"މި ދުނިޔެއަކީ ވަގުތީ ފާލަމެކެވެ. ހަޔާތުގައި ދިމާވާ އިމްތިހާނުތަކާއި މުސީބާތްތަކާއި ތަކުލީފުތައް ފިލާ ހިނގައިދާނެއެވެ. އެއީ ދެމިގެންވާނެ ކަމެއްގެ ގޮތުގައި ނުދެކޭށެވެ."

***

"ނޫނޭ....ހަމަ މިތާ....ވަރަށް ބިރުވެރި މީހެއް....ކުރީ ދުވަހުވެސް މިގެޔަށް އައެއްނު މަސައްކަތަށް..." މަދީނާ ކިޔައިދޭން މަސައްކަތް ކުރިނަމަވެސް ކެނާން އަށް މީހަކު ނުފެނުމުން އެއީ މާބޮޑު ކަމަކަށް ނެހެދިއެވެ. އެއީ މަދީނާ އެކަނި ހުރުމުން ބިރުގަތީ ކަމަށް އޭނާ ނިންމިއެވެ. ދެބެއިން އެތެރެއަށް ދާން އުޅެނިކޮށް އެގޭގެ ބެލް ރިންގްވާން ވިއެވެ. ގޭޓުގެ ކެމެރާއިން އަހްމަދު ފެނުމުން މަދީނާ ގަނެފައި ހުރި ބިރުވެސް ފިލައި ދިޔައެވެ. އެންމެ އުފާވީ މެހެކް ވެސް އައީ ކަމަށް ހިތާއެވެ. އަވަހަށް ގޭޓާއި ދިމާ އަށް ދުއްވައިގަތް ހިނދު ކެނާން ހިނި އައީ އެހާ އަވަހަށް މަދީނާގެ ބިރު ފިލައިދިޔުމުންނެވެ.

" އަންކަލް......ކޮބާ މެހެކް ދައްތި..." އަހްމަދަށް ގޭޓުން އެތެރެއަށް ނުވަދެވެނީސް މަދީނާ ސުވާލުކުރިއެވެ.

***

ހުޝަލް ކޮފީ ތަށި ހިފައިގެން ނިކުންނަން ދިޔަ ވަގުތު ޖައިލަމް ގެ ގައިގާ އަޅައިނުގަތީ ހަމަ ކިރިޔާއެވެ. ޖައިލަމްގެ ރުޅިވެރި މޫނު ފެނުމުން ޚުޝަލް އަވަހަށް ބޭނުންވީ ނާޝިދު ގެ ހާލު ބަލައިލުމަށެވެ. ނިތްމަތީ އަތް އަޅާލައިގެން ލޯ މަރާލައިގެން އޮތްއިރު ނާޝިދުގެ މޫނު މަތީން ފެންނަމުން ދިޔައީ މާޔޫސް ކަމެވެ. އެނދުގެ ބޯލާ ކޮޅުގައި އޮތް ފޯނު ނަގަން ޚުޝަލް އުޅުނު ވަގުތު ނާޝިދު އެ އަތުގައި ހިފިއެވެ.

"ދަރިފުޅާ....ބައްޕަ...." ނާޝިދުގެ އަޑު ތުރު ތުރު ލައި ވާހަކަ ދައްކަން އުނދަގޫ ވިއެވެ. ބައްޕަގެ ހާލަތު ފެނި ހުޝަލް ގެ ހިތް މަޑުވިއެވެ. އޭނަ އެނދު ކައިރިއަށް ގޮނޑި ޖައްސައިލަމުން ހަމަޖެހިލިއެވެ. އަދި ބައްޕަގެ އަތުގައި އޯގާތެރިކަމާއެކު ހިފައިލަމުން ހިތްވަރު ދިނެވެ.

"ބައްޕާ. އަޅުގަނޑަށް ހުރިހާ ހަގީގަތެއް ކިޔައިދީ......"

ނާޝިދު އިރުގަނޑެއްވާންދެން ސީލިންއަށް ނަޒަރު ހުއްޓާލައިގެން އޮތުމަށްފަހު ޚުޝަލްއާއި ހަތަރުކަޅި ހަމަކުރިއެވެ. މިހުރިހާ ދުވަހު ހިތުގެ ފުންމިނުގައި ވަޅުލާފައިވާ ސިއްރުތައް ދަރިފުޅަށް ހާމަކުރުމުގެ ވަގުތު ޖެހުނީކަން ޔަގީންވިއެވެ. އަމިއްލަ ދަރިފުޅަށް ސިއްރުކުރަންވީ ސަބަބެއް ނެތެވެ. ހަގީގަތް ހާމަކުރަން ފެށުމާއެކު ސިކުނޑިން އެތައް ޓަނެއްގެ ބުރަދަން ލުއިވެގެން ދިޔަހެން ހީވިއެވެ. ނަބިލާ މިކޮޅަށް ގެނައީ ޖައިލަމް ގެ އެހީ އާއި އެކީ ކަމާއި، އަހްމަދު ވެސް އެކަން ދެނެހުރިކަމަށާއި އަދި ޖައިލަމް މިހާރު ބާރު އަޅަނީ ފަރަހް އާއި މާޒިމް ކައިވެނި ކުރުވުމަށް ކަމަށްވެސް އޭނަ ބުނެލިއެވެ. ހުޝަލްގެ މޫނު މަތީން ހައިރާންކަމެއް ނުފެނުނެވެ. އޭގެ ބަދަލުގައި މޫނުގައި ވީ އުފާވެރިކަމެވެ. ތުންފަތުގައިވީ ހިނިތުންވުމެކެވެ. ނާޝިދު ހައިރާންވިއެވެ.

" ބައްޕަ ހައިރާންވޭ ދޯ......މަންމަ ދުނިޔޭގައި ހުރިކަން ކުރިންވެސް އަހަންނަށް އެނގޭ...." ހުޝަލް ފުން ނޭވާ އެއް ދުކޮށްލިއެވެ. ބައްޕަގެ ފަރާތުން އޭނަ ބޭނުންވިފަދަ ތެދުވެރިކަން މިއަދު ފެނުމުން އެކަމަށް މާތް ﷲ އަށް ޝުކުރުކުރެވުނެވެ. ހިތަށް ލިބުނީ ބަޔާން ނުކުރެވޭފަދަ ތަސައްލީއެކެވެ. އަދި ނާޝިދުއަށް މާފުކޮށް ހިތް ސާފުކުރުމަށް ވެސް ފަސޭހަވިއެވެ.

" އެ އެ.....އެ....ކިހިނެއް....." ނާޝިދުއަށް ލިބުނު ހައިރާން ކަމުން ވާހަކަ ދައްކަންވެސް އުނދަގޫ ވިއެވެ. ހުޝަލް އަށް ހަގީގަތް އެނގުނު ގޮތް ހާމަކުރަން ބޭނުން ނުވީ މެހެކް އާއި މީކާއިލް އެ މައްސަލައިގެ ތެރެއަށް ވައްދަން ބޭނުން ނުވާތީއެވެ. ނަމަވެސް މަންމައަށް ޒިޔާރަތް ކުރުމުގެ އިންތިޒާމް ފަސޭހަވި ކަން އެނގުމުން ހުޝަލް އުފާކުރިއެވެ.

" އަހަރެން ބޭނުން މަންމަ ގެއަށް ބަދަލު ކުރަން. މަންމަ ގެ އެ ބަލި ހާލަތަށް އޮތީ އެންމެ ފަރުވާއެއް. އެއީ ޝަރުޢީ ގޮތުން ހުއްދަ ރުޤްޔާ ކުރުން....." ހުޝަލް ވާހަކަދެއްކީ މަޑުމައިތިރި ކަމާއެކުއެވެ. ނާޝިދު ގެ މޫނު މަތީން ފެނުނީ އެހެން ކުލަވަރެކެވެ. އޭނަ އެކަމާއި ހިތް ހަމަނުޖެހޭ ކަމުގެ އަސަރުތަކެވެ. ނާޝިދުއަށް ގަބޫލުކުރެވެނީ އެއީ ނަފްސާނީ ބައްޔެއް ކަމުގައެވެ.

" ދަރުފުޅު މެން ކަހަލަ ދުނިޔެއަށް ހޭލުންތެރިވެ ތިބޭ ތަހުޒީބީ ކުދީން ދައްކާ ކަހަލަ ވާހަކަތަ ތިއީ؟މަންމަ ގެ ހާލަތު އެގެންޏާ...." ނާޝިދު ކަންބޮޑުވިކަން ފާޅުކުރިއެވެ.

"ވަރަށް ރަނގަޅަށް އެނގޭތީ މިބުނަނީ......ދުނިޔޭގެ އެންމެ އަގުބޮޑު އެންމެ ރަނގަޅު ހޮސްޕިޓަލަކަށް ގެންދިޔަސް މަންމަ ގެ އެ ބައްޔަށް ފަރުވާ ނުހޯދޭނެ. މަންމަ ބެލުމުގެ ހައްގު އަދާކުރުމަށް ފުރުސަތު ދީ..." ހުޝަލް ގެ އަޑުގައިވީ ހަރުކަށިކަމެވެ.

ނާޝިދު އަށް އިތުރު ގޮތެއްވެސް އޮތީ އެއްވެސް ނޫނެވެ. ނަބީލާ ގެ މެޑިކަލް ބިލްތައް ދެއްކޭނޭ މާލީ ތަނަވަސްކަމެއް ނެތެވެ. ހާލަތު ހުރި ގޮތުން އަމިއްލަ އަށް ކަންކަން ކުރެވޭނޭ ފެންވަރެއް ނެތް ކަން ގަބޫލުކުރެވެއެވެ. ހުޝަލް ގެ އެހީ ކޮންމެހެންވެސް ބޭނުން ވެއެވެ. އިތުރު ގޮތެއް ނެތުމުން ހުޝަލް ގެ އެދުމަށް އެއްބަސްވުން ނޫންގޮތެއް ނެތެވެ. ހުޝަލް އެ ބުނާ ފަރުވާ އަކީ ނާޝިދު ދެކޭ ގޮތުގައި ބިލާހެއް ކަމުގައިވި ނަމަވެސް އެވެ.

ނާޝިދު އާއި މަޝަވްރާ ކުރުމަށްފަހު ހުޝަލް އަވަސް ވެގަތީ އޭނަގެ މަންމަ ގެޔަށް ގެނެވޭނޭ އިންތިޒާމް ހަމަޖެއްސުމަށެވެ. އަދި މިކާއިލް އާއި މެހެކް އަށް ގުޅައި ރާޤީ އެއް ވެސް ހަމަޖެއްސިއެވެ. ކުރަން އުޅެނީ އުނަދގޫ ކަމެއްކަން އެނގުނު ނަމަވެސް މާތް ﷲ އަށް ވަކީލު ކުރުމުން ހުރިހާ ކަމެއްވެސް ފަސޭހަ ވެދާނެ ކަމަށް ގަބޫލުކުރެވެއެވެ.

***

އާދަމްގެ ރުޅިގަނޑު މަތަކުރަން އުނދަގޫ ވިއެވެ. މަދީނާ އާއި ކައިރި ވާން ކުރާ މަސައްކަތަށް ހުރަސް އަޅަނީ އުވެއިސް ކަން އެނގުމުންނެވެ. ނަމަވެސް މިފަހަރު އާދަމް އަށް އަނިޔާ ލިބެމުން ދިޔައީ އީވޮން ގެ ފަރާތުންނެވެ. ބޯ ޖަންގަލި ތެރޭގައި ހުރި ބިޔަގަހެއްގެ އޮފިގަނޑެއްގައި އެކޮޅުކޮޅުން އެލުވާފައި އޮތްއިރު އެތައް އިހުސާސްތަކާއިއެކު ބޯ ފަޅައިގެން ގޮސްދާނެހެން ހީވިއެވެ. އާދަމް އޭނާ ގެންގުޅޭ ޖިންނީންތައް ހާޒިރު ކުރުމަށް އުޅުމުން އެކަން ވެސް ހުއްޓުވިއެވެ.

" ސިހުރުވެރިޔާ.....ހަމަ ޖެހިބަލަ....ތި ޖިންނީންނަކީ އަހަންނަށް ވުރެ ނިކަމެތި ބާރު ދެރަ ބައެއް....އެހެން ނޫނަސް ނޫޅެމޭ ތި ލޯބި މީހާއަށް އަނިޔާއެއް ދޭކަށް...." ވައިގެ ތެރެއިން އިވޯންގެ އިސްތަށިގަނޑު އާދަމް ގެ މޫނުގައި ހޭކިފައި ދިޔައެވެ. ކިތަންމެ ގާތްކަން ބޮޑުގޮތެއްގައި އޭނާގެ ވާހަކަ ހުއްޓަސް އާދަމް އަކަށް އެއްވެސް ކުލުނެއް ރަހުމެއް އެ ހިތަކު ނެތެވެ. އެކަމަކު ބޭނުނަވާ ކަން ހާސިލް ކުރުމަށް އާދަމް ގެ ބޮލަށް ސަވާރުވުން މުހިންމެވެ.

" އަހަރެން ހީކުރީ...." އާދަމް އަށް ލިބުނީ ހައިރާން ކަމެކެވެ.

" އުވެއިސް ކަމަށް ދޯ...." ތޫލި ތުއި ހުނުމަކާއެކީ އީވޯން ވާހަކަ ދެއްކިއެވެ. އަދި ސިފަ މަދީނާ ގެ ސިފަޔަށް ހިނދުކޮޅަކަށް ބަދަލުކުރިއެވެ. އާދަމް ދަހިވެތި ބެލުމެއްގައި ސޫރައަށް ނަޒަރު ހިންގާލިއެވެ.

" ދެންމެ އެ ފެނުނީ.....ކަލޭގެ ލޯބިވެރިޔާ....އެކަމު އެއީ އަހަރެންގެ ކާކު؟" އީވޯން އަމިއްލަ ސޫރަޔަށް ބަދަލުވެ ސުވާލުކުރީ ހަރުކަށި ބަރު އަޑަކުންނެވެ.

" ލޯބިވެރިޔާގެ ލޯބިވެރިޔާ....." އާދަމް ޖެއްސުމުގެ ރާގުގައި ވާހަކަދެއްކީ ބިރެއް ނެތިއެވެ. އީވޯންގެ ރުޅި މަތަކުރަން އުދަގޫވިއެވެ. ކަންފަތުގެ ތޫރި ފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތުމާއެކު ސޫރަ ބިރުވެރިވާން ފެށިއެވެ.

" އަހަރެންގެ ހިތް ދެވުނީ އެންމެ އިންސާނަކަށް...އެއީ ނަބީލާ.... އަހަރެން ގެ ހިތް އެދެނީ ހަމަ އެކަނި މަދީނާގެ ސޫރަޔަށް. އެކަމަކު އުވެއިސް....." އާދަމް ގެ ފޯރި ގަދަވިއެވެ. އީވޯން އަށް ކުރާނެ އަސަރު ރަނގަޅަށް އެނގި ހުރެއެވެ. އިވޯން އާދަމް ގެ ކޮލުގައި ބާރަށް ހިފެހެއްޓިއެވެ. އަދި އިނގިލިތަކުގައި ހުރި ނިޔަފަތި ދިގުވެ އާދަމް ގެ ކޮލަށް ހެރެން ފެށުނެވެ. އާދަމް ގެ ގައިގައި ވޭން އެޅިއެއްކަމަކު ނުލަފާ ހިންޏެއްގައި އޮތެވެ.

" ސާހިބާ...ކީއްކޮށްދޭންވީ؟" އާދަމް އުނދަގޫ ކަމާއެކު ވާހަކަ ދެއްކިއެވެ. އީވޯން އޭނާގެ ބޭނުމެއް އޮތް ކަން އެނގޭތީއެވެ. އީވޯން ގެ ރުޅި މައިތިރިވެ ހިމޭންވިއެވެ.

" މަދީނާ......އަހަންނަށް މަދީނާ ހަވާލުކުރޭ....." އިވޯން އަމުރުކުރިއެވެ. އިވޯން ގެ އެދުމަކަށްވީ މަދީނާ އަށް އަނިޔާ ކުރުމަށެވެ. އެކަމަކު އޭނަގެ ރޭވުންތެރިކަމުގެ ދަށުން އުވެއިސް އަށް އެކަމަށް ބާރު ނުފޯރުވޭނޭހެންނެވެ. އަދި އާދަމް އަށް ވެސް އޭނާގެ ބޭނުން ފުރިހަމަ ވާނޭ ފަދަ ގޮތަކަށެވެ.

***

އަހްމަދު މާޒްވިލާ އަށް ވަނުމާއެކު ހަނދާނުގެ މަޑިކިލަބުގައި ފިޔަޖަހަން ފެށީ އޭނަގެ މާޒީއެވެ. އުފަލާއި މަޖަލުގެ އެތައް ދުވަސްތަކެއް ވޭތުކުރެވުނަސް މިހާރު މާޒްވިލާ އާއި ގުޅިފައިވަނީ ނާވިޔާގެ މަރެވެ. ނާވިޔާ ގެ ހިތްދަތި ވޭންތަކެވެ. އަހްމަދަށް ގޭޓުން އެތެރޭގައި ފައި އަޅަންވެސް އުނދަގޫ ވިއެވެ. އެނބުރި ދާން ވެސް އެތަށް ހާސް ފަހަރު ހިތަށް އެރިއެވެ.

"އަންކަލް.....ހެލޯ....." މަދީނާ މެހެކް އައިތޯ ކުރި ސުވާލަށް ޖަވާބު ނުލިބުމުން އިތުރަށް އަހްމަދަށް ގޮވާލިއެވެ.

" އަ...މަދީނާ...މިހާރު އަންކަލް އާ އެއްވަރު ވަނީ ދޯ..." އޭނަގެ ޚިޔާލުތަކުން ހޭވެރިކަން ވިއެވެ. ކެނާން އަވަސް ވެގަތީ އަހްމަދު ގެނައި ފޮށި އެތެރެއަށް ވެއްދުމަށެވެ.

" އަންކަލް...މިގޭގަ ހުންނަން އައީތީ ވަރަށް އުފާވެއްޖެ....ހުޝަލް މެސެޖް ކޮށްފަ އިން...." ކެނާން އުފާވިއެވެ.

"މިއަދު ގެ ސަޕްރައިޒަކީ މިއީ ދޯ....މެހެކް ދައްތި ވެސް ގޮވައިގެން އައި ނަމަ..." މަދީނާ ޝަކުވާގެ ރާގެއްގައި ބުނެލިއެވެ. އަހްމަދަށް ހެވުނީ އެ މައުސޫމު ކަން ފެނިފައެވެ. އަދި މި ދަތުރަކީ އެހާ ރާވައިގެން އައި ދަތުރެއް ނޫން ކަމުން މެހެކް އަށް ނާދެވުނީ ކަމަށް އަހުމަދު ކިޔައިދިނެވެ.

މާޒްވިލާ ގެ ގޭޓުން ވަދެ ގެއަށް ވަނުމާ ދޭތެރޭ ބަގިޗާ ތެރެއިން ދުރުން ފެންނަން އިން ކޮޓެޖް ފެނި އަހްމަދު ގެ ގައިން ހީބިހި ނެގިއެވެ. ގެއަށް ވަދެވުމާއެކު އެއީ ހަމަ ކުރީގް މާޒްވިލާއެވެ. ފަރުނީޗަރަށް ބަދަލުތަކެއް އައިސް ހުއްޓަސް އެހާ ބޮޑު ބަދަލެއް އަސިފައި ނެތެވެ. ފުރތަމަ ވެސް ލޮލުގައި އަޅައިގަތީ ފާރުގައި ހަރުކޮށްފައި ހުންނަ ބޮޑު ފްރޭމް ނެތުމެވެ.

" ފޮޓޯ ފްރޭމް ނެތުމުން ވަރަށް ހުސްކޮށް ދޯ ދައްކަނީ..." ކެނާން އަށް އެކަން ފާހަގަ ވުމުން ބުނެލިއެވެ. އެއިރު މަދީނާ އަވަސް ވެގަތީ ކާން ތައްޔާރުކުރުމަށެވެ.

ސިފަ ހުންނަ ކުރެހުންތަކާއި ފޮތްތައް ގޭތެރޭގައި ބެހެއްޓުމަކީ ދީނީގޮތުން ރަނގަޅު ކަމެއް ނޫން ކަމަށް ކެނާން ކިޔައިދިނެވެ.

"ނަބީ ގެ ޕެއިންޓިންގ އެއް ރީތި ވާނެ.....އަންކަލް އަންނާން ފްރެޝް ވެލައިގެން....." އަހްމަދު ޚިޔާލެއް ދިނެވެ. އަދި ފެންވަރައި ތާޒާ ވެލުމަށް ގެސްޓް ރޫމާއި ދިމާލަށް ހިނގައިގަތެވެ. މާޒްވިލާއަކީ އަހްމަދަށް އާ ތަނެއް ނޫނެވެ. މާލޭގައި އަމިއްލަ ގެދޮރު ހުއްޓަސް އެތަން ކުއްޔަށް ދީފައި ވުމުން ރާއްޖެ އަންނަ ދަތުރުތަކުގައި އޭނަ އަބަދުވެސް ހުންނަނީ މާޒްވިލާގައެވެ. ނަމަވެސް ނާވިޔާގެ މަރަށް ފަހު ރާއްޖެ ދޫކޮށް ދިޔަފަހުން މިއީ އޭނާ އައި ފުރަތަމަ ފަހަރެވެ. އިންތިޒާރު ކުރެވެނީ އުރުޖުވާން އެގެޔަށް އަންނާނެ ދުވަހަކަށެވެ.

މަދީނާ ކާން ތައްޔާރުކޮށް ނިމުމަށް ފަހު ކޮޓަރިޔަށް ދިޔައީ ނަމާދުކުރުމަށްވެސް މެއެވެ. ކޮޓަރިއަށް ވަނުމާއެކު ލިބުނީ ބޮޑު ސިހުމެކެވެ. ގެންގުޅޭ ޓެޑީ ބެއަ އޮތީ އެނދު މަތީގައެވެ. ގައިން ހީބިހި ވެސް ނަގައިގެންދިޔައެވެ.

***

ރޭގަނޑުގެ އަރާމު ފިނި ޖައްވުގައި ހަރުލާފައި ވިއެވެ. ކުޑަދޮރުތަކުން ފެންނަނީ ސްނޯގެ ދޫލައެވެ. ބަލާބަލާ ފޫހިނުވާފަދަ ހުވަފެނީ މަންޒަރެކެވެ. މާޒިމް އާއި އުރުޖުވާން އަށް ބާއްޖަވެރި ރޭގަނޑަކަށް އެދެމުން ޒެލްޑާ އެތަނުން ދިޔައީ އުފަލުން ފުރިފައި ހުރެއެވެ. ލިބުނު މުސްހަފް ކިޔާލަން ހުރީ ކެތް މަދުވެފައެވެ.

" ހައު ޑޫ ޔޫ ޑޫ ދެޓް؟" ޒެލްޑާ ދިޔުމުން ކޮޓެޖް ގެ ދޮރު ތަޅުލަމުން މާޒިމް ސުވާލުކުރިއެވެ.

"ތި ބުނީ..." އުރުޖުވާން ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.

" މިބުނީ އެހާ އިންސްޕަޔަރިންގ އީ...." މާޒިމް ދެފައި ވަށް ކޮށްލައި އިށީނީ އުރުޖުވާން ކައިރީއެވެ. ދެމީހުންވެސް ތިބީ ފަޔަޕްލޭސްގެ ކުރިމައްޗަށް ވާގޮތަށެވެ. އަލިފާނުގެ ރަން ދޯދިތައް އުރުޖުވާން ގެ މޫނަށް އެޅިފައި ވާއިރު އެ މޫނުގެ ސާފު ކަން ބަބުޅަމުން ދިޔައެވެ.

" ދުޢާ...އަހަރުމެންނަކަށް ނޭނގޭނެ ކިހިނެއް ކޮން ގޮތަކަށް ކަމެއް ﷲ އަށް އެދި ދަންނަވާކަމެއް އެކަލާނގެ އިރާދަ ކުރައްވާނީ.....މާމަ އަބަދުވެސް ބުނާނެ މީހަކަށް ހެޔޮކަމެއް ވުމަށް އެދެންޏާ، ކޮށްދެންޏާ އެމީހަކަށް ހިދާޔަތް ދެއްވުމަށް އެދި ދުޢާ ކުރާށޭ....އެ ކަން އެގޮތަށް ވުމަށް މަގުފަހިކޮށްދެއްވަނީ ވެސް މާތް ﷲ....ﷲ ގެ ރަޙްމަތް....އުރޫޖް ގެ މޮޅު ކަމެއް ނޫން..." އުރުޖުވާން ގެ އަޑުގައިވި ހަމަހިމޭންކަމާއި ހިތްހަމަޖެހުމެވެ. މުޅި ތަނަށް ވެރިވެފައިވީ އަމާންކަމެކެވެ. މާޒިމް އަށް އުރުޖުވާން ގެ ކިބައިން ފެންނަ ކޮންމެ ކަމަކުން ވެސް އެހިތުގައި ވާ ލޯބި އިތުރުވަމުން ދިޔައެވެ. އަދި މާތް ﷲ އާއި މެދު އުރޖުވާން ގެ އެ ވިސްނުން ހުންނަ ގޮތާއި މެދުވެސް ހައިރާން ކުރުވައެވެ. މާޒިމް އަށް ވެސް ދީނުގައި ސާބިތުވުމަށް ހިތްވަރު ލިބިދެނީ އުރުޖުވާން ދޭ ނަސޭހަތްތަކުންނެވެ.

" އެހެންވީމަ.....އުރޫޖް އަކީ ވެސް..އަ ދުޢާ އައި މޭޑް އަ ލޯންގް ޓައިމް އެގޯ...." މާޒިމް އުރުޖުވާންގެ އަތްތިލަ ގެނެސް އޭނަގެ މޭގައި ޖައްސައިލިއެވެ. އުރުޖުވާންގެ ނަޒަރުގައި ވީ އިންތިހާ ލޯތްބެވެ.

ނުނިމޭ