ސައޫދީ އަރަބިއާގެ އަމީރު ބަދްރު ބިން ޢަބްދުލް މުޙްސިން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު، އެގައުމުގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސަޢުދުގެ އަރިހަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ސައުދީ ވަލީ ޢަހުދު ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދަށް ވެސް ރައީސް ތައުޒިޔާގެ މެސެޖެއް ފޮނުއްވެވި ކަމަށެވެ. އަދި އަމީރު ބަދުރު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށް ރައީސް ވިދާޅުވި ކަމަށް އެ އޮފީހުން ބުންޏެވެ.

ރައީސްގެ މެސެޖުގައިވަނީ އަމީރު ބަދުރަކީ މަޝްހޫރު ޅެންވެރިއެއް އަދި ލިޔުންތެރިއެއްގެ އިތުރުން، ދީލަތިކަމާއި ތޫނުފިލިކަމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެއް ކަމަށް ވިދާޅުވެފައެވެ. އަދި ސަޢޫދީގެ އަދަބިއްޔާތާއި ސަގާފަތަށް އެމަނިކުފާނު ކޮށްދެއްވާފައިވާ މުހިންމު ޚިދުމަތްތަކުގެ އަގު އަންނާން އޮތް ޖީލުތަކުންވެސް ވަޒަންކުރަމުންދާނޭ ކަމަށް ރައީސްގެ މެސެޖުގައިވެއެވެ.

މީގެ އިތުރުން އަމީރު ބަދުރުގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަޙްމަތްލައްވައި، މަރުޙޫމުގެ ފާފަ ފުއްސުވުމަށް އެދި ދުޢާ ކުރައްވައި، ސައޫދީ ރަސްގެފާނާއި، ވަލީ އަހުދާއި، ޝާހީ އާއިލާއާއި، އެ ގައުމުގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ވަނީ ތަޢުޒިޔާ ދަންނަވައިފައެވެ.

އުމުރުފުޅުން 75 އަހަރުގެ އަމީރު ބަދުރު އަވަހާރަވީ މިދިޔަ ހޮނިހިރު ދުވަހުގައެވެ. އެ މަނިކުފާނު އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.