ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން ވަކިވެ ވަޑައިގެންވި ގޮތޭ ގުޅެ ގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލާއި ހައުސިންގެ މިނިސްޓަރު މުހައްމަދު އަސްލަމު، ނެރުއްވި ރިޕޯޓަކީ ބިރުދެއްކުމުގެ ގޮތުން ހިންގާފައިވާ ޓެރެރިޒަމްގެ އަމަލެއް ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލު ރިޒާ މިއަދު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންކްއަރީ ކޮމިޝަނުން އެކަން ތަހުގީގު ކުރަމުން ގެންދަނިކޮށް އެފަދަ ރިޕޯޓެއް ނެރުމަކީ ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް ކަމަށާއި އެފަދަ ރިޕޯޓެއް ނެރުމުގެ ބޭނުމަކީ ސަރުކާރުގެ ތަންފީޒީ އިދާރާތަކަށް ބިރުދެއްކުން ކަމަށެވެ.

އައްބާސް ވިދާޅުވީ އެފަދަ ރިޕޯޓެއް ނެރޭއިރު އަސާސެއްގެ މައްޗަށް ބުރަވަގެން ނޫން ގޮތަށް އެކި އެކި ފަރާތްތަކުގެ ނަމައި އެބޭފުޅުން ދިރިއުޅުއްވާ ތަންތަން ހާމަނުކުރެއްވޭނެ ކަމަށާއި އެ ރިޕޯޓުގައި އެކިފަރާތްތަކުގެ ނަންތައް އެއްވެސް ތަހުގީގެއް ކުރުމެއްނެތި ހިމެނުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.

"ދައުލަތުގެ މުއައްސަސާއެއް ސިޔާސީ ޕާޓީއަކީ ސިޔާސީ ޕާޓީއަކުން ވެސް ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންކަން ހުންނާނެ. އެރިޕޯޓް އެކުލަވާލިއިރު ބޭބޭފުޅުންގެ ނަމާއި ބައެއް ބޭފުޅުންގެ އަނބިދަރިންގެ ނަމާއި އެފަދަ ފަރާތްތަކުގެ އެޑްރެސް ހާމަ ކުރުމަކީ، އެމްޑީޕީގެ އެރިޕޯޓަކީ އެއްވެސް އަސާސެއްގެ މައްޗަށް ބުރަވެ ހެދިފައިވާ ރިޕޯޓެއްނޫން.،" އައްބާސް ވިދާޅުވި އެވެ.

އަމީނު ފައިސަލާއި އަސްލަމު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ފެބްރްއަރީ ހަވަނަ ދުވަހާއި ހަތް ވަނަ ދުވަހު ފުލުހުންނާއި ސިފައިން ޣައިރު ގާނޫނީ އަމަލުތަކެއް ހިން ގައި ގާނޫނީ ގޮތުން އިންތިހާބު ކޮށްފައިވާ ރައީސުލް ޖުމުހުރިއްޔާގެ އަމުރު ތަކަށް ދެކޮޅު ހެދުމުގެ ސަބަބުން އެމަނިކުފާނަށް މަޖުބޫރުވެގެން އިސްތިއުފާ ދެއްވީ ކަމަށެވެ.

ނަމަވެސް ފެބުރުއަރީ ހަތްވަނަ ދުވަހު މީޑިޔާ ކުރިމަތީގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރުވެގެން ކަމަށް ވިދާޅެއް ނުވެއެވެ.