10 May 2024, 22:38
އދ.ގައި ފަލަސްތީނަށް ލިބިދޭ ހައްގުތައް އިތުރުކޮށް، ފުރިހަމަ މެމްބަރުކަން ދިނުމަށް އދ.ގެ އާންމު މަޖިލީހުން މިއަދު ފާސްކުރުމާއެކު ބައިނަލްއަގްވާމީ ދުނިޔެއިން އެ ކަމުގައި އެޅި ހަރުދަނާ ފިޔަވަޅަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
އެ ކަމާ ގުޅިގެން މިރޭ ރައީސް ވިދާޅުވީ މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.
އަދި ބައިނަލްއަގްވާމީ މުޖުތަމައުން އެ ގަރާރު ފާސްކުރުމަށް ކުރި މަސައްކަތް ވެސް ފާހަގަކުރައްވާ ކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.
އެ މަނިކުފާނު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުން ވަނީ އަމިއްލަ މިނިވަން ދައުލަތެއްގެ ހައްގު ކަށަވަރުކުރުމަށް ކުރާ މަސައްކަތުގައި އެތައް ގޮންޖެހުމެއް ތަހައްމަލުކޮށްފައި ކަމަށެވެ.
އެ ރައްޔިތުންގެ ފަރާތުން ފެންނަ ހިތްވަރާއި، ކެރުންތެރިކަމަކީ ރާއްޖެއިން ބަލައިގަންނަ، ފަޚުރުވެރިވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
އަދި ރާއްޖެއިން އަބަދު ވެސް ދެމި އޮންނާނީ ފަލަސްތީނުގެ މިނިވަންކަމާއި ސިޔާދަތު ބަލައިގަންނަ ގައުމެއްގެ ގޮތުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އދ.ގެ އާންމު މަޖިލީހުގައި މިއަދު ނެގުނު ވޯޓުގައި 143 ގައުމަކުން ވަނީ ފަލަސްތީނަށް އދ.ގައި ފުރިހަމަ މެމްބަރުކަން ދިނުމަށް ތާއީދުކޮށް ވޯޓު ދީފައެވެ. ނުވަ ގައުމަކުން އެ ކަމާ ދެކޮޅު ހެދިއިރު، 25 ގައުމަކުން ނިންމީ ވޯޓުގައި ބައިވެރިނުވާށެވެ.
މި ވޯޓާއެކު އދ.ގެ އާންމު މަޖިލީހުން ވަނީ ފަލަސްތީނަކީ އދ.ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ގޮތުގައި ހެދުމަށް ހުށަހަޅައިފައި އޮތް ހުށަހެޅުން މުރާޖާކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ގޮވައިލައިފައެވެ.