އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އެ ސިޓީގައި އަޅައި ޕަވާ ޕްލާންޓްގެ މަސައްކަތް ނިމުމުން ކަމަށާއި އެ ކަމަށް 18 މަސް ދުވަސް ހޭދަވާނެ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މުއާޒް ވިދާޅުވީ، މި ވަގުތު އައްޑޫގެ ޑިމާންޑާ އެއްވަރަށް ކަރަންޓު ފޯރުކޮށްދެވެން ނެތް ކަމަށެވެ. އެގޮތުން، ފެނަކައިން އައްޑޫއަށް ކަރަންޓު ފޯރުކޮށްދެވޭ ކެޕޭސިޓީއަކީ 12 މެގަވޮޓް ކަމަށާއި އިއްޔެ ވެސް ރައްޔިތުން ބޭނުންކުރި ކަރަންޓުގެ ލޯޑު ހުރީ 11.08 ހިސާބުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ކުރެވެން އޮތް ކަމަކީ ކަރަންޓު ފޯރުކޮށްދެވޭ ކެޕޭސިޓީ އިތުރުކުރުންކަން ފާހަގަކޮށް މުއާޒް ވިދާޅުވީ، މިހާރު ވެސް އައްޑޫއަށް ކަރަންޓު ފޯރުކޮށްދެނީ 17 ޖެނަރޭޓަރު ސެޓުން އެއްފަހަރާ މަސައްކަތް ކޮށްގެން ކަމަށެވެ.

"މުޅި ތަން އޮންނަނީ ޖެންސެޓުން ފުރިފައި. އިތުރު ޖެންސެޓެއް ވައްދައިގެން މަސައްކަތް ކުރާނެ ޖާގައެއް ވެސް އެ ތާކު ނެތް،" މުއާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ފަށަން ނިންމި ޕަވާ ޕްލާންޓްގެ މަޝްރޫއަކީ، އެއް މެގަވޮޓް އަދި ދެ މެގަވޮޓްގެ ޖެންސެޓަކުން މައްސަލަ ހައްލުކުރުމުގެ ބަދަލުގައި އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފެށި މަޝްރޫއެއް ކަމަށެވެ.

"މި ޕްރޮޖެކްޓް ނިމޭއިރު އައްޑޫސިޓީއަށް ކުރިމަތިވެފައި އޮތް ކަރަންޓުގެ މައްސަލަ ހައްލުވާނެ ކުރިއަށް އޮތް 20 އަހަރަށް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހަތަރު މަސްތެރޭ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި، 18 މަސްތެރޭ މަސައްކަތް ނިންމޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"...ކޮންޓްރެކްޓްގައި އޮންނާނީ 18 މަސް ދުވަސް ތެރޭ ނިންމަން. އަށާރަ މަސް ދުވަސް ތެރޭ ނިންމޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ކުންފުނިން އެބަ ދޭ،" މުއާޒް ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން އެ ސިޓީގައި 30 މެގަވޯޓްގެ ޕަވާ ޕްލާންޓެއް ގާއިމުކުރަން ފެނަކައިން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލްއާ އެކު ސޮއިކުރީ މިދިޔަ މަހުގެ 18ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އިންސްޓޯލްކުރާނީ 9.8 މެގަވޯޓް ދެ ޖެންސެޓާއި 5.8 މެގަވޯޓްގެ ދެ ޖެންސެޓް ކަމަށް މީގެ ކުރިން މުއާޒް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތަނުގައި އައްޑޫ ސިޓިގެ ގުޅިފައިވާ ރަށްތަކާއި އައްޑޫ ހުޅުދޫ މީދުއާ ބުރިޖަކުން ގުޅާލެވުނީމަ އަޅުގަނޑުމެންނަށް މި ޕްރޮޖެކްޓު ތެރެއިން އެ ދެ ރަށަށް ވެސް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ވަރުގަދަ ޕްރޮޖެކްޓެއް މި ޕްރޮޖެކްޓަކީ،" މުއާޒް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޗައިނާ ކުންފުނިން ފައިނޭންސްކުރާ ޕްރޮޖެޓެއްކަން ފާހަގަކޮށް މުއާޒް ވިދާޅުވީ އެ ފައިސާ ފެނަކައިން ދައްކާ ނިންމަން ޖެހެނީ 12 އަހަރުން ކަމަށްވުމާ އެކު އާމްދަނީއެއް އެއްވެސް މައްސަލައެއް ދިމާނުވެ، މި ޕްރޮޖެކްޓަށް ފައިނޭންސް ކުރެވޭނެ ކަމަށެވެ.

ރަށްރަށުގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް މި ދުވަސްވަރު ވަނީ އާންމުވެފައެވެ.

މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ މި ސަރުކާރުން ހަވާލުވީއިރު ފެނަކަ އިންޖީނުގެތައް ހުރީ ވަރަށް ހާލުގައި ކަމަށެވެ. މި މައްސަލަތަކަށް ހައްލު ގެންނަން މަސައްކަތް ކުރާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.