09 May 2024, 09:14
ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރަނީ ރައްޔިތުންގެ އަޑު އިއްވާށެވެ. އެ މީހުން ބޭނުންވާ ގޮތަށް ކަންކަން ނިންމާށެވެ. ރައްޔިތުންގެ ވިންދާ ދެކޮޅުވާ ނަމަ، ސަރުކާރު ވެސް ހަމަ މަގަށް އަޅުވާށެވެ. ރައްޔިތުން އެދޭ ހެޔޮ ބަދަލުތައް ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ލިޔާށެވެ.
އެކަމަކު، 20 ވަނަ މަޖިލީހަށް ހޮވުނު ބައެއް މެންބަރުންނަކީ ރައްޔިތުންގެ ރުހުން މުޅިން ނެތި ހޮވުނު ބޭފުޅުން ކަމަށް ބެލެވިދާނެއެވެ.
ވޯޓުލާން ނުކުތް މީހުންގެ ތެރެއިން އެންމެ ގިނަ މީހުންގެ ތާއީދު ލިބުމަކީ ރައްޔިތުންގެ ރުހުން ލިބުން ކަމަކަށް ނުލެބޭނެއެވެ. އެއީ، ރައްޔިތުން ތަމުސީލުކުރެވެން ވާނީ މުޅި އެންމެންގެ އަޣުލަބިއްޔަތުގެ ރުހުން ލިބިގެން ކަމަށް ސަލާމަތް ބުއްދި ގަބޫލުކުރާތީއެވެ. ނޫން ނަމަ، އެއީ ރައްޔިތުންގެ ވިންދާއި ވިސްނުން ކަމަކަށް ނުބެލޭނެއެވެ.
އެއް މިސާލަކީ، މި ފަހަރު ގަލޮޅު އުތުރު ދާއިރާއަށް އިންތިޚާބުވީ މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ. އޭނާ އިންތިޚާބުވީ ވޯޓުލާން ނުކުތް މީހުންގެ 27 އިންސައްތަ ވޯޓުންނެވެ. އެއީ، އެ ދާއިރާގެ އަޣުލަބިއްޔަތުގެ އަޑު ކަމަށް ނިންމޭނެ ހަމައެއް ނެތެވެ. އުސޫލެއްގެ ގޮތުން ނަމަ، ރައްޔިތުން ތަމުސީލު ކުރެވެން ވާނީ ރައްޔިތުން ރުހޭ މީހަކަށެވެ. އެ މީހަކީ ކުޑޫއަށް ވެސް ވެދާނެއެވެ. އެކަމަކު، އެކަން މި ފަހަރު މިލީ ވޯޓަކުން ހަމަ ޔަގީނުން ވެސް ނޭނގެއެވެ.
ރައްޔިތުންގެ 27 އިންސައްތަ ވޯޓު ލިބޭއިރު، ބާކީ 73 އިންސައްތަ މީހުން އެ ކަމާ ދެކޭ ގޮތެއް 'ވާނުވާ'އަށް ދޫކޮށްލުމަކީ ބޭއިންސާފެކެވެ.
އިންސައްތައެއް ކަނޑައަޅަންޖެހޭ
އިތުރު މިސާލަކީ، ވ. ފެލިދޫ ދާއިރާއެވެ. އެ ދާއިރާއަށް އާދަމް ޒާހިރު އިންތިޚާބުވީ 339 ވޯޓުންނެވެ. އެކަމަކު، ހިތަދޫ މެދު ދާއިރާއަށް ވާދަކުރެއްވި މުހައްމަދު ޝުއާއަށް 1،191 ވޯޓު ލިބިމުން ވެސް އިންތިޚާބެއް ނުވިއެވެ. އެހެންވެ، މިއީ ދެކޮޅުޖެހޭ ކަމެއްތޯ ސުވާލު އުފައްދަންޖެހެއެވެ.

އެއީ ދާއިރާތައް ބަހާފައި އޮތް ގޮތުން ދިމާވާ ބޭއިންސާފެކެވެ. އެކަމަކު، މަޖިލީސް އެކުލެވިގެންވާ ގޮތް އެއީ މިއަށް ވުރެ މާ ފުޅާ މައުޟޫއެކެވެ.
"މިހާރު ރާއްޖޭގައި މި އޮންނަ ގޮތުން ވެއްޖިއްޔާ އެންމެ ކުޑަ އަތޮޅަކަށް ވ. އަތޮޅު. އެ ތަނަށް ކޮންމެ ވެސް ވިޔަފާރިވެރިއެއްގެ ދަރިއަކު ގޮސް ކުރިމަތިލާފައި އެއްވެސް ގުޅުމެއް ނެތަސް ގާތްގަނޑަކަށް ދެތިން މިލިއަން ރުފިޔާވަރު ހަމަޖައްސާލީމާ ހޮވޭނެ،" އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވިއެވެ.
އެއީ ދޮގެއް ނޫނެވެ. ވ. އަތޮޅުގެ އެއް ދާއިރާއަށް 339 ވޯޓުން މެންބަރަކު ހޮވުނުއިރު، އަނެއް ދާއިރާ ކެޔޮދޫ ދާއިރާއަށް މެންބަރަކު ހޮވުނީ 422 ވޯޓުންނެވެ. ދެ ދާއިރާއަށް ހޮވުނު ދެ މެންބަރުން އެއްކޮށްލީމާ ވެސް 1،000 ވޯޓު ވެސް ހަމައެއް ނުވެއެވެ. ދެ ދާއިރާގެ ވޯޓުލާ އާބާދީ އެއްކޮށްލީމާ 2,000 ވޯޓު ވެސް ހަމައެއް ނުވެއެވެ.
އެކަމަކު، އަނެއްބައި ދާއިރާތަކުގައި 1،000 ވޯޓުން ނުވެސް ހޮވެއެވެ.

ފެބްރުއަރީ 4، 2020: އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު: އޭނާ ވިދާޅުވީ އިންސައްތައެއް ކަނޑައަޅަންޖެހޭ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ރިޔާސީ އިންތިޚާބުގައި 50 ޕަސެންޓަށްވުރެ ގިނަ ވޯޓުން މި ހޮވެނީ. ދެން މި ތަނުގައި 20، 25 ޕަސެންޓުން ވެސް އެބަ ހޮވޭ. އެހެންވީމާ އެޓްލީސްޓް 40 ޕަސެންޓު ނުލިބޭ ކަމަށްވަންޏާ [ރައްޔިތުން ތަމުސީލުކުރަން] އެހާ ރަނގަޅު ނޫން ކަމަށް އަޅުގަނޑު ހިތަށް ވެސް އަރަނީ," ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ހަބީބު ފާހަގަކުރެއްވިއެވެ.
އެ ގޮތަށް ވަކި އިންސައްތައެއް ކަނޑަނާޅައި އޮތް އެންމެ ބޮޑު ސަބަބެއް ކަމަށް ގަބޫލުކުރެވެނީ އިންތިޚާބުތަކަށް ކުރަންޖެހޭ ހޭދަ ބޮޑުވުމެވެ. އެހެންވިޔަސް، ރައްޔިތުންގެ ރުހުން ނެތި، ރައްޔިތުންގެ ފަރާތުން ކަންކަން ނިންމުމުގެ ބާރު އެކެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ވިސްނަންޖެހޭ ކަމެކެވެ.
ގާނޫނުއަސާސީގައި ބުނަނީ ކީކޭ؟
މަޖިލީހަށް މެންބަރުން އިންތިޚާބުކުރަންވީ ގޮތް ކަނޑައެޅީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި އެކުލަވައިލި ފެހި ގާނޫނުއަސާސީންނެވެ. އޭގައި ބުނަނީ،
އެ ގާނޫނުއަސާސީގެ 72 ވަނަ މާއްދާގެ ށ. ގައި ބުނެފައިވަނީ، "ކޮންމެ އިންތިޚާބީ ދާއިރާއެއްގައި ވާދަކުރާ މީހުންގެ ތެރެއިން އިންތިޚާބުވާނީ، އެ ދާއިރާއެއްގައި ވޯޓުދޭ ރައްޔިތުންގެ ސިއްރު ވޯޓަކުން އެންމެ ގިނަ ވޯޓު ލިބޭ މީހެކެވެ،" މިހެންނެވެ.
މެންބަރުން އިންތިޚާބުވާން ދާއިރާގެ ވޯޓުލެވޭ އާބާދީގެ ވަކި އިންސައްތައެއް ބޭނުމެއް ނުވެއެވެ.

ގާނޫނުއަސާސީ --- ސަން ފޮޓޯ
ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި މެންބަރުންގެ އަދަދު ކަނޑައަޅާފައިވަނީ ވެސް ވަރަށް ތަފާތު ގޮތަކަށެވެ. އެގޮތުން އެ މާއްދާގައި ބުނެފައިވަނީ:
"(ހ) 1. ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން.
2. ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ 5،000 އަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް،"
އެއީ، ނިމުމެއް އޮތް ކަމެއް ނޫނެވެ. މި އުސޫލުން މެންބަރުން އިންތިޚާބުކުރުމުގައި ވެސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ދައުރަކަށް ފަހު ދައުރެއްގައި މެންބަރުންގެ އަދަދު ޖަޕާނު މަހެއްހެން އިތުރުވާ އިތުރުވުން ވެސް ނިންމަން ޖެހެއެވެ. އަނެއް ކަމަކަށް، މަޖިލީސް އެކުލެވިގެންވާ ގޮތާ މެދު ވެސް ވިސްނާލަންޖެހެއެވެ.
ރައްޔިތުން ތަމުސީލެއް ނުވޭ؟
މެންބަރުންނަކީ ވަކި ސަރަހައްދެއްގެ ރައްޔިތުންގެ ވަކާލާތު ކުރަން ހުންނަވާ ބޭފުޅެކެވެ. އެކަމަކު، ގާނޫނު ހަދާ މަޖިލީހަކީ މުޅި ރާއްޖޭގެ އެންމެން އެއަށް އަމަލުކުރަން މަޖުބޫރު ގާނޫނުތައް ހަދާ ތަނެވެ.
އެ މަޖިލީހުގައި އެންމެ މެންބަރަކަށް އެއްވެސް ކަމެއް ނުނިންމޭނެއެވެ. ކަންކަން ނިންމާނީ އަޣުލަބިއްޔަތުންނެވެ. ނުވަތަ، ބައެއް ކަންކަމުގައި ވަކި މިންވަރަކަށް ވުރެ ބޮޑު އަޣުލަބިއްޔަތެއް ނެރެގެންނެވެ. އެކަމަކު، ވަކިވަކި ދާއިރާތަކަށް މެންބަރުން ހޮވުމުގެ ސަބަބުން، މުޅި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ ކަންކަމުގައި ވަކާލާތު ކުރެވޭ މިންވަރު މަދުކަން އެއީ ފެންނާން އޮތް ހަގީގަތެކެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ބައެއް މެންބަރުން ހޮވެނީ ކުޑަކުޑަ އިންސައްތައެއްގެ ވޯޓުން -- ފޮޓޯ/ މަޖިލީސް
"މިހާރު ވާގޮތަކީ ދާއިރާ މީހުންނަށް ކަންކަން ކޮށްދީފައި، މުޅި ރާއްޖޭގެ މަސްލަހަތާ މެދު ވިސްނާކަށް ވަގުތެއް ނޯވޭ. ކުދިކުދި ދާއިރާތަކުގެ ބަދަލުގައި ބޮޑު އާބާދީއެއް ތަމުސީލުވެ، މުޅި ރާއްޖޭގެ ވިސްނުމާއި ޚާއްސަކޮށް މައިނޯރިޓީ ފިކުރުތައް މަޖިލީހުގައި ތަމުސީލުވާން ޖެހޭނެ،" މި ހިނގާ މަޖިލީހުގައި އިންނެވި މެންބަރަކު، މިހާރު ހުންނެވި މަގާމުގެ ސަބަބުން ނަން ނުޖަހާން ޝަރުތުކޮށް ވިދާޅުވިއެވެ.
"ރިޔާސީ އިންތިޚާބަށް ފަހު، ވިދިވިދިގެން މަޖިލީސް އިންތިޚާބު އައީމާ އިދިކޮޅުގެ އަޑު ވެސް ހަމަ އެއްކޮށް ކޮންމެ ފަހަރަކު ކެނޑެނީ،"
މަޖިލީހަށް މެންބަރުން އިންތިޚާބުކުރަން ވާނީ، މުޅި ރާއްޖެ ތަމުސީލުވާ ގޮތަކަށެވެ. ރައްޔިތުންގެ އަޑު އިއްވޭނެ ގޮތަކަށެވެ. މެންބަރުން އިންތިޚާބުކުރާ ގޮތާއި ހަމައިން މަޖިލީސް އެކުލެވިގެންވާ ގޮތް ވެސް އަދި، އިންތިޚާބު ބާއްވާ ތާރީޚަށް ވެސް ބަދަލު ގެންނަން ޖެހެއެވެ.
މަޖިލީހުގައި އެންމެން ތަމުސީލުވާން ޖެހެއެވެ. އެއީ، ހަމައެކަނި ކޮންމެ އަތޮޅެއް ނޫނެވެ. މުޅި ރާއްޖޭގެ ވިންދު އެ ތަނުގައި ޖަހަން ޖެހޭނެއެވެ. އެ މަޖިލީހުގައި ރައްޔިތުންގެ އިހުސާސް ހިނގަން ޖެހޭނެއެވެ. އެ ތަނުގައި އެނބުރެން ވާނީ ރައްޔިތުންގެ ވިސްނުމެވެ.
އެ ކަން ކުރަން، މަޖިލީހުގައި މައިނޯރިޓީ ފިކުރުތައް ތިބެން ޖެހެއެވެ. މުޅި ރާއްޖޭގެ މަސްލަހަތަށް ވަކާލާތުކުރާނެ މެންބަރުން ތިބެންޖެހެއެވެ. ޚާއްސަކޮށް، މަޖިލީސް އިންތިޚާބަކީ ރިޔާސީ އިންތިޚާބާ ވިދިގެން އަންނަ އިންތިޚާބެއް ގޮތުގައި އޮންނަ އޮތުން ނިންމަން ޖެހެއެވެ. އެންމެ މުހިއްމު ކަމަކަށް ރައްޔިތުންގެ އަޣުލަބިއްޔަތުގެ ރުހުން ނުލިބި އެ މަޖިލީހަށް ވަދެވިގެން ނުވާނެއެވެ.
މަޖިލީހުގައި ޖަހަންވާނީ ރައްޔިތުންގެ ވިންދެވެ. އެ ތަނުގައި ހިނގަންވާނީ ރައްޔިތުންގެ ބާރެވެ.