11 Jun 2012, 23:44
މާލޭގެ ގެއެއްގައި ހަށިވިއްކަމުން ދިޔަ ބިދޭސީންތަކެއް ފުލުހުން އަތުލައިގެނެ ހައްޔަރުކޮށްފި އެވެ.
މިރޭ ގާތްގަނޑަކަށް 10:30 އެހާކަންހާއިރު ފުލުހުން ވަދެވަފައި ވަނީ މއ. ރައުހާ އަށެވެ. އެގޭގެ ތިން ކޮޓަރިއެއްގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފައި ވަނީ މުޅިން ވެސް ބަންގުލަދޭޝްގެ އަންހެނުންނާއި ފިރިހެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ފިރިހެނުންނާއި ތިން އަންހެނުންނެވެ.
ކެނަރީ މަގާ ގުޅިފައިވާ ގޯޅިއެއްގައި ހުންނަ އެގޭގައި ހަށިވިއްކަމުން ދިޔަ މީހުން އަތުލައިގެނެ ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނީ އެ ގޭގެ ތިން ކޮަޓަރީގެ ތެރެއިން ވެސް މީހުން ހައްުޔަރުކުރީ ބަދުއަހުލާގީ އަމަލު ހިންގަމުން ދަނިކޮށް ކަމަށެވެ.
ފުލުސް މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއެކު އެ ގެއަށް ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި ބަދުއަހުލާގީ އަމަލު ހިންގި މީހުން ހައްޔަރު ކުރި ތިން ކޮޓަރީގެ ތެރެއިން ބަދުއަޚުލާގީ އަމަލު ހިންގަން ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދަދެއްގެ ދިވެހި ރުފިޔާ އާއި ބޭރު ފައިސާ ވެސް ފެނުނު ކަމަށެވެ.
ފުލުހުން އެގެއަށް ވަދެ މީހުން ހައްޔަރު ކުރި މަންޒަރު ދުށް މީހަކު ބުނީ ފުލުހުން އެގޭތެރެއަށް ވަދެފައި ވަނީ ގޭގެ ދެ ފަރާތުގެ ދެ ދޮރެއްގެ ތަޅު ހަލާކުކޮށްލައިގެން ކަމަށެވެ. އަދި ބުނީ ތިން ކޮޓަރީގެ ތެރެއިން ވެސް އަންހެނަކާއި ފިރިހެނަކު ބަރަހަނާކޮށް ނެރެފައިވާ ކަމަށާއި ބައެއް މީހުން ކޮޓަރިން ބޭރުގައި ވެސް ތިބި ކަމަށެވެ.
އެ މީހުން އެގޭތެރެއިން ނެރެގެން ފުލުހުންގެ ވެހިކަލްގައި ގެންދިޔަ އިރު އެ ސަރަހައްދަށް ގިނަ އަދަދެއްގެ ދިވެހިންނާއި ބަންގުލަދޭޝް މީހުން ވެސް އެއްވެ ތިއްބެވެ.