ވެލާނާ އެއާޕޯޓުގައި ޓެކްސީތަކުގެ މައްސަލަ ބޮޑުވުމުން، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު އެއާޕޯޓުގެ ޓެކްސީ ކިއުއަށް ޒިޔާރަތް ކުރައްވައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ޓެކްސީ ޚިދުމަތުގެ މިންގަނޑުތައް ހަރުދަނާ ކުރުމަށާއި ގަވާއިދުތައް ތަންފީޒު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ގުޅިގެން ކުރާ މަސައްކަތްތައް މި ޒިޔާރަތާއެކު ފާހަގަކުރެވުނު ކަމަށެވެ.

އެއާޕޯޓް ޓެކްސީގެ މައްސަލަ ބޮޑުވެ، ހޯމް މިނިސްޓްރީއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ޓްރާންސްޕޯޓް މިނިސްޓްރީ އަދި ފުލުހުން ހިމެނޭގޮތަށް މުއައްސަސާތަކުގެ މެދުގައި އަވަސް މަޝްވަރާތަކެއްކޮށް، އެއާޕޯޓު ޓެކްސީ މެނޭޖްކުރާނެގޮތުގެ ޕްލޭނެއް އިއްޔެ ވަނީ އެކުލަވާލާފައެވެ.

އެއީ އެއާޕޯޓު ކިޔޫގައި އޮންނަ ޓެކްސީތަކުން ގަވާއިދާ ޚިލާފަށް އަމަލުކުރާކަމުގެ ޝަކުވާ ބޮޑުވުމާ ގުޅިގެންނެވެ.

އެގޮތުން މިހާރު އެއާޕޯޓުގައި ފުލުހުން ހަރަކާތްތެރިވާން ފަށައި، ގަވާއިދާ ޚިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާ މެދު ފިޔަވަޅުއަޅަން ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. އަދި، ގަވާއިދާ ޚިލާފަށް ޓެކްސީ ކުރުމުގައި ބައިވެރިވާ ބިދޭސީންނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވެސް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ވަކި މަންޒިލަކަށް ނޫނީ ދަތުރުކުރުމަށް ޓެކްސީ ޑްރައިވަރުން އުޒުރުވެރިވުމާއި، ދަތުރެއް ނެގުމަށް ފަހު އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރުކުރުމާއި، މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ޑްރައިވަރުން ދަތުރުކުރާކަމުގެ ގިނަ ޝަކުވާތައް މިނިސްޓްރީއަށް ލިބޭ ކަމަށެވެ.

އެހެންކަމުން، ޓްރާންސްޕޯޓް މިނިސްޓްރީއާއި އެމްއޭސީއެލް ގުޅިގެން ކުރި މަސައްކަތުން ޓެކްސީތަކުގެ އަގުތައް ފަސޭހައިން ފެންނާނޭފަދައިން އެއާޕޯޓުގައި ބޯޑުތަކެއް ހަރުކޮށް، ޓެކްސީގެ މައްސަލަތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކިއުއާރްކޯޑެއް ތައްޔާރުކޮށް، އާއްމުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެއާ އެކު، މި ކިއުއާރްކޯޑް މެދުވެރިކޮށް ވެސް ޓެކްސީތަކާއި ޕްރައިވެޓް ހަޔާގައި ޓެކްސީގެ ޚިދުމަތްދެމުންދާ ފަރާތްތަކުން އަމަލުކުރަމުންދާ ގޮތުގެ ގިނަ ޝަކުވާތަކެއް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ޝަކުވާތައް ބެލުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީގައި ޓެކްސީ ޝަކުވާ ބެލުމާ ގުޅޭ ކޮމެޓީއެއް ވެސް މިހާރު ވަނީ އެކުލަވާލާފައެވެ.