ކަރީނާ ކަޕޫރާއި ސައިފް ޢަލީ ޚާން ކައިވެނި ކުރާން އުޅޭ ވާހަކަ މީޑިޔާގައި ދެކެވޭތާ ވަރަށް ގިނަ ދުވަސްތަކެއް ވުމަށް ފަހު، އެ ކައިވެނީގެ ތާރީހު ކަނޑައަޅައިފި ކަމަށް ހަބަރު ލިބެ އެވެ. ސައިފް އާއި ކަރީނާގެ ފަރާތުން މިކަމާ ބެހޭ ބަހެއް ނުލިބުނު ކަމުގައި ވިޔަސް، ކަރީނާގެ ވާން އުޅޭ މައިދައިތަ ޝަރްމީލާ ޓޭގޯ ވަނީ ކައިވެނީގެ ތާރީހު ހަމަޖެހިފައިވާ ކަމަށާއި އެދުވަހަކީ 26 އޮކްޓޯބަރުކަން ހާމަކޮށްފަ އެވެ.

ޝަރްމީލާ ބުނާ ގޮތުގައި 26 އޮކްޓޯބަރުގައި ކައިވެނި ކުރުމަށް ފަހު، ކައިވެނީގެ ހަފްލާ ވެސް އޮންނާނީ ހަމަ އެ ދުވަހު އެވެ. އެހެން ނަމަވެސް މި ހަފްލާއަކީ މާ ބޮޑު ހަފްލާއަކަށް ނުވާނެ ކަމަށް އޭނާ ބުނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކައިވެނީގެ ރަސްމުތައް ކުރިޔަށް ދާނީ ސައިފްމެންގެ އާއިލާގެ ރަސްމީ ގަނޑުވަރު ނުވަތަ ޕަތައުޑީ ނަވާބުގެ ރަސްމީ ގަނޑުވަރުގަ އެވެ. ޕަތައުޑީގެ މިހާރުގެ ނަވާބަކީ ނަވާބް ސައިފް ޢަލީ ޚާން އެވެ. އެހެންކަމުން ކަރީނާ ވެގެންދާނީ ޕަތައުޑީގެ ރާނީއަށެވެ. ކައިވެނީގެ ރަސްމުތަކުގައި ބައިވެރިވާނީ ހަމަ އެކަނި އާއިލާ އިން ކަމަށާއި، ރައްޓެހީންނަށް މުންބާއީގައި ވަކިން ޕާޓީއެއް ބާއްވާނެ ކަމަށް ވެސް ސައިފްގެ މަންމަ ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް މިއިން އެއްވެސް ރަސްމިއްޔާތަކަށް މާ ބޮޑު ހަރަދުތަކެއް ނުކުރާނެ ކަމަށް އޭނާ ބުނެއެވެ.

ސައިފް ވަނީ މީގެ ކުރީން އެހެން ކައިވެންޏެއް ކޮށްފަ އެވެ. އެހެން ނަމަވެސް މިއީ ކަރީނާގެ ފުރަތަމަ ކައިވެންޏެވެ.