މާފަންނު ބިސް ބުރު ކައިރިން ރޭ ދަންވަރު ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިންކަމުގެ ތުހުމަތުގައި ދެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ހަސަން ހަނީފު މިއަދު ވިދާޅުވީ ރޭ ދަންވަރު 12:30 އެހާކަންހާއިރު ބަނގުލާދޭޝް މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އެ ބިދޭސީ މީހާ އަށް ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ އޭނާގެ ފުރަގަހުން ކަރާދިމާލަށް ކަމަށެވެ.

ހަނީފު ވިދާޅުވީ ބިދޭސީ މީހާ އަށް ހަމަލާދިނީ ކީއްވެގެން ކަން އަދި ނޭނގޭ ކަމަށާއި ނަމަވެސް އޭނާ އަށް ހަމަލާ ދިނުމަށް ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ ވަޅި މ. ވައްކަރުގެ ކައިރިން ހޯދާފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ ބިދޭސީ މީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ އެ ހަމަލާ ދިނުމުގައި ހަތަރު މީހަކު ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ހައްޔަރުކުރީ ވަޅިތަކާ އެކު ކަމަށެވެ. ނަމަވެސް އެއީ ކޮން ބަޔެއް ކަމެއް އަދި އެ މީހުންގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެ އެވެ.

ބިދޭސީ މީހަކަށް ވަޅިއަކުން ހަމަލާދީ ޒަހަމުކޮށްލާފައި މި ވަނީ 17 އަހަރުގެ ކުއްޖަކަށް ހަމަލާދީ މަރާލިތާ ދެތިން ހަފުތާ ވެސް ނުވަނީހެވެ. އަދި ބޮލަގް ލިއުންތެރިއާ ހިއްލަތު ރަޝީދުގެ ކަރަށް ހަމަލާދީ އޭނާ ޒަހަމުކޮށްލިތާ ދެ ހަފުތާ ވެސް ނުވަނީހެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖޭގައި ގިނަވެ އިޖުތިމާއީ ބޮޑެތި މައްސަލަތައް ވެސް އަންނަނީ ކުރިމަތިވަމުންނެވެ.