަރުވާތެރިކަމާ އެކު ކުޅޭ ތަރިއެއް ކަމަށެވެ. ޚާއްސަކޮށް އަކްޝޭ އާއި ރިތޭޝްއާ އެކު މީގެކުރިން ވެސް އަބީޝެކް ސްކްރީނުން ފެނުމަކީ ބެލުންތެރިން ވަރަށް ބޮޑަށް ބަލައިގަތް ކަމެއްކަން ފާހަގަކޮށްލެވޭކަމަށް ސާޖިދު ވަނީ ބުނެފައެވެ.

ފިލްމު "ހައުސްފުލް"ގެ ފްރެންޗައިސް އަކީ އަބީޝެކްއަށް ވަރަށް ކަމުދާ ފިލްމު ސީރީސްއެއް ކަމަށާއި ސާޖިދު ފަދަ ތަޖުރިބާހުރި ޕްރޮޑިއުސަރަކާއެކު އަނެއްކާވެސް މަސައްކަތްކޮށްލަން ލިބުމަކީ ލިބުނު ނުހަނު ބޮޑު އުފަލެއް ކަމަށް އަބީޝެކް ވަނީ ބުނެފައެވެ. މީގެއިތުރުން އަކްޝޭ އާއި ރިތޭޝްއަކީ އަބީޝެކްގެ ވަރަށް ގާތް ރަޙްމަތްތެރިންނަށް ވެފައި އެ ކޯ-ސްޓާރުންނާ އެކު ފިލްމު ސެޓުގައި ހޭދަކުރެވޭ ވަގުތަކީ ވަރަށް މަޖާ އުފާވެރި ވަގުތުތަކެއް ކަމުން އެނބުރި އެ ފިލްމުގެ ސެޓަށް ދިއުމަށް ކެތްމަދުވެފައިވާ ކަމަށް އަބީޝެކް ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގައި ބޮޑު ބައެއް ޝޫޓު ކުރަން ނިންމާފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ އަބީޝެކް މުހިއްމު ރޯލް ކުޅުނު "ދޯސްތާނާ"ގެ ޑައިރެކްޓަރު ތަރުން މަންސުހާނީއެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ މެދުތެރޭއެވެ.