ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތް ތަހުގީގު ކުރުމަށް އުފައްދާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނުގައި ހިމެނޭ ސިންގަޕޫރުގެ ރިޓާޔާޑް ފަނޑިޔާރު މި މަހުގެ 21 ވަނަ ދުވަހު މާލެ ވަޑައިގެންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ކޮމިޝަނުގެ މަސައްކަތް ފެށިގެން ދާނީ ފަނޑިޔާރު ރާއްޖެ ވަޑައިގަތުމުން ކަމަށާއި އެބޭފުޅާއާ އެކު އިންކުއަރީ ކޮމިޝަނުގައި ފަސް ބޭފުޅުން ތިއްބަވާނެ ކަމަށެވެ.

އިންކުއަރީ ކޮމިޝަނުގެ މަސައްކަތް އަލުން ފައްޓާއިރު ކޮމިޝަނުގައި ކުރިން މަސައްކަތް ކުރެއްވި ތިން މެންބަރުން ކަމަށްވާ، އިސްމާއީލް ޝަފީއު އާއި ޑރ. އިބްރާހިމް ޔާސިރު އަދި ޑރ. އަލީ ފަވާޒް ޝަރީފު އިތުރުން ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ކޮމިޝަނަށް ހަމަޖެއްސި ގަހާ އަހުމަދު ސައީދުގެ އިތުރަށް ސިންގަޕޫރޫގެ ރިޓާޔާޑް ފަނޑިޔާރެކެވެ.

އައްބާސް ވިދާޅުވީ ކޮމިޝަނުގައި މަސައްކަތް ކުރައްވާ ސިންގަޕޫރުގެ ފަނޑިޔާރަކީ ކޮމިޝަނުގެ ކޯޗެއާކުރައްވާ ބޭފުޅާ ކަމަށާއި މިހާރުގެ ކޮމިޝަނުގެ ޗެއާ، އިސްމާއިލް ޝަފީއު އުމުރާ ދަތުރު ފުޅަކަށް ފުރައިވަޑައިގަތުމަށް ހަމަޖެހިފައި ވާތީ ޝަފީއުގެ ބަދަލުގައި ވަގުތީ ގޮތުން ބޭފުޅަކު ސަރުކާރުން އައްޔަން ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ޝަފީއު ބޭރަށް ވަޑައިގަތުމުން އެ މަގާމަށް ހަމަޖައްސަވާ ބޭފުޅެއްގެ ނަމެއް ރައީސް އޮފީހަކުން އަދި ނުބުނެ އެވެ.

ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު އިއްޔެ މާލެ ވަޑައިގަތުމަށް ފަހު އިއްޔެ ވިދާޅުވީ އިންކުއަރީ ކޮމިނުގެ މަސައްކަތް އަލުން މި މަހުގެ މެދުތެރޭގައި ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ ކޮމިޝަނުގެ މިހާރުގެ ރައީސް އިސްމާއީލް ޝަފީއު ކުޑަ ދުވަސްކޮޅަކަށް ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށާއި ކޮމިޝަންގެ މަސައްކަތްތައް ބާރަށް ހިނގައި ގަންނާނީ އޭނާ އެނބުރި ވަޑައިގަތުމުން ކަމަށެވެ.