ސޫރިޔާގައި ހިންގާފައިވާ ސީރިޔަސް ޖަރީމާތަކަށް މާފު ލިބިގެން ނުވާނެ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ނަވި ޕިއްލޭ ވިދާޅުވެއްޖެ އެވެ.

ޕިއްލޭ ވިދާޅުވެފައި ވަނީ ދައުވާ ކޮށްފާނެތީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ވެރިކަމުގައި ތިބެން ސޫރިޔާގެ ވެރިން މަަސައްކަތް ކޮށްފާނެ ކަމަށް ބެލެވުނަސް އެފަރާތްތަކުން ހިންގާފައިވާ ޖަރީމާތަކަކީ މާފު ދެވޭނެ ޖަރީމާތަކެއް ނޫން ކަމަށެވެ.

ރައްކާތެރިކަން ލިބޭ ގޮތަށް ވެރިކަން ދޫކޮށްލައްވަން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް ފުރުސަތު ދޭން ޖެހޭތޯ ދެންނެވުމުން ޕިއްލޭ ވިދާޅުވީ ސުލްހަ ހޯދަން ބައިނަލް އަގުވާމީ ލީޑަރުން ކުރައްވާ މަސައްކަތުގައި މާފު ދިނުން ނުވަތަ ދައުވާ ނުކުރުން ހިމެނިދާނެ ކަަމަށާއި އެހެން ނަމަވެސް އެގޮތަށް އެކަން ކުރުން ވާނީ ބައިނަލް އަގުވާމީ ގާނޫނުތަކާ ހިލާފު ކަމަކަށް ކަމަށެވެ.

"ސީރިއަސް ކުށްތަކަކަށް މާފެއް ނުލިބޭނެ، އެހެންވީމަ އަޅުގަނޑުގެ މެސެޖް ވަރަށް ސާފު،" އޭޕީ އަށް ވިދާޅުވި އެވެ.

ސޫރިޔާގެ ރައްޔިތުން، ރައީސް އަސަދުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފެށުމުން އަސަދުގެ ސަރުކާރުން ދޭންފެށި ހަމަލާތަކުގައި މިހާތަނަށް އެގައުމުގެ 13000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ މަރުވެފަ އެވެ. ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކަށް މާލީ ގޮތުން އެހީ ވުމަށް ސައުދީ އަރަބިއްޔާއާއި ގަތަރުން މިހާރު ވަނީ ވައުދުވެފަ އެވެ. -- އޭޕީ