ޣައްޒާ (07 މޭ 2024) : ހަމާސް ބަލިކުރުމުގެ ނަމުގައި ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ގަތުލުއާންމުތައް ހުއްޓާލުމަށް އެމެރިކާ، ގަތަރު އަދި މިސްރުން ހުށަހެޅި އެންމެ ފަހުގެ ހުށަހެޅުމަށް ހަމާސް އެއްބަސްވުމުން އެކަން ހަޖަމުނުވެގެން އިސްރާއީލު ސިފައިން ބަރުހަތިޔާރާއެކު އެއްގަމުން ރަފްހު ސިޓީއަށް ވަދެގަންނަން ފަށައިފިއެވެ.

މުރާސިލުން ބުނާގޮތުގައި އެމެރިކާ، ގަތަރު އަދި މިސްރުން ހުށަހެޅި ފަހުގެ އެއްބަސްވުން ހަމާސް ގަބޫލުކުރުމުން މި މައްސަލާގައި (ނެގޯސިއޭޝަންގައި) އިސްރާއީލު ގެންގުޅުނު ސްޓްރެޓެޖީ މިދިޔައީ މުޅިން ފެއިލްވެ ރޫޅިގެންނެވެ. ސަބަބަކީ ހަމަލާތައް ހުއްޓާލުމުގެ ހުށަހެޅުން ގަބޫލުނުކުރާ ފަރާތުގެ ގޮތުގައި އެންމެފަހުން ހަމާސްގެ ބަދަލުގައި އިސްރާއީލު ލޭބަލް ވުމުންނެވެ.

މި ހުށަހެޅުމަށް އިސްރާއީލު ދެކޮޅު ހެދުމުން އިސްރާއީލަށްވަނީ މުޅި ދުނިޔޭގެ ލޯތައް އަމާޒުވެފައެވެ. އަދި ހަމަލާތައް ހުއްޓާލުމަށް ދެކޮޅު ހަދާ ފަރާތަކީ އިސްރާއީލުކަން މިކަމުގެ ސަބަބުން މުޅި ދުނިޔެއަށް ވަނީ ހާމަވެފައެވެ.

ހަމާސް އެއްބަސްވި އައު ހުށަހެޅުމަކީ އިސްރާއީލަށް ވާގިވެރިވާ އެމެރިކާވެސް ރުހޭ ހުށަހެޅުމަކަށް ވުމުން މިމައްސަލާގައި ކުރިން ހަމާސް ކުށްވެރިކުރާ ގޮތަށް މިހާރު ހަމާސް ކުށްވެރިކުމުގެ ފުރުސަތު އެމެރިކާއާއި ޔޫރަޕަށް ވަނީ ގެއްލިފައެވެ. އަދި މި ހުށަހެޅުން ގަބޫލުކޮށް އުދުވާން ހުއްޓާލުމަށް ކުރިން ކުރިމަތިނުވާވަރުގެ ފިއްތުންތަކެއް އިސްރާއީލަށް ވަނީ ހުރިހާ ފަރާތަކުން ކުރިމަތިވެފައެވެ.

ހަމާސް އާނބަސް ބުނި އެމެރިކާ، ގަތަރު އަދި މިސްރުގެ ހުށަހެޅުން ބިނާކޮށްފައިވަނީ ފުރަތަމަ ދިގުމުއްދަތަކަށް (ގާތްގަނޑަކަށް 6 މަސްދުވަހަށް) ހަމަލާތައް ހުއްޓާލުމަށާއި އެ މުއްދަތުގެ ތެރޭގައި ދާއިމީކޮށް ހަމަލާތައް ހުއްޓާލުމަށް މަގުފަހި ކުރުމުގެ މައްޗަށެވެ.

މި ހުށަހެޅުމުގައިވާގޮތުން ފުރަތަމަ ދުވަހުން ފެށިގެން ހަމަލާތައް ހުއްޓާލަން ޖެހެއެވެ. އެއަށްފަހު ތިން މަރުހަލާއަކަށް ބަހާލައިގެން ހަމާސް އާއި އިސްރާއީލުން އަސީރުން މިނިވަންކުރަން ޖެހެއެވެ. ހަމާސް އިން މިނިވަން ކުރަން ޖެހެނީ ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ 133 އަސީރުންނެވެ. މީގެ ތެރޭގައި މަރުވެފައިވާ މީހަކު ވާނަމަ އެ މީހެއްގެ ހަށިގަނޑުވެސް ހަވާލުކުރަންޖެހެއެވެ. އިސްރާއީލު މިނިވަން ކުރަން ޖެހޭނީ އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ 16000 އަސީރުންގެ ތެރެއިން ހަމާސްއިން ކަނޑައަޅާ އަދި އިސްރާއީލު އެކަމަށް އެއްބަސްވާ ބައެކެވެ.

ހަމާސްއިން މިނިވަންކުރާ އިސްރާއީލުގެ ކޮންމެ އަސީރެއްގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ އަސީރުންގެ ތެރެއިން 50 މީހުން މިނިވަންކުރަންޖެހެއެވެ. މި ހުށަހެޅުން ތަންފީޒު ކުރާ ތިން މަރުހަލާގެ ތެރެއިން ކޮންމެ މަރުހަލާއެއްގައި 42 ދުވަސް ހިމެނެއެވެ. މި ތިން މަރުހާލާގައިވެސް އޮންނާނީ ދެފަރާތުން އަސީރުން މިނިވަންކުރުމާއި ޣައްޒާއަށް އަރައިތިބި އިސްރާއީލު ސިފައިން ޣައްޒާއިން ފޭބުމާ ޣައްޒާގެ އެތަންމިތަނުގައި ތިބި ޣައްޒާގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ގެދޮރަށް އެނބުރި ރުޖޫއަވުމުގެ ފުރުސަތު ދިނުމެވެ.

ޣާއްޒާގެ 75 އިންސައްތަ މީހުންގެ ގެދޮރު އިސްރާއީލުން ބޮންއަޅައި ހަލާކުކޮށްލާފައިވީނަމަވެސް އަދި ގާކުޑިތަކުގެ ގޮތުގައި ގެދޮރު އޮތްނަމަވެސް އެތަންތަނަށް އެނބުރި ދިޔުމުގެ ފުރުސަތު ދޭންޖެހެއެވެ. އެއީ މަރާތުކުރެވެން ހުރިތަންތަން މަރާމާތުކޮށްގެން ދިރިއުޅެވޭނެގޮތް ހެދުމަށެވެ.

މި ތިން މަރުހަލާގެ ތެރެއިން އެންމެފަހުގެ މަރުހަލާގައި އިސްރާއީލު ސިފައިން ޣައްޒާއިން އެއްކޮށް ފާބައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް އެއްކޮށް ނިމުމަކަށް ގެންނަންޖެހޭނެއެވެ.

ނަމަވެސް އިސްރާއީލު ވަނީ މި ހުށަހެޅުމަށް ދެކޮޅު ހަދައި ޣައްޒާގެ ތެރެއިން އިސްރާއީލުގެ ޓޭންކްތައް ރަފްހަށް ވަދެގަނެ ރަފްހާއި މިސްރު ގުޅޭ ރަފްހު ކްރޮސިން ނުވަތަ ގޭޓް އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައެވެ. މި ގޮތުން އިސްރާއިލުގެ ޓޭންކްތައް ރަފްހަށް ވަދެގަނެ، މިސްރާއި ރަފަހްގެ ބޯޑަރު ހުރަސްކުރާ ސަރަހައްދުން 200 މީޓަރު އެތެރެއަށް ވަދެގަތުމަށްފަހު އިސްރާއީލު ސިފައިން ރަފްހު ކްރޮސިންގައި އިސްރާއީލުގެ ދިދަ ނަގާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމާސް އިން ވަނީ އިސްރާއީލުން ރަފްހަށް ވަދެގަތް ނަމަވެސް އިސްރާއީލަށް ކާމިޔާބު ނުލިބޭނެކަމަށާއި އަސީރުންވެސް ބާރުގެ ބޭނުންކޮށްގެން މިނިވަން ނުކުރެވޭނެކަމަށް ބުނެފައެވެ.