11 Jun 2012, 13:01
ރައްޔިތުންގެ ހިތްތަކުގައި ސިފައިންނާ މެދު ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރަނީ އެމްޑީޕީން ކަމަށް ވިދާޅުވެ، އެކަން ނުކުރެއްވުމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެމްޑީޕީ އަށް އިލްތިމާސް ކުރައްވައިފި އެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ސިފައިންނަކީ ރައްޔިތުންގެ ލޯތްބާއި އިޚުތިރާމް ލިބިގެން މަސައްކަތް ކުރާ ބައެއް ކަމަށާއި މަދު ބަޔަކު ފިޔަވައި އެހެން އެންމެންނަކީ ސިފައިންދެކެ ލޯބިވާ ސިފައިންނާ އެކީ މަސައްކަތްކުރަން ތިބި ބައެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ހިތްތަކުގައި ސިފައިންނާ މެދު ނަފްރަތު އުފެއްދުމަށް އެމްޑީޕީ އާއި އެ ޕާޓީގެ ލީޑާޝިޕުން މަސައްކަތް ކުރި ނަމަވެސް ރައްޔިތުން ސިފައިންނާ ދޭތެރޭ ނުރުހުން ފާޅުކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"ސިފައިންނަކީ ރައްޔިތުންގެ ލޯތްބާއި އިޚުތިރާމް ލިބިފައިވާ ބައެއް. މަދު ބަޔަކު ސިފައިންނާ މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރަނީ. ޚާއްސަކޮށް އެމްޑީޕީ އާއި އެމްޑީޕީގެ ލީޑާޝިޕް. އެ ބޭފުޅުންނަށް ދަންނަވަން އެކަންކަން ނުކުރެއްވުމަށް. ކޮންމެ ވެރިކަމެއްގައި ވެސް ސިފައިންނަކީ ތިބޭނެ ބައެއް. ދިފާއީ ބާރާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން. މަދުބަޔަކު އެކުރާ ކަމެއްގެ ސަބަބުން ރައްޔިތުން ސިފައިންނާ ދޭތެރޭ ނަފްރަތުކޮށް ސިފައިންނާ ދޭތެރޭ ނުރުހުން ފާޅުކުރާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" ނާޒިމް ވިދާޅުވި އެވެ.
ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް ބުނެ އެމްޑީޕީގެ އިސް ދެ ބޭފުޅަކު ނެރުއްވި 99 ސަފުހާގެ ރިޕޯޓާ ބެހޭ ގޮތުން ނާޒިމް ވިދާޅުވީ އެއީ ޚިޔާލީ ރިޕޯޓެއް ކަމަށާއި އެ ރިޕޯޓްގައި ސިފައިންގެ ބައެއް ބޭފުޅުންގެ ނަންފުޅުތައް ލިޔެފައި ހުރި އިރު އޭގެ ސަބަބުން އެ ބޭފުޅުންގެ އަބުރާއި އިއްޒަތް ކިނލަބުވެފައިވާ ކަމަށެވެ. އަދި އަބުރަށް ގެއްލުން ލިބުނު ބޭފުޅުން އެ ބޭފުޅުންގެ އަބުރުގެ މައްސަލައިގައި ކޯޓަށް ވަޑައިގަތުމަށް އެބޭފުޅުންނަށް ދަންނަވާފައިވާނެ ކަމަށް ވެސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
"މިސާލަކަށް އިހަކަށް ދުވަހު ނެރުއްވި ޚިޔާލީ ފޮތުގައި އެބަހުރި ބައެއް ސިފައިންގެ ނަންތައް ލިޔެފައި. އެ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާފައި އޮންނާނެ ކޯޓަށް ވަޑައިގަންނަވާށޭ. ވަޑައިގެން އެކަމަށް ޗެލެންޖްކުރައްވާށޭ. އެބޭފުޅުންގެ އަބުރާއި އިއްޒަތް އެގޮތަށް ގެއްލުވައެއް ނުލެވޭނެ. އާންމު ފަރުދުންގެ ވާހަކަ ޚިޔާލީ ފޮތްފޮތަކައި ނުޖެހޭނެ،" ނާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީ އެކިގޮތް ގޮތުން ސިފައިންގެ އަބުރާއި އިއްޒަތް ގެއްލޭ ފަދަ ގޮތްގޮތަށް މަސައްކަތްކުރާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކޯޓަށް ވަޑައިގަތުމަށް ހުރިހާ ސިފައިންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ގޮވާލައްވާ ކަމަށެވެ. އަދި އެކަމުގައި ވެދެވެން އޮތް ހުރިހާ އެއްބާރުލުމެއް ޑިފެންސް މިނިސްޓްރީން ވެދެއްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު ހުރިހާ ސިފައިންނަށާއި އެމީހުންގެ އާއިލާތަކަށް ގޮވާލަން އެމީހުންގެ އަބުރާއި އިއްޒަތް ގެއްލުވާލަން މަސައްކަތްކުރާ ފަރާތްތަކާއި ދޭތެރޭގައި ގާނޫނީ ފިޔަވަޅު އެޅުމަށް ޓަކައި ކޯޓުތަކަށް ދިޔުމަށް. އެކަމަށްޓަކައި ޑިފެންސް މިނިސްޓްރީން ވެދެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނަން،" ނާޒިމް ވިދާޅުވި އެވެ.