މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ އުޅަނދު ވަގަށް ނެގި މައްސަލައިގައި މިއަދު ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އެމްއޭސީއެލްގެ އުޅަނދެއް ގެއްލިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި، އެ މައްސަލައިގައި ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް ހައްޔަރު ކުރީ ކިތައް މީހުންކަމެއް އަދި އެ މީހުން ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި އެމްއޭސީއެލްގެ އެމްޑީގެ އުޅަނދު ގެއްލުނީ ހުއްދަ އޮންނަ ބަޔަކަށް ނޫނީ ނުވަދެވޭ ސަރަހައްދެއްގައި އޮއްވައެވެ. ވަގަށް ނެގި ކަމަށް ބެލެވެނީ ކާރެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގައިގެން ވެސް މިއަދު ހެނދުނު ބިދޭސީއަކު ހައްޔަރުކޮށްފައިވެއެވެ.