10 May 2024, 08:14
ގިނަ މީހުންނަކީ ގޭތެރޭގެ ވައި ސާފުކޮށް ބެހެއްޓުމަށްޓަކައި އިންޑޯ ޕްލާންޓްސް ނުވަތަ ގޭތެރޭގައި ގަސް ގެންގުޅެން ލޯބިކުރާ މީހުންނެވެ. ހާއްސަކޮށް މާލެ ފަދަ ތޮއްޖެހިފައިވާ މާހައުލެއްގައި ދިރިއުޅޭ މީހެއް ނަމަ ރީތި ހިތްގައިމު ބަގީޗާއެއް ހައްދާނެ ޖާގަ ނުލިބުމަކީ ވެސް ގޭތެރޭގައި ގަސް ހެއްދުމަށް ގިނަ ބަޔަކަށް މަޖުބޫރުވެފައިވާ އެއް ސަބަބެވެ.
ގޭތެރޭގައި ގަސް ގެންގުޅެން ވިސްނާލާއިރު ކޮންމެ ވައްތަރެއްގެ ގަހަކީ މާހައުލުގެ ގޮތުން ހެއްދިދާނެ ގަސްތަކެއް ނޫނެވެ. ރާއްޖޭގައި ގަސް ވިއްކުމުގެ ވިޔަފާރި ހިންގާ ފިހާރަތަކަށް ނަޒަރު ހިންގާލާއިރު ވެސް ވަރަށް ގިނަ ވައްތަރުގެ ގަސްތައް ލިބެން އެބަހުއްޓެވެ.
އެހެންނަމަވެސް ގަހެއް ގަތުމުގެ ކުރިން އެ ގަހަކާ ބެހޭ ފުރިހަމަ މައުލޫމާތު ހޯދުން ވަރަށް މުހިއްމެވެ.

ގޭތެރޭގައި އިންޑޯ ޕްލާންޓްގެ ގޮތުގައި ގެންގުޅެވޭނެ ވަރަށް ގިނަ ވައްތަރުގެ ގަސްތައް ހުރޭ -- ފޮޓޯ/ޕިންޓްރެސްޓް
ގޭތެރޭގެ ވައި ސާފުކޮށް ބެހެއްޓުމަށް ބޭނުންވާނަމަ ބެމްބޫ ޕާމް، ސްޕައިޑާ ޕްލާންޓް، ރަބަ ޕްލާންޓް، އެލޯވެރާ އަދި ޕީސް ލިލީ ފަދަ ގަސްތައް ގެންގުޅެވިދާނެއެވެ. މީގެ އިތުރުން، މާ ބުރަ މަސައްކަތަކާނުލައި ގޭތެރޭގައި ގަސް ގެންގުޅޭ ބޭނުންވާނަމަ ސްނޭކް ޕްލާންޓް، ޒީޒީ ޕްލާންޓް، ޕޯތޯސް އަދި ތަފާތު އެކި ވައްތަރުގެ ކެކްޓަސް ގަސް ވެސް ގެންގުޅެވިދާނެއެވެ.
މި ދެންނެވުނު ކޮންމެ ގަހަކީ ވެސް އެ ގަހަކުން ވަރަށް ހާއްސަ ފައިދާތަކެއް މާހައުލަށް ލިއްބައިދޭ ހާއްސަ ސިފަތަކެއް ހުރި ގަސްތަކެކެވެ. ފަސޭހައިން ހެއްދޭ ގަސްތައް ގެންގުޅެން ނިންމި ނަމަވެސް ގަސް ގެންގުޅެން ވާނީ އެ ގަހަކަށް ވަގުތު ދެވޭނެކަމުގެ ޔަގީންކަމާއި އިތުބާރު އަމިއްލަ ނަފުސަށް ހޯދައިދިނުމަށް ފަހުއެވެ.

ގޭތެރޭގައި ފަސޭހައިން ހެއްދިދާނެ ވައްްތަރެއް ކަމަށްވާ ސްނޭކް ޕްލާންޓް--ފޮޓޯ/ޕިންޓްރެސްޓް
އަލަށް ގަހެއް ގެނައުމަށް ފަހު އެ ގަސް އިތުރު އާ ޕޮޓަކަށްލާން ޚާއްސަ އިސްކަމެއް ދޭންވާނެއެވެ. މިގޮތަށް ރީ-ޕޮޓް ކުރާއިރު ގަސް ހުރި ޕޮޓަށްވުރެ ތަންކޮޅެއް ބޮޑު ޕޮޓެއްގައި ގަސް އިންދުމަށް ސަމާލުކަންދިނުން މުހިއްމެވެ. ހަމައެއާ އެކު ތަފާތު އެކި ސޫފިތަކުން ގަސް ސަލާމަތް ކުރުމަށް އެ ކަމަށް ހާއްސަ ސްޕްރޭއެއް ބޭނުންކުރަން ވާނެއެވެ.
ބައެއް ގަސްތަކަކީ ގުދުރަތީ އަލިކަން ބޭނުންވާ ގަސްތަކަށްވާއިރު އަނެއްބައި ގަސްތަކަކީ ކޮންމެހެން ގުދުރަތީ އަލި ބޭނުންވާ ގަސްތަކެއް ނޫނެވެ.
ގޭތެރޭގައި ނުވަތަ ވަޒީފާ އަދާކުރާ މާހައުލުގައި ގުދުރަތީ ގަހެއް ހުރުމަކީ އުފެއްދުންތެރިކަން އިތުރުވެ، ނުތަނަވަސްކަން އިހުސާސްވާ ފަހަރު އެކަމުން ސަލާމަތްކޮށްދޭ ވަސީލަތެއްކަމުން އެއަށް ބޭނުންވާ ލޯތްބާއި އަޅާލުން ފުރިހަމަ ގޮތުގައި ދިނުމަކީ ކޮންމެހެންވެސް ކުރުން ލާޒިމު ކަމެކެވެ.