11 Jun 2012, 22:49
ބަންގުލަދޭޝް މީހެއްގެ އަތުން ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަންފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހުކުރު ވިލޭރޭ ހިނގި ފޭރުމުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަކަމަށާއި އެ މައްސަލައިގައި ހައްޔަރުކޮށްފައި ތިބީ ދިވެހި ބައެއް ކަމަށެވެ. ނަމަވެސް އެމީހުންނާ ބެހޭ ތަފްސީލެއް ނުދެއްވަ އެވެ. އަދި އެ މައްސަލައިގައި ފުލުހުން ހިމެނޭ ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް ވިދާޅެއް ނުވެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ބިދޭސީ ބައެއްގެ އަތުން ފޭރުމުގެ މައްސަލައިގައި ހައްޔަރުކޮށްފައި ތިބީ ފުލުހުންގެ ތިން މީހަކާއި ސިފައިންގެ މީހެކެވެ. އަދި އެމީހުން ބައިތިއްބާފައި ތިބީ ދޫނިދޫގައި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެކަމާ ގުޅިގެން ފުލުހުން އަދި ވަކިއެއްޗެއް ނުބުނެ އެވެ.
އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ އެފަދަ މައްސަލައެއްގައި ސިފައިންގެ މީހަކު ހައްޔަރުކުރިކަން އެނގިފައިނުވާ ކަމަށެވެ.
އޮޅުވާލައިގެން ފައިސާތަކެއް ފޭރިގަތް ސިފައިންގެ ބަޔެއްގެ މައްސަލައެއް މިދިޔަ އަހަރު ވެސް ވަނީ ފެންމަތިވެފަ އެވެ.