މި ފަހަކަށް އައިސް ބޮލީވުޑްގައި އުފައްދާ އިންޑިއާގެ ތާރީޚާ ގުޅުން ހުންނަ ގިނަ ފިލްމުތަކުން އެންމެ އާއްމުކޮށް ފެންނަ އެއް މޫނަކީ ބަތަލާ އަދިތީ ރާއޯ ހައިދަރީއެވެ.

އިންޑިއާގެ ހައިދްރައާބާދުގެ ޝާހީ އާއިލާއަކަށް ނިސްބަތްވާ އަދިތީގެ މައިފުށު އަދި ބަފައިފުށުގެ އާއިލާއަކީ ވެސް ހައިދަރްއާބާދުގެ ތާރީޚުގައި ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައިވާ ހައިދަރު އާބާދުގެ އިތުރުން އަންދްރަޕްރަދޭޝްގެ ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ ދެ އާއިލާއެވެ. މިހާތަނަށް ކެރިއަރުގައި ކުޅުނު ފިލްމުތަކުން ލިބުނު ރޯލްތަކަށް ވުރެ ވެސް ބޮޑަށް އިންޑިއާގެ ތާރީޚާ ގުޅުންހުރި ވާހަކަތައް ކިޔައިދޭ ފިލްމު އަދި ވެބް ސީރީޒްތަކުން ފުރުސަތު ލިބުމަކީ ވަރަށް ބޮޑަށް އުފާވާ ކަމެއްކަމަށް އަދިތީ ވަނީ ބުނެފައެވެ.

މީގެ އެތައް އަހަރެއްކުރިން އިންޑިއާގައި ކޮށްފައިވާ ރަނިކަމުގެ ވާހަކަތައް ކިޔައިދޭ ފިލްމު ނުވަތަ ވެބް ސީރީޒްތަކުން އަދިތީ ފެނުމަކީ އެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމެއް ކަމަށް ޕްރޮޑިއުސަރުން މިހާރު ގަބޫލުކުރާނެ ކަމަށާއި އަދިތީއަކީ އެފަދަ ޕްރޮޖެކްޓްތަކުގެ ޚާއްސަ މޫނު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ފިލްމީތަރި އަދިތީ ފިލްމު "ޕަދްމަވާތު"ގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މިހާތަނަށް އަދިތީ ކުޅެފައިވާ އެފަދަ ރޯލްތަކުގެ ތެރޭ 2018ވަނަ އަހަރު ރިލީޒްކުރި ބަންސާލީގެ ތާރީޚީ ފިލްމު "ޕަދުމަވާތު"ގެ މެހެރުއްނިސާގެ ރޯލްގެ އިތުރުން ޒީ5އިން ގެނެސްދިން "ތާޖް:ޑިވައިޑެޑް ބައި ބްލަޑް" އަދި އެމޭޒަން ޕްރައިމްއިން ގެނެސްދިން "ޖުބިލީ" ހިމެނެއެވެ. މި ހުރިހާ ޕްރޮޖެކްޓްތަކުން ވެސް އަދިތީ ފެނިފައިވަނީ ޝާހީ ގަނޑުވަރުތެރޭ އުޅުނު ރާނީންގެ ރޯލުންނެވެ.

ދާދި ފަހުން ނެޓްފްލިކްސްގައި ޕްރިމިއަކުރި "ހީރާމަންޑީ"އިން ވަޠަނީ ރޫޙު ދައްކުވައިދިން އަދިތީ ޕީޓީއައިއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އިންޑިއާގެ ސަޤާފީ މިއުޒިކާއި، ނެށުމާ އެކު އިންޑިއާގެ ސަޤާފަތާއި ތާރީޚު ދައްކުވައިދޭ ފިލްމުތަކުގައި މަސައްކަތް ކުރުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމުގައެވެ.