11 Jun 2012, 16:16
ފަސް ދޮޅަށް ފަސް އަހަރުގެ ބަދަލުގައި އަސާސީ ޕެންޝަން ލިބޭ އުމުރު 60 އަހަރަށް ބަދަލު ކުރުމަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމު ހުށަހެޅުއްވި ބިލު މަޖިލީހުގެ ތަޅުމުން ބޭރު ކޮށްލައިފި އެވެ.
އެ ބިލު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ 27 މެންބަރުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 38 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓުދޭން ނުފެންނަ ކަމަށް ހަ މެންބަރުން ވޯޓު ދެއްވި އެވެ. އެ ބިލު މަޖިލީހަށް ބަލައިގަންނަން 33 ވޯޓު ބޭނުންވެ އެވެ.
އެ ބިލުގައި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމު ވިދާޅުވެފައިވަނީ، އެފަދަ ބިލެއް ހުށަހެޅުއްވީ، ޓެކްހާ ބެހޭ ގާނޫނުތައް ފާސްވެ ދައުލަތަށް ލިބޭ އާމްދަނީ އިތުރު ވުމުގެ ސަބަބުން އުމުރުން ދުވަސްވީ ގިނަ ބަޔަކަށް މާލީ މަންފާ ހޯދައި ދިނުމުގެ މަގުސަދުގައި ކަމަށެވެ.
އެ ބިލު މަޖިލީހުގެ ތަޅުމުން ބޭރު ކުރި ނަމަވެސް ބިލުގެ ބަހުސްގެ މަރުހަލާގައި އެބިލަށް ތާއީދު ކުރައްވައި ގިނަ މެންބަރުންތަކެއް ވަނީ ވާހަކަ ދައްކަވައިފަ އެވެ. ނަމަވެސް ގާނޫނަށް ހަމައެކަނި އެ އިސްލާހް ގެނައުމުގެ ބަދަލުގައި އިތުރު އިސްލާހްތައް ގެންނަންޖެހޭ ކަމަށް މެންބަރުން ވިދާޅުވި އެވެ.
އަދި ވަޒީފާ އަދާކުރާ ފަރާތުން ވަޒީފާއިން ވަކިވެއްޖެ ހިނދެއްގައި އެފަރާތެއް ބޭނުންވާ ކޮންމެވެސް އަދަދަކަށް ގަނޑުކޮށް ފެންޝަން ސްކީމުން ފައިސާ ލިބެންޖެހޭ އުސޫލެއް ހަމަޖެހެންޖެހޭ ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ. އަދި 60 އަހަރުގެ ބަދަލުގައި ފެންޝަން ލިބޭ އުމުރު 55 އަހަރަށް ދަށް ކުރުމަށް ވެސް ބިލުގެ ބަހުސްގައި ބައެއް މެންބަރުން ވާހަކަފުޅު ދެއްކެވި އެވެ.