ފަހަރަކު މީހެއްގެ މޫނަށް ބަލައިލުމާއެކު އިޝްފާން ކާ ތަށި އަތުގެ ކޮޅަށް ހޫރާލުމާއެކު ގޮނޑިން ތެދުވިއެވެ.

އެ ދިޔަ ބާރުމިނުގައި ގޮސް އޭނާ ވަނީ ކޮޓަރިއަށެވެ. އެނދުމައްޗަށް ވެއްޓިގަތުމާއެކު، ބާލީހުން މޫނު ފޮރުވާލައިގެން އޮވެ އެތައް އިރެއް ވަންދެން ރުޔެވެ. އިޝްފާން ހަމައަކަށް އަޅުވަން އައި ސަވާ އެނދުގައި އިށީނުމާއެކު، އިޝްފާން ތެދުވެ ސަވާއާ ކުރިމަތިލިއެވެ.

"ދޮންތާ! ކުރިން ފަހަރުވެސް ހުރިހާ ކުދިން… މަލާމާތްކުރި…" އިޝްފާންއަށް ރޮވޭވަރުން ވާހަކައެއް ނުދެއްކެއެވެ. އިޝްފާންގެ އެ ކަރުނަތަކުން އަންގައިދެނީ އޭނާ ބައްޕައެއްގެ ލޯތްބަށް ފެންބޮވައިގަތްފައިވާ ވަރެވެ.

"ކޮއްކޯ… ބައްޕަ ބިޒީވީމަ އެއީ… ދެން އެކަމާ އަޅާނުލާ." އިޝްފާން ހިތްހަމަ ޖައްސުވައިދޭން އެވަގުތު އިތުރަށް ބުނާނެ އެއްޗެއް ސަވާއަކަށް ނޭނގުނެވެ. އެހެންކަމުން އޭނާ އިޝްފާންގެ ކަރުނަތައް ފުހެލަމުން ނުރުއިމަށް ބުނަމުން ދިޔައެވެ. އިޝްފާންއާ ސަވާގެ އުމުރުގެ ތަފާތަކީ ތިން އަހަރު ނަމަވެސް، އެ ދެމީހުންގެ ވިސްނުން ހާސްބައި ތަފާތެވެ. ސަވާއަކީ ކަންތައްތަކުގައި މާ ވިސްނޭ ކުއްޖެކެވެ. ކެތްތެރިވާން ދަންނަ ކުއްޖެއްވެސް މެއެވެ. އެހެންނަމަވެސް، އިޝްފާންއަކީ މާ އަވަހަށް ޖަޒުބާތީވާ ކުއްޖަކަށްވާތީ އަމިއްލަ އިޙްސާސްތައް ހިންދާލައިގެން ހުރުމަކީ އޭނާއަށް ފަސޭހަކަމަކަށް ނުވެއެވެ. ސަވާ އިޝްފާންއާ ވާހަކަ ދައްކަން އިންދާ މަދީހާވެސް އައިސް ކޮޓަރިއަށް ވަނެވެ.

ސަވާއާއި މަދީހާގެ މަސައްކަތުން އިޝްފާން ހަމައަކަށް އެޅުނެވެ.

"ދޮންތާ.. ހިނގާބަލަ އެއްޗެއް ދައްކާލާނަން." އެހެން ބުނެލާފައި އިޝްފާން ސަވާ ގޮވައިގެން ހިނގައިގަތުމާއެކު، މަދީހާ އެ ދެ ކުދިންނަށް ބަލާލިއެވެ. އިޝްފާންގެ އުޅުމަށް އަންނަމުން އެ ދާ ބަދަލުތަކުން އޭނާ ކަންބޮޑުވަނީއެވެ. މިހާރަކަށް އައިސް، ފަތުޙީ އެފަދަ ކަންތައް ތަކަށް ދެކޮޅު ހަދާ ކޮންމެ ފަހަރަކު ދެރަވެ ރުޅިގަދަވުމަކީ އާދައަކަށް ވެއްޖެއެވެ. ދަރީންނާ ފަތުޙީއާ ދެމެދު އޮންނަ ގުޅުން ހީނަރުވަމުން ދާ އިޙްސާސްއާއެކު، އެކަންތައް ރަނގަޅު ކުރޭވޭތޯ މަދީހާ ކިތަންމެ މަސައްކަތެއް ކުދި ނަމަވެސް، ކުރި އެރުން ނުލިބެނީ ފަތުޙީ އެކަމަށް އެއްބާރުލުން ނުދޭތީއެވެ. ސިޔާސީ މައިދާނުގައި ނުފޫޒު ގަދަ މީހުންގެ ލިސްޓުގައި އަބަދުވެސް ފަތުޙީގެ ނަން އޮންނަން އޭނާ ބޭނުންވާތީ ޢާއިލާއަށްވުރެވެސް ބޮޑަށް ފަތުޙީ އިސްކަން ދެނީ އެކަންކަމަށެވެ. އެކަމާ މަދީހާ އެތަކެއް ފަހަރަކު ފަތުޙީއާ ވާހަކަ ދެއްކި ނަމަވެސް، އެއްވެސް ކަހަލަ އަޅާލުމެއް ނުހުރެއެވެ. އިޝްފާންގެ މިޒާޖާ ބެހޭގޮތުން ވެސް އެތަކެއް ފަހަރަކު ފަތުޙީއާ ވާހަކަ ދެކެވިއްޖެއެވެ. އެކަމަކު އެދެވޭ އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. އެހެންކަމުން މަދީހާ ވަނީ ގޮތްހުސްވެ މާޔޫސްވެފައެވެ.

ދަރިން ބޮޑުވަމުން އަންނައިރު މައިންބަފައިންގެ ލޯތްބަކީ ކިހާ މުހިންމު އެއްޗެއްކަން އޭނާއަށް އިޙްސާސްވެއެވެ. ދަރިންނަށްޓަކައި މައިންބަފައިން، އެ ކުދިންގެ ގާތް ރަޙްމަތްތެރިންނަށް ވާން ޖެހެއެވެ. ކަންތައްތަކާ މަޝްވަރާކޮށްލާ ޚިޔާލު ބަދަލުކޮށްލެވޭ ފަދަ ގާތްބަޔަކަށް ވާން ޖެހެއެވެ. ދަރީންނާ މައިންބަފައިންނާ އޮންނަ ގުޅުން ވަރުގަދަ ވީ ވަރަކަށް އެ ކުދިންނަށް ހެޔޮ ބަދަލުތައް އަންނާނެއެވެ. އެ ފަދަ ވާހަކަތަކަށް ފަތުޙީ ޖަވާބެއް ނުދެއެވެ. ދަރިންނަށް އުފާވެރިކަމެއް ނެތް މުއްސަނދި ދިރިއުޅުމެއްގައި އުޅުމުގެ ފައިދާއެއް މަދީހާއަށް ނުފެނުނަސް ފަތުޙީއަށް ފައިސާއަކީ ހުރިހާވެސް އެއްޗެކެވެ. ފައިސާ ހުރެއްޖެނަމަ އެބަޔަކަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅެވޭނެކަމަށް ފަތުޙީ ގަބޫލުކުރެއެވެ. އޭނާއަށް ނޭނގެނީ އުފާވެރިކަމާ ހަމަޖެހުމަކީ ފައިސާއިން ގަނެވޭނެ އެއްޗެއް ނޫންކަމެވެ. އަދި ލޯތްބާއި ކުލުނާއި އޯގާތެރިކަމަކީ ވެސް ފައިސާއަށް ގަނެވޭނެ އެއްޗެއް ނޫންކަމެވެ.

އެގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އިޝްފާންގެ އުޅުމަށް ބަދަލު އަންނަމުން ދާކަން އެންމެ ބޮޑަށް ފާހަގަކުރެވެނީ މަދީހާއަށެވެ. އެގޮތުން ސާދަ އަހަރަށް އަޅާލިއިރު، އިޝްފާން އާދަޔާ ޚިލާފަށް ރުޅި ގަދަވާން ފެށިއެވެ. ގޭގައި ހުންނަ އެއްޗެއްސަށް ގެއްލުންދީ ހަދަން ފެށިއެވެ. އޭގެ އިތުރުން ފަތުޙީ ފެނުމާއެކު އަންނަ ރުޅީގައި ކުރެވޭ ނުކުރެވޭ ކަމެއްވެސް އިޝްފާންއަކަށް ނޭނގެއެވެ.

ހަޤީގަތުގައި އޭނާގެ އުމުރު ހަގަސް ވަށައިގެން ހިނގަމުންދާ ހުރިހާ ކަމެއް އިޝްފާންއަށް އެނގެއެވެ. މަންމަމެންނަށް ފަރުދާވެފައިވާ އެތަކެއް ކަމެއް އިޝްފާންއަށް ވަނީ ފެނިފައެވެ. އެހެންކަމުން ނަފްސާނީ ގޮތުން އިޝްފާންއަށް ލިބެމުން ދިޔަ ގެއްލުންތަކާ ކުރިމަތިލާނެ ގޮތެއް ނޭނގި ރުޅިވެރިކަން އެ އިޙްސާސްތަކުގެ މައްޗަށް ގަދަވެގަންނަނީއެވެ. އެންމެ ފަހުން އިޝްފާން ސިނގިރެޓް ބޯން ފެށިއެވެ. އެކުވެރިންގެ ފަރާތުން އެއީ ހާސްކަން ފިލާކަމެއްކަމުގައި ބުނަން ފެށުމުން އެންމެ ފުރަތަމަ އިޝްފާން ބޭނުންވީ ގޮތް ބަލާލާށެވެ. އޭރު ހަމަ ހަޤީގަތުގައިވެސް އޭނާ ހުރީ ހިތުގައި އުފެދެމުން ދާ ނުތަނަވަސްކަމުން ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ބޭނުންވެފައެވެ. ސިނގިރެޓުން ހިތްހަމަ ޖެހުން ހޯދަމުން ދިޔަ އިޝްފާން ގިނަގިނައިން ބޭރަށް ދާން ފެށުމުން އެކަމާ އިޝްފާން އެންމެ ފުރަތަމަ ވާހަކަ ދެއްކީ މަދީހާއެވެ. އޭރު އަދި އިޝްފާން ސިގިރޭޓް ބޯކަމެއް މަދީހާއަކަށް ނޭނގެއެވެ. އެކަމާ ގުޅޭގޮތުން ފަތުޙީއާ ވާހަކަ ދެއްކި ނަމަވެސް، ކުރިއެރުމެއް ނުލިބުނެވެ.

"ފަތުޙީ. އަހަންނަށް ފެންނަނީ ފަތުޙީ އިޝްފާންއާ ވާހަކަ ދައްކަން. އަޅެ އެ ކުދިންނަށް ކުޑަ ވަގުތުކޮޅެއް ދިނުން ކިހިނެއްވާނީ؟ ހަފްތާ އެކީ މަސައްކަތުގަ އުޅެފަ ހަފްތާ ބަންދު އެކަނި ނަމަވެސް." މަދީހާއާ ފަތުޙީއާ ގޭގެ ބިއްދޮށުގައި ހައްދާފައިވާ ކުޑަ މާ ބަގީޗާ ގަސްތައް ކައިރީގައި ހުރި ގޮނޑީގައި ތިބެގެން ދައްކަމުން ދިޔަ ވާހަކަ އެ ދިމާލަށް ނުކުންނަމުން އައި އިޝްފާންގެ ކަންފަތުގައި ޖެހުނެވެ.

"އަަހަރެން ބިޒީކޮށް މިއުޅެނީ ހަމަ އެ ކުދިންނަށް ވެސް ރަނގަޅަކަށް. ބޮޑުވަމުން އަންނައިރު ކުދިންނަށް އެކަހަލަ ބަދަލުތައް އަންނާނެ. އެއީ މާ ކަންބޮޑުވާން ޖެހޭ ކަންކަމެއް ނޫން. ސަވާއަށް ބަލާލަބަލަ. އިޝްފާން އުޅޭހެން ރުޅިގަދަވެގެން ސަވާއެއް ނޫޅެއެއްނު. އިޝްފާންއަށް ހަމަ ނުވިސްނެނީ." ފަތުޙީގެ އަޑު އިވުނެވެ.

"އެކުދިން ބޭނުމެއް ނޫން މިހުރިހާ ފައިސާއެއް. ފަތުޙީގެ ފަރާތުން އެކުދިންނަށް ލިބޭ އެންމެ ގަޑިއިރަކީވެސް މިހުރިހާ މުދަަލަށްވުރެ އަގު ބޮޑު އެއްޗެއް." މަދީހާ ބުނެލި އަޑު އިވުނެވެ.

"އެހާ ބިޒީކޮށް އުޅެފަ ގެއަށް އައިސް ވަންނަ ކޮންމެ ފަހަރަކު، ތި ކަހަލަ އެއްޗެހި ކީމަ އަހަރެން ހިތްހަމައެއް ނުޖެހޭ. އެއީ ފުރާވަރަށް އަޅާ އުމުރު ވީމަ ވާގޮތޭ ބުނެފީމެއްނު. އެކަމާ އަޅާނުލާބަލަ! އަދި ފަހުން ރަނގަޅުވާނެ." ފަތުޙީގެ އަޑުގައި ނުރުހުން ވިއެވެ.

"ތީ ސަވާއާ އިޝްފާންގެ ބައްޕައަކީ. އިޝްފާން އެ އުޅެނީ އެހާ ރަނގަޅަކަށޭ އަހަރެެންގެ ހިތެއް ނުބުނޭ..... އަހަރެން ބުނަންތަ ވާހަކައެއް؟ މިހާރު އެގޮތަށް އިޝްފާންއާ މެދު ފަރުވާ ކުޑަ ކުރެވިއްޖެއްޔާ ފަހުން ލިބޭ ދެރަ މާ ބޮޑުވެދާނެ. އޭރުން އެކަމުގެ އަސަރު ފަތުޙީގެ އިއްޒަތާއި އަބުރަށްވެސް ކުރާނެ." އެހެން ބުނެލާފައި މަދީހާ ތެދުވިކަން އިނގުމާއެކު، އިޝްފާން އެތެރެއަށް ވަދެގެން ގޮސް ޓެރެސްއަށް އެރިއެވެ. ޖީބުގައި އޮތް ސިނގިރެޓާއި ލައިޓަރު ނެގުމަށްފަހު، ސިނގިރެޓް ރޯކޮށްލާ އެ ބޯން ފެށިއެވެ. އޭގެ އިރުކޮޅެއްފަހުން މަދީހާ ޓެރެސްއަށް އެރީ އިޝްފާން ޓެރެސްއަށް ދިޔަކަމުގައި ގޭގައި މަސައްކަތް ކުރަން ގެންގުޅޭ ކުއްޖާ ބުނުމާއެކުގައެވެ.

"އިޝްފާން." މަދީހާ ގޮވާލުމާއެކު އިޝްފާން އެނބުރިލިއެވެ. އޭރު އޭނާ ހުރީ ސިނގިރެޓް ތުމުގައި ޖަހަައިގެންނެވެ.

"އިޝްފާން." މަދީހާގެ ބާރު އަޑު މުޅި ސަރަހައްދުގައި ގުގުމާލިއެވެ. އެއައި ގޮތަށް އައިސް އޭނާ އިޝްފާންގެ އަތުގައި ޖެހި ޖެހީނުން ސިނގިރެޓް ވައްޓާލައިފިއެވެ.

"މިހާރު ސިނގިރެޓްވެސް ބޯން ފެށީތަ؟" އޭނަ އިޝްފާންއަށް ބަލާލިއިރު، ރުޅިވެރިކަމާ އެއްވަރަށް ހިތާމައިގެ އަސާރާ އިޝްފާންއާ މެދު ކަންބޮޑުވެފައިވާ މިންވަރު އެ ދެލޮލުން އެކަނިވެސް ހާމަވަމުން ދިޔައެވެ.

"ކީއްވީ؟ ފުރާވަރުގެ ކުދިން އުޅޭ ގޮތޭ މީ…" އިޝްފާން ނިކަން ހަމަޖެހިލާފައި އެހެން ބުނެލިއެވެ.

"ކޮން އިރަކު ތިކަން ކުރަން ފެށީ؟" މަދީހާގެ ދެވަނަ ސުވާލެއްވެސް އިޝްފާންއަށް އަމާޒުވިއެވެ. އެ ސުވާލަށް ޖަވާބު ދިނުމުގެ މުހިންމުކަން އިޙްސާސްނުވުމުން އިޝްފާން މަދީހާއަށް ރުޅިވެރި ނަޒަރަކުން ބަލައިލާފައި އެތަނުން ދާން ހިނގައިގަތެވެ.

އިޝްފާން އެ ދިޔަ ގޮތަށް ގޮސް ސިޑިން ފައިބައިގެން ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. މަދީހާ އައި އިރު އޭނާ ކޮޓަރި ތަޅުލައިފިއެވެ.

"އިޝްފާން… އިޝްފާން…." ކޮޓަރީގެ ދޮރުގައި ޓަކި ޖަހަމުން މަދީހާ ދިޔައީ އިޝްފާންއަށް ގޮވަމުންނެވެ.

"ކިހިނެއްވެގެން ތިއުޅެނީ؟ ކޮޓަރިއަށް ވަދެ ތަޅުލީ ދޯ. އަޅާނުލާބަލަ. ކުޑައިރުއްސުރެ އުޅޭ ގޮތެއްނު. ބޮޑުވީމަ ރަނގަޅުވާނެ." އެ ދިމާލަށް އައި ފަތުޙީގެ އަޑު މަދީހާއަށް އިވުނެވެ.

"އިޝްފާން މިހާރު…" އެހިސާބަށް އައިސް ހުއްޓުނު ފަތުޙީއާ ވާހަކަ ދައްކަން އުޅުނު މަދީހާއަށް ބުނެވުނީ އެވަރަށެވެ. ފަތުޙީއަށް އައި ފޯނު ކޯލާއެކު މަޑުކޮށްލުމަށް އޭޭނާ އަތުން އިޝާރާތްކޮށްލިއެވެ. އެއާއެކު، މަދީހާގެ އަނގަ ބަންދުވިއެވެ. ފޯނު ބާއްވާފައި ފަތުޙީ ދާން އެނބުރިލުމާއެކު، މަދީހާ ފަތުޙީއަށް ގޮވާލާ އޭނާ މަޑުކުރުވަން އުޅުނެވެ.

"އަހަރެން ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުމޭ… ފަތުޙީ." މަދީހާ ބުނެލިއެވެ.

"މިގަޑިއަކު ނޫން. އަހަރެން ގެއަށް އައިމަ." އެހެން ބުނެލާފައި ކޮންމެވެސް މީހަކަށް ގުޅާލަމުން ފަތުޙީ ހިނގައިގަތީ ދުރަށެވެ. ފަތުޙީ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރި، މަދީހާއަށް ދެފަރާތަށް ބޯ ހޫރާލުން ފިޔަވާ އިތުރު ކަމެއް ނުކުރެވުނެވެ.

ދަރީންގެ ކަންތައްތައް ހުންނަ ގޮތުގެ ވާހަކަ އަޑުއަހާކަށް ފަތުހީއަކަށް ވަގުތު ވާކަމަށް ދުވަހަކުވެސް ނުވެއެވެ. އެހެންކަމުން އިޝްފާން ސިނގިރޭޓު ބޯ ވާހަކަ މަދީހާއަށް ފަތުޙީއާ ދެއްކޭ ވަރުވީ އޭގެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އެވާހަކަތަކުގެ ތެރެއިން ސްކޫލުގެ ނަތީޖާ ދަށަށް ގޮސްފައިވާކަމުގައި ޓީޗަރުން ފާހަގަކުރާ ކަމުގަޔާއި މިހާރު ދެފަހަރަކު އޭނާ ވެސް ސުކޫލަށް ހާޟިރުކޮށްފިކަމުގައި މަދީހާ ބުންޏެވެ.

"އިޝްފާން.." ގޭގެ ބޮޑުކޮޓަރީގައި މަދީހާގެ ވާހަކަތައް އަޑު އަހަން އިން ފަތުޙީއަށް ގެއަށް ވަދެގެން އައި އިޝްފާން ފެނުމާއެކު ގޮވާލިއެވެ.

"ކިހިނެއްވީ؟" ފަތުޙީމެން ކައިރިއަށް އައިސް މަޑުކޮށްލުމާއެކު، އެއްވެސް އަސަރެއް ނެތްގޮތަކަށް އިޝްފާން ބުނެލައިފިއެވެ.

"ކިހިނެއްވީހޭ؟ މި އަޑު އިވުނީ ރަނގަޅަށްތަ؟ ސިނގިރެޓް ބޯން ފެށީތަ؟" ފަތުޙީގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ.

"އަދި ކިރިޔާތަ ތިވާހަކަ ވެސް އަހާލެވޭ ވަރުވީ." މާލާމަތުގެ ރާގަކަށް އިޝްފާން ފަތުޙީއަށް ބުންޏެވެ.

"ލަދެއްވެސް ނުގަނޭތަ؟" އިޝްފާންގެ ރާގު ހުރި ގޮތުން ފަތުޙީ ގާތަށް ރުޅި އަންނަ ގޮތްވިއެވެ. ސޯފާއިން ތެދުވުމާއެކު އޭނާ އިޝްފާންއާ ކުރިމަތިލިއެވެ.

" ދެން މާ ދަރީންނަށް ހެޔޮ އެދޭ މީހަކަށް ވެގެން އުޅޭނެކަމެއް ނެތް. މަ ކުރާ އެއްވެސް ކަމަކާ ބެހިގެން ނުވާނެ. މަ ބޭނުން ގޮތަކަށް އުޅޭނީ. ކަލެއަކާ ބެހޭކަމެއް ނޫން." ހަމަ އެ ރާގުގައި އިޝްފާން ރުޅިވެރިކަމާއެކު، ބުނެލިއެވެ.

"އިޝްފާން. ތިޔެއްނޫން ބައްޕައާ ވާހަކަ ދައްކަން ޖެހޭނެ ގޮތަކީ." މަދީހާއަށް ވެސް ބުނެވުނެވެ. އިޝްފާންއަށް އަންނަމުންދާ ބަދަލާ މެދު އޭނާ ހުރީ އަޖައިބުވެ އަންތަރީސްވެފައެވެ. އަދި އެހާ ދެރަވެފައިވެސް މެއެވެ.

"ބުނެފީމެއްނު މަ ބޭނުން ގޮތަކަށޭ…." އިޝްފާންއަށް ބުނެވާވަރުވީ އެވަރަށެވެ. ފަތުޙީގެ އަތުގެ ހޫނު އެތިފަހަރެއް އޭނާގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔައެވެ. ތަދުވީވަރުން ކޯތާފަތުގައި އަތް ޖައްސާލެވުނުއިރު، ނަގައިގަތް ދިލައަށް ކެތްކޮށްލުންވެސް އޭނާއަށް ވީ އުނދަގޫކަމަކަށެވެ.

"ދެވަނަ ފަހަރު މަށާ ތިގޮތަށް ޖަދަލު ނުކުރައްޗޭ…" ފަތުޙީ ހުރީ ރުޅި އައިސް ރަތްވެފައެވެ.

"ފަތުޙީ ރުޅި މަޑުކުރޭ… އިޝްފާން ދޭ… ކޮޓަރިއަށް ދޭ…" މަސްލަހަތު މާ ގޯސްވާހެން ހީވުމުން މަދީހާ އެ ޙާލަތު އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނެވޭތޯ މަސައްކަތް ކުރަން ފެށިއެވެ.

"ހިތު ހުރިހާ ގޮތަކަށް އުޅެން ނުވިސްނައްޗޭ. މަގޭ އަބުރަށް ހުތުރުވާ އެއްވެސް ކަމެއް ކޮށްގެން ނުވާނެ." ފަސްއެނބުރިދާން ހިނގައިގަތް އިޝްފާން މަޑުޖެހިލާފައި މަތުޙީއަށް ބަލައިލީ އެ ޖުމްލައާ އެކުގައެވެ.

"އަދިވެސް ތި ވިސްނަނީ ކަލޭގެ އަބުރާ ޢިއްޒަތަށް. މަށާ ދޭތެރެއަކު ނޫން. ފުރަތަމަ ތިމާ މީހަ ރަނގަޅަށް އުޅެފަ އެހެން މީހުންނަށް ނަސޭހަތް ދޭނީ." އިޝްފާން އަނގައިން ހުތުރުބަހެއް ބުނެލާފައި ހިނގައިގަތެވެ. އޭނާ ގޮސް ބާރަކަށް ކޮޓަރީގެ ދޮރު ޖެހި އަޑުން މުޅި ގެއަށް ވެސް ގުޑުން އަރައިގެން ދިޔަފަދައެވެ.

"އަހަރެން އޭރުވެސް ބުނިން ފަތުޙީ ކައިރީގަ އޭނާއާ ވާހަކަ ދައްކާށޭ. ވަގުތު ދޭށޭ… މި ވީގޮތް މިހާރު ކިހާ ދެރަ." މަދީހާ އޭނާގެ ދެލޮލުން އައި ކަރުނަތައް ފުހެލިއެވެ.

"އަދި މައިތިރިވާނެ." ފަތުޙީ ބުންޏެވެ.

"އިޝްފާން އަހަންނާވެސް ވަރަށް ދުރުވެއްޖެ. އޭނަ ބުނާ އެއްވެސް ވާހަކައަކަށް ފަތުޙީ ސަމާލުކަން ނުދޭތީ އެކަމާ އެހާ ހިތްހަމައެއް ނުޖެހޭ. އަހަންނަކަށް ވެސް ފަތުޙީގެ ފަހު ބަސް ބަދަލުކުރުގެ ބާރެއް ނޯވޭ. އެކަމާ އަހަންނާ ދިމާލަށްވެސް އެތަކެއް ފަހަރަކު ހަޅޭއްލަވައިފި." މަދީހާއަށް ވަނީ ވަރަށް އަސަރުކޮށްފައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އަމިއްލަ ދަރިފުޅު ރަނގަޅު މަގުން ކަސިޔާރުވެގެން ދާތަން ބަލަން ކެތްވާނީ ކޮން މަންމައަކަށް ހެއްޔެވެ؟ މިއީ ފަތުޙީގެ ފަރުވާ ކުޑަ ކަމުގެ ނަތީޖާއެވެ. އިޝްފާންއަށް ކުޑަ ވަގުތުކޮޅެއް ފަތުޙީ ދިން ނަމަވެސް، މިއަދު މިގޮތަށް މިކަން ނުވީހެވެ. މަދީހާއަށް ހިތުގައި އުފެދުނު ޝަކުވާތައް ކަރުނައިގެ ސިފައިގައި ބޭރުކުރެވެން ފެށިއެވެ.

"ގެއަށް އައިސް ވަނަސް އަބަދުވެސް އޮންނާނީ ކޮންމެވެސް ޝަކުވާއެއް. ހިތްހަމަޖެހިލެވޭ އެންމެ ވަގުތުކޮޅެއްވެސް ނާދެ." އެހެން ބުނެލާފައި މަދީހާއަށް ބަލައިލުމެއްވެސް ނެތި ފަތުޙީ ގޮސް ގެއިން ނުކުމެއްޖެއެވެ. މޫނުގައި އަތް އަޅާލައިގެން މަދީހާ ރޯން އިންދާ އޭނާގެ ކޮނޑުގައި މީހަކު އަތް ޖައްސާލިއެވެ.

(ނުނިމޭ)