11 Jun 2012, 16:10
ޓީޗަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ "ޓިޗާސް އެކްސެލެންސް އެވޯޑް" މި އަހަރު 10 ދާއިރާއަކުން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ޓިޗާސް އެވޯޑްގެ ކަންކަން އިންތިޒާމު ކުރުމަށް "ތިންކް އެސީސިއޭޝަން"އާ ހަވާލު ކުރުމަށް މިއަދު އެޑިޔުކޭޝަން މނިސްޓްރީގައި ބޭއްްވި ރަސްމިޔާތެއްގައި މިނިސްޓަރު ޑރ. އަހްމަދު އާސިމް ވިދާޅުވީ މި އަހަރު 10 ދާއިރާއަކުން ޓީޗާސް އެވޯޑް ދިނުމަށް ހަމަޖައްސަވާފައިވާ ކަމަށާއި އެ ހުރިހާ ދާއިރާތަކުގެ އެވޯޑު އެކި ފަރާތްތަކުން ސްޕޮންސާކޮށްފައިވާ ކަމަށެވެ.
މިދިޔަ އަހަރު ޓީޗާސް އެވޯޑްދީފައި ވަނީ ހަ ދާއިރާއަކުންނެވެ.
މިއަދުގެ ބައްދަލުކުރުމުގައި މިނިސްޓަރު އާސިމް ވިދާޅުވީ މި އަހަރުގެ ޓީޗާސް އެވޯޑްގައި ދިގު މުއްދަތައް ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ބޭފުޅުންނާއި ކިޔަވައިދިނުމުގެ ދާއިރާގައި އަލަށް މަސައްކަތްކުރަމުން އަންނަ ޓީޗަރުނަށް އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެންމެ ރަނގަޅު ޕްރިންސިޕަލަކަށް ދޭ އެވޯޑާއި ޑެޕިއުޓީ ޕްރިންސިޕަލުންނަށް ދޭ އެވޯޑް މި އަހަރު ވެސް ހިމެނޭ އިރު ޕްރައިމަރީ އަދި ސެކަންޑްރީ ސްކޫލްތަކުން އެންމެ މޮޅު ލީޑިން ޓީޗަރަކަށް އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ސްކޫލުތަކުގައި މަސައްކަތްކުރާ އެހެން ދާއިރާތަކުގެ މުވައްޒަފުންނާއި ނުކުޅޭދޭ ކުދިންނަށް ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންނަށް އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ބުނީ، ކުރިން މި މަހު 21ގެ ނިޔަލަށް ކުރިމަތި ލުުމުގެ މުއްދަތު ހަމަވާ ގޮތަށް އޮތް، ޓީޗާސް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ޖުލައި 12 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އެ މިނިސްޓްރީ އިން ބުނީ ޓީޗާސް އެވޯޑަށް ކުރިމަތި ލުމުގެ މުއްދަތު އިތުރު ކުރުމަށް ނިންމީ އިތުރު ބޭފުޅުންނަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.
މި އަހަރުގެ ދުނިޔޭގެ ޓީޗަރުންގެ ދުވަހުގައި ދިނުމަށް ހަމަޖެހިފައިވާ ޓީޗާސް އެވޯޑަށް އަދި އެވޯޑުތަކަށް ނޮމިނޭޓްވާ ބޭފުޅުންގެ ތެރެއިން އެ ވޯޑުތައް ދޭނެ ފަރާތްތައް ކަނޑައަޅާނީ ވަކި ހާއްސަ ކޮމެޓީއަކުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މި އަހަރު އަލަށް ދިނުމަށް ހަމަޖައްސާފައިވާ އެވޯޑުތައް ސްޕޮންސާ ކުރި ފަރާތްކާއި އެޑިއުކޭޝަން މިނިސްޓްރީއާ ދެމެދު އެއްބަސްވުމުގައި ފުރަތަމަ ސޮއިކޮށްފައި ވަނީ މިދިޔަ އަހަރެވެ.