06 May 2024, 08:47
ޕޮޕް މިއުޒިކްގެ އެންމެ ނުފޫޒު ގަދަ ތަރީންތަކުގެ ތެރޭގައި ހިމެނޭ މެޑޯނާ ދިން ޝޯއެއް ބަލަން 1.6 މިލިއަނަށް ވުރެ ގިނަ މީހުން އެއްވެ، ރެކޯޑެއް ގާއިމުކޮށްފިއެވެ.
އަށްޑިހައިގެ އަހަރުތަކުން ފެށިގެން މެޑޯނާއަކީ ގިނަ ބަޔަކަށް އެނގޭ މަގުބޫލު ޕަފޯމާއެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދިވެސް މެޑޯނާއަށް އޮތް ތަރުހީބު ކުޑައެއް ނުވެއެވެ. ދާދި ފަހުން ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގައި ބޭއްވި ޝޯއަކުން އެކަން ވަނީ ހާމަވެގެން ގޮސްފައެވެ.
ރިއޯގައި ކުރިއަށް ގެންދިޔަ ޝޯއަކީ ބްރެޒިލްގައި މެޑޯނާ ދިން ޝޯތަކުގެ ތެރެއިން އެންމެ ފަހު ޝޯއެވެ. މި ޝޯއަކީ ހިލޭ އެންމެނަށް ވެސް ދެވޭ ގޮތަށް މެޑޯނާ ދިން ޝޯއަކާ ގުޅިގެން އެ ޝޯ ބަލަން ދިޔަ މީހުންގެ އަދަދު ވަރަށް ގިނައެވެ.
ރިއޯ ޑި ޖެނެއިރޯގެ އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި މި ޝޯ ބަލަން ދިޔަ މީހުންގެ އަދަދު 1.6 މިލިއަނަށް ވުރެ ގިނަ ވާނެއެވެ. މިއީ މި ފަހުގެ ތާރީހެއްގައި އެންމެ ގިނަަ ބަޔަކު ޝޯއެއް ބަލަން އެއް ތަނަކަށް އެއްވި ފަހަރެވެ.
ޝޯ ބެލުމަށްޓަކައި އެކި ސަރަހައްދުތަކުން އެއް ދުވަހެއްގެ މަތީން 170 އަށް ވުރެ ގިނަ ފްލައިޓުތަކުގައި ފޭނުން ދަތުރު ވެސް ކޮށްފައިވެއެވެ. އެއް ރޭގެ ޝޯ ބެލުމަށް މިހާ ގިނަ އަދަދަކަށް މީހުން ދިޔުމާ ގުޅިގެން ރިއޯގެ ލޯކަލް ޓުއަރިޒަމަށް ވެސް އޭގެ ފައިދާ ކޮށްފައިވާ ކަމަށް ވަނީ އޮފިޝަލުން މައުލޫމާތު ދީފައެވެ.
މެޑޯނާގެ ޝޯއާ އެކު މިހާރު އެ ޝޯ ވެފައިވަނީ މިހާތަނަށް އެންމެ ގިނަ ބެލުންތެރިން އެއްވި 10 ޝޯގެ ތެެރެއިން އެއް ޝޯއަށެވެ. ލިސްޓުގެ ފަސްވަނައަށް މެޑޯނާ އަރާފައިވާއިރު މީގެ ކުރީން މި ލިސްޓުގައި މުޅީން ވެސް ހިމެނެނީ 2000ގެ ކުރީކޮޅުގެ ޝޯތަކާއި 90ގެ ޝޯތަކެވެ. ލިސްޓުގެ އެއްވަނައިގައި ހިމެނެނީ މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ރޮބް ސްޓުވާޓް 1994 ވަނަ އަހަރު ދިން ކޮންސާޓެވެ. އާ އަހަރު ފާހަގަކުރުމަށް ބޭއްވި ކޮންސާޓަކީ މުޅި ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނަ ބަޔަކު ބައިވެރިވި ކޮންސާޓެވެ. މި ކޮންސާޓަށް 4.2 މިލިއަން މީހުން ގޮސްފައިވެއެވެ.