07 May 2024, 09:03
އެމެރިކާގެ ހައި އެންޑް ފިޓްނެސް ބްރޭންޑެއް ކަމަށްވާ "އިކުއިނޮކްސް" އިން މަހަކު 3،333 ޑޮލަރު ދައްކަން ޖެހޭ ޖިމް މެމްބަޝިޕެއް ތައާރަފުކޮށްފިއެވެ.
އާންމު ގޮތެއްގައި ޖިމް މެމްބަޝިޕްގެ އަގުތައް އުޅެނީ މަހަކު 100 ޑޮލަރަށް ވުރެ ތިރީގައެވެ. ބައެއް އަގުބޮޑު ތަންތަނުގެ އަގުވެސް މަހެއްގެ މައްޗަށް ގިނަ ފަހަރަށް 100 ޑޮލަރަށް ނާރައެވެ.
ނަމަވެސް އިކުއިނޮކްސް އަކީ އެކްސްކްލޫސިވް ފިޓްނެސް ބްރޭންޑެކެވެ. މިތަނަށް ފުރަތަމަ ވަދެވެނީ ވެސް އެ ކުންފުނީން ދޭ ހާއްސަ އިނިޝިއޭޝަން އަކަށް ފަހެވެ.
ކޮންމެއަކަސް އަލަށް ތައާރަފުކުރި ޖިމް މެމްބަޝިޕަށް އާންމުންގެ ފަރާތުން އަންނަނީ ފާޑުކިޔުން ރައްދުވަމުންނެވެ. އެގޮތުން މަހެއްގެ މައްޗަށް 3،333 ޑޮލަރު ޖިމް މެމްބަޝިޕަށް އެރި ނަމަވެސް އެއް މަހަށް ވާ ވަރަށް މި ޖިމަށް ފައިސާއެއް ނުދެއްކެއެވެ. އޭގެ ބަދަލުގައި މި މެމްބަޝިޕަށް ދައްކަން ޖެހެނީ އަހަރެއްގެ މައްޗަށެވެ. އެއީ 40،000 ޑޮލަރެވެ.
މި ޖިމް މެމްބަޝިޕު ތައާރަފުކުރުމުގެ ބޭނުމަކީ މީހާގެ އާންމު ސިއްހަތާއި ދުޅަހެޔޮކަން އިތުރު ކުރުމާއި އުމުރު ދިގު ކުރުން ކަމަށް އިކުއިނޮކްސްއިން ބުނެއެވެ.
މި ޕެކޭޖުގައި މައިގަނޑު ހިމެނެނީ ހަތަރު ކަމެކެވެ. އެއީ ޕާސަނަލް ޓްރެއިނިން އާއި ނިއުޓްރީޝަންގެ އިތުރުން ނިދުމުގެ ކޯޗު ކުރުމާއި މަސާޖު ތެރަޕީއެވެ.
އިކުއިނޮކްސް އިން ހާމަކޮށްފައިވާ ގޮތުގައި މި ކަންތައްތަކަކީ މީހާގެ ދިރިއުޅުމުގެ އާދަތައް މޮނިޓާ ކޮށް ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ވަރަށް ޕާސަނަލައިޒް ކުރެވިގެން ކުރިއަށް ގެންދާ ހަރަކާތްތަކެވެ. މި ހަރަކާތްތަކުގެ އެހީގައި ކޮންމެ މީހެއްގެ ދިރިއުޅުމުގެ އުމުރު ދިގު ކޮށްލުމަށް އެހީތެރިވާނެ ކަމަށް އިކުއިނޮކްސްއިން ބުނެއެވެ. އަދި މި މަސައްކަތަށް ބަޔޯޓެކް އާއި ޒަމާނީ ނިއުޓްރީޝަން އަދި ޑައިޓުތަކަށް އިސްކަމެއް ދޭނެ ކަމުގައި ވަނީ ފާހަގަކޮށްފައެވެ.
މި ޕްރޮގްރާމް އެންމެ ފުރަތަމަ ފަށާފައިވަނީ އެމެރިކާގައި އެކަންޏެވެ. ނަމަވެސް ޕްރޮގްރާމަށް އޮންނަ ޑިމާންޑަކަށް ބަލައި އެކި ސަރަހައްދުތަކުގައި ވެސް ޕްރޮގްރާމް ފެށުމުގެ ވިސްނުން ހުރި ކަމަށް އިކުއިނޮކްސްއިން ބުނެއެވެ.