06 May 2024, 09:05
ދާދި ފަހުން އަމިއްލަ ރާގުގެ ގިނަ މިއުޒިކްތަކެއް ރިލީޒްކޮށްފައިވާ ދިވެހި ބޭންޑު، "ނުއިނގިގުން" ފުރަތަމަ ފަހަރަށް ލައިވް ޝޯ ދިނުމަށް ތައްޔާރުވެއްޖެއެވެ.
ހަތަރު މެންބަރުން ހިމެނޭ ގްރޫޕް "ނުއިނގިގުން"އަކީ ދިވެހީންނަށް މުޅީން އާ ގްރޫޕަކަށް ވެދާނެއެވެ. ނަމަވެސް ގްރޫޕުގެ މެންބަރުންގެ ގެތަކާއި އެ ނޫން ވެސް ތަންތަނުގައި މި ގްރޫޕު އެކީގައި ލަވަ ކިޔައި މިއުޒިކް އުފައްދަމުން އަންނަތާ މިހާރު ދުވަސްތަކެއްވެއްޖެެވެ.
ގްރޫޕުގެ ފުރަތަމަ އަލްބަމް "ރުނބާ ވޮލިއުމް 1" ވަނީ މި އަހަރުގެ މާޗު މަހުގައި ނެރެފައެވެ. އެއާއެކު އާންމުންގެ މެދުގައި ގްރޫޕަށް އޮތް މަގުބޫލުކަން އަންނަނީ އިތުރުވަމުންނެވެ.
އެއާ އެކު މިހާރު ނުއިނގިގުން ތައްޔާރުވަނީ ފުރަތަމަ ފަހަރަށް ލައިވް ޝޯ ދިނުމަށެވެ.
ގްރޫޕުން ހާމަކޮށްފައިވާ ގޮތުގައި މި ޝޯ ދިނުމަށް ހަމަޖެހިފައިވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭގައެވެ. އޮލިމްޕަހުގެ ބެކްސްޓޭޖުގައި ދިނުމަށް ހަމަޖެހިފައިވާ ޝޯ ފެށުމަށް ހަމަޖެހިފައިވަނީ 2030 ގައެވެ.
ޝޯއަށް ޓިކެޓު ދޫކުރަން ފަށާފައިވާއިރު ގްރޫޕުގެ އޮފިޝަލް ޕޭޖަށް މެސެޖު ކޮށްލައިގެން ޓިކެޓު ގަތުމުގެ ފުރުސަތު އެބަ އޮތެވެ.
އަމިއްލަ ރާގުގެ ލަވަތައް އުފެއްދުމުގެ ބޭނުމުގައި ރޭވިގެން ދިޔަ މި ގްރޫޕުގައި ހިމެނެނީ ހަތަރު މެމްބަރުންނެވެ. ގްރޫޕުގެ ލީޑް ލަވަކިޔުންތެރިޔަކީ ޒައިން އަހުމަދު ޝަހީދެވެ. ޒައިން އަކީ ސްކޫލު ކުދިންގެ ލަވަ މުބާރާތުގެ 2001 ވަނަ އަހަރުގެ ބައިގައި ކިޔާލި ލަވަ "މަށެއް ނޫން"އާ އެކު މުޅި ރާއްޖޭގައި ބޮޑު މަގުބޫލު ކަމެއް ހޯދި ލަވަކިޔުންތެރިއެކެވެ. ގްރޫޕުގައި ދެން ހިމެނެނީ ގިޓާރިސްޓު މުހައްމަދު އައްފާން (އައްފާން) އާއި ޑްރަމާ މުހައްމަދު ޖިލްވާޒް (ޖިއްލެ) އަދި ބޭސިސްޓް އަހުމަދު ލަތީފު (އައްމައްކޮ)އެވެ.