މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގެ ވެރިކަން ބަދަލުވެފައި ވަނީ ބަޣާވާތަކުން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނާ ބުނުން ތަކުރާރުކޮށް، މިހާރު އޮތް ސަރުކާރާ ދެކޮޅަށް ދިވެހި އެންމެހާ ރައްޔިތުން ނިކުމެ، ކުރަން ޖެހިއްޖެ ކޮންމެ ކަމެއްކޮށް ވާން ޖެހިއްޖެ ކޮންމެ ގުރުބާނީއެއް ވުމަށް ގޮވާލައި އެ ޕާޓީ އިން މިއަދު ގަރާރެއް ފާސްކޮށްފި އެވެ.

މާލޭ ސިޓީ ހޯލްގައި މިއަދު މެންދުރު ފަހު އޮތް ޖަލްސާ އަށް އެ ޕާޓީގެ ހދ. ނޮޅިވަރަމް ދާއިރާގެ ރައީސް އިބްރާހިމް ވަހީދު ހުށައެޅުއްވި ގަރާރު ފާސްކޮށްފައި ވަނީ އެ ޖަލްސާގައި ބައިވެރިވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 54 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ގަރާރުގައި ބުނެފައި ވަނީ "ވާން ޖެހިއްޖެ ކޮންމެ ގުރުބާނީއެއް ވެގެން ވެސް" ވެރިކަން ސަލާމަތްކުރުމަށް އިގްރާރުވާ ކަމަށެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް ލީޑަރު މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެން މިއަދު ފާސްކުރި ގަރާރަށް ވާހަކަ ދެއްކެވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވީ "ލަޓިބުރި އާއި ދަނގަޑު ހޮޅިބުރި" ފަދަ ތަކެތި ހިފައިގެން ފުލުހުންނާ ކުރިމަތިލުމަށް ނުކުތުމަށް އެ ޕާޓީގެ މެމްބަރުންނަށް ގޮވާލާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރުކަން ކުރިން ކުރައްވާފައިވާ މުހައްމަދު މުސްތޮފާ ވިދާޅުވީ ރާއްޖޭގެ އެއާޕޯޓްތައް ހިފައި، އިގުތިސާދީ ހަރަކާތްތައް ހުއްޓުވައި، އަތު ޖެހުނު އެއްޗެއް ހިފައިގެން ފުލުހުންނާ ދެކޮޅަށް ނުކުތުމަށް ގޮވާލާ ކަމަށެވެ.

"އަޅުގަނޑު ގޮވާލާނީ މުޅި ގައުމަށް، ރައްޔިތުން ހިނގާށޭ އަޅުގަނޑުމެން އަތުން ނަގައިގަތް ސަރުކާރު ހޯދުމަށް ނުކުންނަން. މިރާއްޖޭގެ ހުރިހާ އެއާޕޯޓްތައް ވެސް އަޅުގަނޑުމެން ހިފަންވީ، މިރާއްޖޭގެ ހުރިހާ އިގުތިސާދީ ހަރަކާތެއް ހުއްޓުވާލާ މުޅި ގައުމު ހުއްޓުމަކަށް ގެންނަންވީ،" މުސްތޮފާގެ އިންޒާރުގެ ބަސްތައް އަމުނައިލެއްވި އެވެ.

މުސްތޮފާ ވަނީ ކޮންމެ އެއްގޮތެއް ހަދާފައި ނޫނީ ގެއަށް ނުވަންނަ ގޮތަށް ވެސް ނުކުންނަން ގޮވާލާފަ އެވެ.

" .. ކޮންމެ މީހަކު އެމީހެއްގެ ސެލްފް ޑިފެންސް ހިފައިގެން ހޮޅިބުރިއެއް ވިއްޔާ ހޮޅި ބުރިއެއް ހިފައިގެން ނުކުންނަމާ ހިނގާށޭ،" ހަމަނުހުމަށް ހިއްވަރު ލިބޭ ގޮތަށް މުސްތަފާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި އެވެ.

މުސްތޮފާގެ ވާހަކަ ފުޅަށް ފަހު އެއާ ޖެހިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދެއްކެވި އިރު މުސްތޮފާ ގޮވާލެއްވި ހަރުކަށި ގޮވާލުމާ މެދު އެއްޗެއް ވިދާޅެއް ނުވެ އެވެ. ވިދާޅުވީ އެމްޑީޕީން ކުޑަ ތަންކޮޅެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި ޑިފެންސް މިނިސްޓަރު ނާޒިމާއި ކަމިޝަނަރު އޮފް ޕޮލިސް ރިޔާޒަށް އެމްޑީޕީގެ މެމްބަރުން ބިރު ނުގެންނެވޭނެ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ ބޭފުޅުން ވަނީ އެމްޑީޕީން ކުރިއަށް ގެންދާ އިހުތިޖާޖުތައް މިހާރަށް ވުރެ ހަރުކަށިކޮށް، ޖަލަށް ދާން ޖެހުނަސް ދިއުމަށާއި ވާންޖެހުނު ކޮންމެ ގުރުބާނެއް ވުމަށް ގޮވާލާފަ އެވެ.