އދ. ގައި ފަލަސްތީނަށް ލިބިދޭ ހައްގުތައް އިތުރުކޮށް، ފުރިހަމަ މެމްބަރުކަން ދިނުމަށް އދ.ގެ އާންމު މަޖިލީހުން މިއަދު ފާސްކުރުމުން އެ ކަމަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖެއަކީ ފަލަސްޠީނުގެ ހައްގުތަކަށް ވަކާލާތުކުރުމުގައި ދެގޮތެއް ނުވެ ދެމި އޮތް ގައުމެއްކަން ފާހަގަކުރައްވައިފައެވެ.

އަދި ވިދާޅުވީ މިއަދު ފާސްކުރެވުނު މި ގަރާރަކީ ރާއްޖެއިން ކޯ ސްޕޮންސަރު ވެސް ކޮށްފައިވާ ގަރާރެއް ކަމަށެވެ.

އެއާއެކު މިނިސްޓަރު ވަނީ އދ.ގެ އެމެޖެންސީ ސެޝަންގައި މިއަދު ނެގި ވޯޓުގައި ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން ގަރާރު ފާސްކުރުމުން އެ ކަމަށް މަރުހަބާ ވިދާޅުވެފައެެވެ.

އެއާއެކު މިނިސްޓަރު ވިދާޅުވީ ރާއްޖެއިން އަބަދު ވެސް ދެމި އޮންނާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ވަކާލާތުކުރުމުގައި ކަމަށެވެ. އަދި މިނިވަން، އިން ވަކި ކުރެވިފައިވާ ވަކި ދައުލަތެއްގެ ހައްގު ފަލަސްތީނަށް ހޯދައިދިނުމަށް ގޮވައިލުމުގައި ކަމަށެވެ.

އދ.ގެ އާންމު މަޖިލީހުގައި މިއަދު ނެގުނު ވޯޓުގައި 143 ގައުމަކުން ވަނީ ފަލަސްތީނަށް އދ.ގައި ފުރިހަމަ މެމްބަރުކަން ދިނުމަށް ތާއީދުކޮށް ވޯޓު ދީފައެވެ. ނުވަ ގައުމަކުން އެ ކަމާ ދެކޮޅު ހެދިއިރު، 25 ގައުމަކުން ނިންމީ ވޯޓުގައި ބައިވެރިނުވާށެވެ.

މި ވޯޓާއެކު އދ.ގެ އާންމު މަޖިލީހުން ވަނީ ފަލަސްތީނަކީ އދ.ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ގޮތުގައި ހެދުމަށް ހުށަހަޅައިފައި އޮތް ހުށަހެޅުން މުރާޖާކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ގޮވައިލައިފައެވެ.