15 Aug 2010, 19:12
00:14
ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި މަސައްކަތްކުރާ ކުޑަކުދިންގެ ޑޮކްޓަރެއްގެ ގެޔަށް ބަޔަކު ވަދެ، ފައިސާ ދިނުމަށް ޑިމާންޑްކޮށް، އެ ޑޮކްޓަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމާ ގުޅިގެން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ކުޑަހުވަދޫ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ނަޝީދު ވިދާޅުވީ މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކާ މޫނު ނިވާނުކޮށް ހުރި މީހަކު އިއްޔެރޭ 11 ޖަހާކަންހާއިރު ގޮސް އިންޑިއާގެ ޑޮކްޓަރުގެ ގޭގެ ބޭރު ދޮރު ހަލާކު ކޮށްލައިގެން ވަދެ ހަމަލާދީފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެ ހާދިސާ ހިނގައިފައި ވަނީ އެރޭ ޑޮކްޓަރު ހޮސްޕިޓަލުގައި ހުރެފައި ގެއަށް ދިޔަތާ ދިހަ ވަރަކަށް މިނިޓް ތެރޭ ކަމަށެވެ. އަދި ޑޮކްޓަރު އެކަނިމާއެކަނި ދިރިއުޅޭ އެގޭގެ ދޮރުގައި ބަޔަކު ތަޅަން ފެށުމުން އެހެން ގެއެއްގައި ދިރިއުޅޭ ޑޮކްޓަރުންތަކަކަށް ގުޅާފައި އެ ވާހަކަ ޑޮކްޓަރު ބުނި ކަމަށާއި އަދި ދޮރުހަލާކު ކޮށްލައިގެން އެ މީހުން ޑޮކްޓަރަށް ހަމަލާދިނީ އެ ޑޮކްޓަރުންތަކަށް ގުޅައިގެން ހުއްޓާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި އެ ޑޮކްޓަރުންތަކަށް އެގެއަށް ދެވުނުއިރު ޑޮކްޓަރަށް ހަމަލާދިނުމަށް ފަހު އެމީހުން ފިލާފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމީހުން ޑޮކްޓަރުގެ އަތުން ފައިސާ ހޯދުމަށް ޑިމާންޑްކުރި ކަމަށާއި ނަމަވެސް ޑޮކްޓަރުގެ އަތުގައި ފައިސާ ނެތް ކަމަށް ބުނެ، ފައިސާ ހުންނާނީ ބޭންކުގައޭ ބުނުމުން އެކޮޓަރީގެ ތެރޭގައި ހުރި އަލަމާރި ހުޅުވާ ހަދައިފައިވާ ކަމަށެވެ. އަދި ޑޮކްޓަރުގެ ގައިގެ ފިހިގަނޑަކުން ތަޅައި ފަޔަށާއި އަތަށް ވަޅިން ހަމަލާދީފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ފަރުވާ ދިނުމަށް ފަހު ޑޮކްޓަރު މިހާރު ގެއަށް ބަދަލު ކޮށްފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިހާރު ތިން މީހަކު ހައްޔަރުކޮށް، މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ފުލުހުންގެ އޮފިޝަލު ނުދެއްވަ އެވެ.