ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ގޮތުން ދުނިޔޭގެ އެންމެ މަޝްހޫރު އެއް ނިއުސް ޖެނަލް، ބްރިޓިޝް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބީބީސީ) އާ އެކު ތިން މަސް ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ކޮންރެޑް މޯލްޑިވްސްގެ ކަނޑުއަޑީގެ "ހަތާ ރެސްޓޯރެންޓް"ގައި ބޭއްވި ހަފްލާއެއްގައި 250،000 ޑޮލަރު ( 3.8 މިލިއަން ރުފިޔާ)ގެ އެއްބަސްވުމެއްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓޫރިވިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. އަދި ބީބީސީގެ ފަރާތުން ސޮއިކުރެއްވީ އެނިއުސް އެޖެންސީގެ ސީނިއާ އެކައުންޓްސް ޑައިރެކްޓަރު ސުކޭޝް ސިންގެވެ.
ބީބީސީއާ އެކު އެއްބަސްވުމުގައި ސޮއި ރަސްމިއްޔާތުގައި ނާއިބު ރައީސް މުހައްމަދު ވަހީދުއްދީން ވެސް ބައިވެރިވެވަޑައިގަތެވެ.

އެެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ނާއިބު ވިދާޅުވީ ރާއްޖެއަކީ ވަރަށް ރީތި ގައުމެއް ކަމަށާއި މިރީތި ކަމަކީ މާތް ﷲ އަހަރެމެނަށް ދެއްވި ނިއުމަތެއް ކަމަށާއި އެހެން ކަމުން މި ގުދުރަތީ ހަދިޔާ އަންނަން އޮތް ޖީލުތަކާ ހަމައަށް ގެންގޮސްދޭން ޖެހޭ ކަމަށެވެ. އަދި ބީބީސީއާ އެކު ވީ އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ ގައުމުތަކަށް ރާއްޖެ އިސްތިހާރު ވެގެންދާނެ ކަމަށެވެ.

"ބީބީސީއަކީ ދުނިޔޭގެ މަޝްހޫރު ވަކިފަރާތަކަށް ނުޖެހޭ މިނިވަން ނިއުސް ޗެނަލެއް. އެހެންކަމުން އަޅުގަނޑަށް ގަބޫލުކުރެވެނީ މިއަދު މިވެވޭ އެއްބަސްވުމުގެ ސަބަބުން މިގޭ ފައިދާ ކުރިއަށްއޮތް ތަނުގައި ރާއްޖެއަށް ކުރާނެކަމަށް. އަދި މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 40 އަހަރު ފުރޭ މުނާސަބަތު އަހަރު ކަމުގައިވާތީ މިއެއްބަސްވުމަކީ ވަރަށް ހާއްސަ އެއްބަސް ވުމެއް،" ވަހީދުއްދީން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީބީސީގެ ސީނިއާ އެކައުންޓްސް ޑައިރެކްޓަރު ސުކޭޝް ސިންގް ވިދާޅުވީ މިއަދުވި އެއްބަސްވުމުގެ ސަބަބުން ބީބީސީ ވެބްސައިޓްގައި ޑިޖިޓަލް ކެމްޕޭނެއް ކުރިޔަށްދާނެ ކަމަށާއި އަދި އެއީ ފުރަތަމަ ފަހަރަށް ފަށާ ޓޫރިޒަމް އިސްތިހާރު ކަމަށާއި އެހެންކަމުން ރާއްޖެ އަންނަ ޓުވަރިސްޓުން އިތުރުވެގެންދާނެ ކަމަށެވެ.

"މިއަދުވެވުނު މިއެއްބަސްވުމުގެ ސަބަބުން މުޅި ދުނިޔޭގައި ބީބީސީން ރާއްޖޭ އިސްތިހާރުކުރާނެ. އޭގެ ތެރޭގައި ޔޫރަޕުގެ ގައުމުތަކާއި މެދުއިރުމަޝާއި އަދި އޭޝިއާގެ ކަމުތަކާއި ބީބީސީ ބަލާ ހުރިހާ ގައުމުތައް ހިމެނޭ.. މި އިސްތިހާރުތަކުގެ ސަބަބުން ރާއްޖެ އަންނަ ޓުވަރިސްޓުންގެ އަދަދުދާނީ އިތުރުވަމުން،" ސުކޭޝް ވިދާޅުވި އެވެ.

މިއަދުގެ ހަފުލާގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވަބުދެމުން ޓުވަރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވީ 2009 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް މާބޮޑު މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށައި އެހެންކަމުން މިހާރު ރާއްޖެ އިސްތިހާރު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ މިއަދުވި އެއްބަސްވުމުގެ ސަބަބުން "ސަނީ ސައިޑް އޮފް ލައިފް"ގެ ޝިއާރުގެ ދަށުން ބީބީސީގެ ފަރާތުން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ރާއްޖެ އިސްތިހާރުވެގެން ދާނެ ކަމަށެވެ.

ޓުވަރިސްޓު މިނިސްޓްރީގެ ނައިބް މުހައްމަދު މަލީހް ޖަމަލު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ބައިނަލްލަގުވާމީ މީޑިއާތަކުގައި ރާއްޖެ އިސްތިހާރުވެގެން ދިޔައީ މުޅިން އެހެން ގޮތްތަކަކަށް ކަމަށާއި މިއަދު ބީބީސީއާ އެކު ވެވުނު އެއްބަސް ވުމުގެ ސަބަބުން އެކަންތައް ރަނގަޅުވެ ރާއްޖެ އަކީ ފަތުރުވެރިނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި އިސްތިހާރުވެގެން ދާނެ ކަމަށެވެ.

"ބީބީސީއާކީ މީޑިއާތަކަށް ބަލާއިރު އެންމެ ބޮޑު އޯޑިއަންސެއް އޮތް މީޑިއާ. އެހެންކަމުން ބީބީސީގައި އަޅުގަނޑުމެން މިކުރާ އިސްތިހާރުވެގެންދާނީ ޔޫރަޕާއި އަދި އޭޝިއާގެ ގައުމުތަކުގެ ތެރެއިން އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއްދޭނީ އިމާޖިން މާކެޓުތަކަށް." މަލީހް ވިދާޅުވި އެވެ.

ޓުވަރިޒަމް މިނިސްޓުރީން އިސްނަގައިގެން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ ގޮތުން މިހާރު ދަނީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޔޫރަޕުގެ މާކެޓާއި އޭޝިއާގެ މާކެޓުތަކުގައި ބާއްވާ ޓުވަރިޒަމް ފެއާތަކުގައި ދަނީ ބައިވެރިވަމުންނެވެ.