ލީބިޔާގެ ޕާލަމެންޓަށް މެމްބަރުން އިންތިހާބުކުރަން ބާއްވާ އިންތިހާބު އަންނަ ޖުލައިމަހާ ހަމައަށް ލަސްކުރަން އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.

ލީބިޔާގެ އިލެކްޝަން ކޮމިޝަނުން ބުނީ އިންތިހާބު ލަސްކުރީ ކެމްޕޭން ކުރަން ކެންޑިޑޭޓުންނަށް އިތުރު ވަގުތު ދިނުމަށާއި ވޯޓްލާ މީހުންނަށް ރަޖިސްޓްރީ ކުރަން އިތުރު ވަގުތު ދިނުމަށް ކަމަށެވެ.

ލީބިޔާގެ އިލެކްޝަން ކޮމިޝަންގެ އޮފިޝަލް ނޫރީ އަލް އައްބާރު ވިދާޅުވީ ކުރިން ހަމަޖެހިފައިވާ ގޮތަށް ޖޫން މަހުގެ 19 ވަނަ ދުވަހު އިންތިހާބު ނުބާއްވައި ލަސްކުރުމުން ކެންޑިޑޭޓުންގެ ނަން ބަލައިގަތުމުގެ މައްސަލައިގާ ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަތައް ބަލަން އެކޮމިޝަނަށް ވެސް ވަގުތު ލިބިގެންދާނެ ކަމަށެވެ.

ލީބިޔާގައި އިންތިހާބު ކުރާ ޕާލަމެންޓުން އެ ގައުމުގެ ގާނޫނު އަސާސީ ލިޔެ، އެގައުމުގައި އާ ސަރުކާރެއް ވެސް އެކުލަވާލަން ވަނީ ހަމަޖެހިފަ އެވެ. ޕާލަމެންޓް އިންތިހާބު ވެގެންދާނީ ލީބިޔާގެ ކުރީގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީ މިިދިޔަ އޮކްޓޯބަރު މަހު އަވަހާރަކޮށްލި ފަހުން އެގައުުމުގައި ބާއްވާ ފުރަތަމަ ވޯޓްލުން ކަމަށެވެ.

ލީބިޔާގެ އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓް ބުނާ ގޮތުގައި އެގައުމުގެ 2.8 މިލިޔަން މީހުން ވަނީ ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފައެވެ. އަދި 2600 ކެންޑިޑޭޓުންނާއި 370 ޕާޓީ އިންތިހާބުގައި ވާދަކުރުމަށް ރަޖިސްޓްރީ ކޮށްފައި ވެއެވެ. -- އޭޕީ