ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އާއި ފެކަލްޓީ އޮފް އިސްލާމިކު ސްޓަޑީޒްގެ އިތުރުން ކުއްލިއްޔައިން ނިންމާ ދަރިވަރުންނަށް ދީނީ ތަގުރީރާއި ވައުޒު ބުނުމުގެ ވަގުތީ ހުއްދަ އެއް ދޭގޮތަށް ނިންމައި އެކަމަށް އެދޭ ފަރާތްތަކަށް މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކު މިނިސްޓްރީން ބުނެފައިވަނީ ދީނީ ތަގުރީރާއި ވައުޒު ބުނުމުގެ ވަގުތީ ހުއްދަ ދޭ ނިންމާފައިވަނީ އެފަދަ ދަރިވަރުންގެ އިލްމީ ގޮތުން ކުރިއަށް ދިއުމުގެ ފުރުސަތު ހުޅުވާލުމާއި ހަމައެކަނި ބޭރުގެ ފަރާތްތަކުން އިލްމު އުގެނޭ ފަރާތްތަކަށް ހުއްދަ ދޭގޮތަށް އޮތްއޮތުން ހުއްޓުމަކަށް ގެނެސް ރާއްޖެއިން ވެސް ދީނީ އިލްމު އުނގަންނަ ފަރާތްތަކަށް ފުރުސަތު ދިނުން ކަމަށެވެ.

މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ވަގުތީ ހުއްދައެއް ދެވޭނީ އެއް އަހަރުދުވަހުގެ މުއްދަތަށް ކަމަށާއި ނަމަވެސް އެފަދަ ދަރުސްތަކާއި ވައުޒުތައް ދެއްވާ ފަރާތްތަށް ރަނގަޅަށް އެކަން ކުރައްވާނަމަ އެ ހުއްދަ ދާއިމީ ކުރަންވެސް ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިނިސްޓަރު ވިދާޅުވީ މިއަދު ބައްދަލުވުމަކަށް ފަހު ދީނި ދަރުސް ދިނުމާއި ވައުޒު ބުނުމަށް ވަގުތީ ހުއްދަ ދޭގޮތަށް ނިންމީ ރާއްޖޭގެ ދީނީ އިލްމުވެރިންގެ މަޝްވަރާއަށް ފަހު ކަމަށެވެ.

"ވަގުތީ ހުއްދަ ދޭނީ އިސްލާމިކު މިނިސްޓްރީން ކަނޑައަޅާ ހަމަތާކާއި އުސޫލުތަކާއި އެއްގޮތައް. ހުއްދަ ދެވޭނީ އިންޓަވިއު ކުރުމަށް ފަހު އެންމެ ރަނގަޅު ފަރާތްތަކަށް،" ޝަހީމް ވިދާޅުވި އެވެ.