ޝޯޝަލް ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދައިންދޭ ހިދުމަތްތައް ދިރާސާ ކުރުމަށް ފަހު އެ ހިދުމަތަށް ގެންނަން ޖެހޭ ބަދަލުތައް ފާހަކޮށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އެކުލަވާލައި މަޖިލީހަށް ހުށަހެޅި ރިޕޯޓް ފާސްނުކޮށް ތަޅުމުން ބޭރުކޮށްލައިފި އެވެ.

އެ ރިޕޯޓް ކޮމިޓީން ފޮނުވިގޮތަށް ފާސްކުރަން ފެނޭތޯ ވޯޓަށް އެއްސެވުމުން، އެ ރިޕޯޓް ފާސްކުރަން ވޯޓު ދެއްވީ، އެ ވަގުތު ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން، އެންމެ ހަތަރު މެންބަރެކެވެ. އެއީ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި ކުރެންދޫ ދާއިރާގެ އަހްމަދު މޫސަ އާއި އިސްދޫ ދާއިރާގެ އަހްމަދު ރަޝީދު އިބްރާހިމެވެ. އެ ރިޕޯޓް ފާސްކުރަން ނުފެންނަ ކަމަށް 64 މެންބަރުން ވޯޓު ދެއްވި އެވެ. ރިޕޯޓް ފާސް ކުރުމަށް 35 ވޯޓު ބޭނުންވެ އެވެ.

އަހަރަކު އެއްލަކަ ރުފިޔާގެ ބޭސްކުރެވޭ އާސަންދަ ނިޒާމުން ރައްޔިތުންނަށް ހިލޭ ބޭސްވަރުވާ ކުރެވޭނެ ގޮތަކާ މެދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު މަޖިލީހަށް ހުށަހެޅި ރިޕޯޓްގައި ވަނީ އާސަންދަ ސުކީމު މިހާރު ބޭނުންކުރާ ނިޒާމަށް ބޮޑަތި ބަދަލުތަކެއް ގެންނަން ފެންނަ ކަމަށް ބުނެފަ އެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް އާސަންދައިން ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިވޭތޯ ބެލުމަށް އޮޑިޓާ ޖެނެރަލް މެދުވެރިކޮށް މުޅި ނިޒާމު އޮޑިޓްކުރަން ފާސްކުރުމާއި އަދި އަމިއްލަ ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތް ދޭން ޖެހޭނީ ހަމައެކަނި ބަލިވެގެން އެޑްމިޓް ކުރާ މީހުންނަށް އެކަނި ހަމަޖެއްސުމަށް ވެސް ރިޕޯޓުގައި ވަނީ ހުށަހަޅައިފަ އެވެ.

އަދި އައިޖީއެމްއެޗުން ދެމުންދާ ހިދުމަތްތައް ފުޅާކޮށް އެ ތަނުން ލިބެންނެތް ހިދުމަތްތައް އާސަންދަ ކުންފުނީގެ ހުއްދައާ އެކު ޕްރައިވެޓް ހޮސްޕިޓަލަށްތަކަށް ދެވޭ ގޮތަށް ވެސް ވަނީ ރިޕޯޓުގައި ހިމަނައިފަ އެވެ. އަދި ސަރުކާރު ހޮސްޕިޓަލްތަކުން ދޭ ހުރިހާ ހިދުމަތެއް ހިލޭ ދިނުމަށް ފާސްކުރުމަށް ވެސް މާލިއްޔަތު ކޮމެޓީގެ ރިޕޯޓްގައި މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.
ރިޕޯޓުގައި ދެން ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅުއްވާ ފަރާތްތަކުގެ ތެރެއިން، މަޖިލީހުން ހެލްތު އިންޝުއަރެންސް ސުކީމް ކަނޑައަޅުއްވާފައިވާ ފަރާތްތައް، އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމްގެ ގާނޫނުން އިސްތިސްނާ ކުރުމަށް އެ ގާނޫނަށް އިސްލާހް ހުށަހެޅުމަށެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހުގެ ހިސާބުތަކަށް ބަލާ އިރު މާލިއްޔަތު ކޮމެޓީން އަންދާޒާ ކުރާ ގޮތުގައި އާސަންދަ އަށް ދައުލަތުގެ ބަޖެޓްގައި މި އަހަރު ކަނޑައަޅާފައިވާ 720 މިލިއަން ރުފިޔާ މި އަހަރުގެ އޮކްޓޯބަރު މަހަށް ހުސްވާނެ އެވެ.
އާސަންދަ ނިޒާމުން މިހާރު ހިނގަމުން އަންނަ ގޮތަށް ކުރިއަށް ގެންދަން ޖެހޭ ނަމަ މި އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އާސަންދަ ނިޒާމް ކުރިއަށް ގެންދިއުމަށް އިތުރަށް 179 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ވެސް މާލިއްޔަތު ކޮމެޓިން އަންދާޒާކޮށްފައިވެ އެވެ.