ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނަވައިގެން ކުރައްވާފައިވާ ކަމަށްބުނާ ގާނޫނުއަސާސީ އާއި ގާނޫނާ ޚިލާފް އަމަލުތައް ބަލަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

އެ ގަރާރުގައި ބުނަނީ 7 އޯގަސްޓް 2008 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނު އަސާސީގެ ޅަފަތުގައި އަދި ޑިމޮކްރަސީގެ ޅަފަތުގައި ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންކަން ބަލައި، އެކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަކީ، ގާނޫނު އަސާސީ އާއި ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތް ކުރުމަށާއި ގަނޫނުގެ ވެރިކަން ކުރިއެރުވުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ގާނޫނުއަސާސީގެ 99 ވަނަ މާއްސާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން ބަލައި ތަހުގީގު ކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މިނިވަން ކަމާއި މުސްތަގިއްލުކަން ނަގާ ލުމަށް އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރަށް ބިރު ދައްކައި ނުފޫޒު ފޯރުވުމަށް ރައީސް ނަޝީދު މަސައްކަތްކުރައްވާފައިވާ ކަމަށް ބުނާ މައްސަލަތައް ގަރާރުގައި ވެއެވެ.

އޭގެ ތެޜޭގައި ސުޕްރީމް ކޯޓުގައި ތަޅުއެޅުވުމާއި، ޝަރުއީ ކޯޓުތަކުން ކޮށްފައިވާ އަމުރުތަކާއި ހިލާފަށް އަމަލު ކުރުމަށް ޣައިރު ގާނޫނީ އަމުރު ކުރުމާއި، އަދި ރައީސް ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް ފަނޑިޔާރުންނާމެދު އަމަލު ކުރަން ޣައިރު ގަނޫނީ އަމުރުކޮށްފައިވުން ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ހައްޔަރު ކުރުމަށާއި ގާނޫނީ ރައްކާތެރިކަމުން ނަގާލުމަށް ޣައިރު ގާނޫނީ އަމުރުކުރައްވާފައިވާ މައްސަލައިގެ އިތުރުން ދައުލަތުގެ މުދަލާއި ފައިސާ ގާނޫނާ ހިލާފަށް ބޭނުން ކުރެއްވުމާއި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަ ވެސް ހިމެނެ އެވެ.

މީގެ އިތުރުން ރާއްޖޭގެ އިގްތިސާދަށާއި ރާއްޖޭގެ މުހިއްމު ސިނާއަތްތަކަށް ގެއްލުން ލިބޭގޮތަށް ގަސްތުގައި ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވުމާއި، ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަމާއި ހަމަޖެހުން ނައްތާލައި، ވަކި ބަޔަކަށް، އަދި ސިޔާސީ ވަކި ފިކުރަކަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަންދީ، އެ ފަރާތްތަކަށް ފައިދާހުރި ގޮތަށް ކަންކަންކޮށް، ރައްޔިތުންގެ މެދުގައި ފިތުނަވެރިކަމާއި ނަފްރަތު އުފެއްދުމަށް މަސައްކަތްކުރުމުގެ މައްސަލަ ވެސް ޖާބިރުގެ ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.

ގަރާރުގައި ބުނަނީ އެ ކަންތައްތައް ބަލައި، ތަހްގީގުކޮށް ކަމާބެހޭ ރިޕޯޓެއް އެކުލަވާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާ އާއި 116 ވަނަ މާއްދާގެ ދަށުން ވަގުތީ ކޮމިޓީއެއް އެކުލަވާލައި، އެ މަސައްކަތް އެ ކޮމިޓީއާ ހަވާލު ކުރުމަށެވެ. އަދި އެކަންކަން ތަހްގީގުކޮށް، ލިބޭ މައުލޫމާތުގެ އަލީގައި ކޮމިޓީން އެކުލަވާލާ ރިޕޯޓްގައިވާ ކަންތައްތަކާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ހާމަކޮށް، ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ކަންތައްތަކާމެދު ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ އެ މައުލޫމާތު ހިއްސާކުރުމަށެވެ.