ހއ. ތަކަންދޫގައި އެމްޑީޕީ އާއި އިއްތިހާދުގެ ސަޕޯޓަރުން ނުކުމެ ތާޅަފިލިން އަޑުގަދަ ކުރަން ފެއްޓުމުން އެ ރަށު ޕްރީސްކޫލްގެ ކިޔެވުން ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.

ތަކަންދޫން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އެ ރަށުގައި ތިބި އެމްޑީޕީ ސަޕޯޓަރުން ނުކުމެ އަޑުގަދަކުރަންފެށީ ވެރިކަން ވެއްޓުނު ދުވަހުން ފެށިގެން ކަމަށެވެ. އަދި އިއްތިހާދުން އަޑުގަދަކުރާ ހިފައިގެން ނުކުތީ އެކަން ރަށު ކައުންސިލަށާއި އަތޮޅު ކައުންސިލަށް ވެސް ހުށަހެޅުމުން ނުހުއްޓުމުން ކަމަށް އެމީހާ ބުންޏެވެ. ތަކަންދޫން ވާހަކަ ދެއްކި މީހާ ބުނީ ވިއްސަކަށް ދުވަސް ކުރިން އިއްތިހާދުން އަޑުގަދަކުރަން ފެށީ އެމްޑީޕީން ކުރިއަށްގެންދާ ކަންތައް ހުއްޓުވުމަށް ކަމަށް ބުނެ ކަމަށެވެ. އަދި ދެބައިމީހުން ރަށުތެރޭގައި އަޑުގަދަ ކުރަންފެށުމުން ކިޔަވައިނުދެވިގެން ކުދިންތައް ގެއަށް ފޮނުވާލުމަށް ފަހު ޕްރީސްކޫލް މިއަދު ބަންދުކުރީ ކަމަށެވެ.

އެމްޑީޕީގެ ފަސް މެންބަރުން ތިއްބަވާ ތަކަންދޫ ކައުންސިލްގެ މެމްބަރު ޒާހިޔާ އަލީ މިއަދު ވިދާޅުވީ ޕްރީސްކޫލް ބަންދުކުރީ އިއްތިހާދުން މާބަރަށް ލަވަޖަހައި އަޑުގަދަ ކުރަން ފެށުމުން ކުދިން ކިޔަވަން އުނދަގޫ ވެގެން އިތުރުގޮތެއް ނެތިގެން ކަމަށެވެ. އަދި މިއަދު ހުރިހާ ގަޑިއެއްގެ ކިޔެވުން ބަންދުކުރި ކަމަށާއި އެ ރަށު ސްކޫލުގައި ކިޔަވައިދިނުމަށް ވެސް އުނދަގޫވެގެން ވެސް ރިޕޯޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ރަށު ސްކޫލް އަދި ބަންދެއްނުކުރެ އެވެ.

ޒާހިޔާ ވިދާޅުވީ އެ މައްސަލައިގައި ކައުންސިލުން ރަސްމީކޮންނާއި ނުރަސްމީކޮށް ދެބައިމީހުންނާ ވެސް ބައްދަލުކޮށް ވާހަކަ ދައްކާފައިވާނެ ކަމަށެވެ. ނަމަވެސް އެކަމަށް ހައްލެއް އައިސްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީން ލަވަޔަށް ވުރެ ބޮޑަށް ރިޕޯޓްތަކާއި މައުލޫމާތު ދައްކަމުން ގެންދިޔައީ. އިއްތިހާދުން ދިޔައީ ލަވަޖަހަމުން. ވަކިގަޑިއެއްގަޑިއެއްނޯވެ. ބާރައިގެ ފަހުން ވެސް ލަވަޖަހަނީ. އެމްޑީޕީން ލަވަޖެހި އިރު ވެސް ޚަބަރާއި މައުލޫމާތު ފޯރުކޯށްދެނީ ވަކި ގަޑިތަކެއްގައި،" ޒާހިޔާ ވިދާޅުވި އެވެ.

ތަކަންދޫން ވާހަކަ ދެއްކި މީހާ ބުނީ އެމްޑީޕީގެ ޖަގަހަ ހުންނަނީ އެ ރަށުގެ މެދުތެރޭ ކަމަށާއި އިއްތިހާދުން ތިބެނީ ރަށުގެ ބަނދަރުމަތީގައި ކަމަށެވެ. އަދި ރޭގަނޑު ވަރަށް ދަންވަންދެން ދެބައި މީހުން އަޑުގަދަކުރާ ބޭނުންކޮށްގެން އަޑުގަދަ ކުރާތީ ވަރަށްބޮޑަށް އުނދަގޫވެފައިވާ ކަމަށެވެ.