05 May 2024, 12:35
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ އެޑްވައިޒަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ)ގެ ޝުއޫރުތައް މި ދުވަސްވަރު ޅެންބަހުން ހާމަކުރަން ފަށައިފިއެވެ.
އާންމުކޮށް ވެސް ޅެން ހައްދަވާ އުޅުއްވާ އަބްދުއްރަޙީމަކީ ފަރިތަކޮށް، ސިޔާސީ އެކިއެކި ކަންކަމުގައި މީގެ ކުރިން ވެސް ޅެން ހައްދަވާ ބޭފުޅެކެވެ. އަދި، ޝުއޫރުތައް ޅެން ބަހުން އަބަދު ވެސް ހާމަކުރައްވާ ބޭފުޅެކެވެ.
އެގޮތުން، މިއަދު ވެސް މީސްމީޑިއާއަށް ދޫކޮށްލި ޅެމެއްގައި އޭނާ ވަނީ ގިނަ ސުވާލުތަކެއް އައްސަަވައިފައެވެ. އެ ޅެމަށް ވެސް ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ލިބިފައެވެ. އެގޮތުން، މިއަދު ހެދި ޅެމުގައި އޭނާ ވަނީ ޒަމާން ދެއްކި ފަރަގަށް ބަލަން ނޭދެނީތޯ ސުވާލުކޮށްފައެވެ.
"ހަލާކަށް ނަފުސު ހުށަހަޅަން އަމުރު އައީމާ،
ސަލާމަތް އެއިން ވާނެކަން ނޭނގުނީހޭ؟،" ޅެމުގައި އޭނާ ސުވާލުކުރެއެވެ.
ވަކި ބޭފުޅަކަށް ޅެން އަމާޒުނުކުރެއްވި ނަމަވެސް މީގެ ކުރިން އަބްދުއްރަޙީމް އެކިއެކި ތަންތަނުގައި ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު މިއީ ޕީޕީއެމް/ޕީއެންސީގެ ކުރީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަމާޒުކުރައްވާ ކުރެއްވި ސުވާލުތަކެއްކަމަށް ބެލެވެއެވެ.
ޅެމުގައި އޭނާ ވަނީ ހެވާއި ނުބައި ވަކިކުރަން ނޭނގުނީމާ ވާ ގެއްލުން ނޭނގެތީތޯ ވެސް ސުވާލުކޮށްފައެވެ. އަދި، ތިމާއަށް ވުރެ ގައުމު ކުޑަކުރީމާ އެވާ ގެއްލުން ވެސް ނޭނގެނީތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
"މެޔަށް ވާގޮތުން ހެދުނު ގޯސް ފަހުމުވީމާ،
ފެޔަށް އިއްޔެ ލާފައި ހިނގަން ނުކުރެނީހޭ؟
އަދާއި އިއްޔެއާ ދައްކަމުންދާ ތަފާތުން،
ތަދާއި ވޭނުގައި ހިތް ފަޅައިގެން ދަނީހޭ،؟" އަބްދުއްރަޙީމުގެ ޅެމުގައި ސުވާލުކުރެއެވެ.
މީގެ އިތުރުން ވެސް، ތިން ދުވަސް ކުރިން މިދިޔަ ބުރާސްފަތި ދުވަހު ވެސް އޭނާ ވަނީ ޅެންބައިތެއް ފޭސްބުކްގައި ހިއްސާ ކުރައްވައިފައެވެ. އެ ބައިތުގައި އޭނާ ވަނީ 'މަ ވަރެއް ނެތިގެން' އުޅޭ އެއީ ކުށް ހީއެއް ކަމަށް ވިދާޅުވެފައެވެ.
އޭގެ ކުރިން، އަންގާރަ ދުވަހު ވެސް އަބްދުއްރަޙީމް ޅެމެއް ފޭސްބުކްގައި ހިއްސާކުރެއްވިއެވެ.
'އަރަފާގެ ނަސޭހަތް' ނަމުގައި ހެއްދެވި އެ ޅެމުގަައި ވެސް ވަނީ ހެދުނު ގޯހެއްގައި މުޅި ހަޔާތް ބަރުބާދުކޮށްނުލާން ގޮވާލައިފައެވެ. އެ ޅެން ވެސް ވަކި ބޭފުޅަކަށް އަމާޒުކުރައްވައިފައެއް ނުވެއެވެ.
"ބާރުވެރިކަން ފުރޮޅެމުންދާ ދިއުމުގައި ހިތްދަތި ވިޔަސް،
ޔާރުނާއި މިތުރުންގެ ޝަރަފާއި ގަދަރު ވެއްޔާ މޮޑެނުލައި،
މީހަކަށް ލިބުނަސް މޮޅެއް އެކަމާ މެދު ކަންބޮޑުވެގެން،
ނީހައިން އުފެދޭ ގިނީގައި މުޅި ހަޔާތް އަންދައިނުލާ،" އެ ދުވަހު ހިއްސާކުރެއްވި ޅެމުގައި އޭނާ ވިދާޅުވިއެވެ.
އެ ޅެމުގައި އަބްދުއްރަޙީމް ވަނީ މިއީ ދުނިޔެކަން ދަސްކުރަން ގޮވާލައްވައިފައެވެ. އަދި، "ތެޔޮ ގުޅާ ސާދާކުރަން" އުމުރު ހުސްކޮށްނުލާން އެ ޅެމުގައި ވަނީ ގޮވާލައްވައިފައެވެ.
މި ފަހުން އަބްދުއްރަޙީމް މީސްމީޑިއާގައި ގިނަ ޅެންތަކެއް ހައްދަވާފައިވާއިރު، އޭގެ ތެރެއިން ގިނަ ވާހަކަތަކެއް އަމާޒުކުރައްވަނީ އޭނާއާ އެކު ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ މަސައްކަތް ކުރެއްވި ކުރީގެ ރައީސް ޔާމީނަށް ކަމަށް ބެލެވެއެވެ.
އެކަމަކު، އެ ޅެންތަކާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަބްދުއްރަޙީމް ހާމައެއް ނުކުރައްވައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރަށް ވިހިވަނަ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައިވާއިރު، އެ މަޖިލީހުގެ ރައީސްކަން ކުރައްވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އެއް ބޭފުޅަކީ އަބްދުއްރަޙީމެވެ. އެކަމަކު، އެކަން ނިންމަވާނީ ރައީސްކަމަށް ވިދާޅުވެ، އޭނާ ވަނީ އެ ކަމާ ގުޅިގެން އަމިއްލައަށް ވާހަކަދައްކަވަން ދެކޮޅު ހައްދަވައިފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި އޮންނެވިއިރު، ޕީޕީއެމް/ޕީއެންސީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރެއްވީ އަބްދުއްރަޙީމާއެވެ. އެކަމަކު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ދެ ރައީސުންގެ މެދުގައި މައްސަލަ ޖެހި، ވެރިކަމަށް ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ވަކި ޕާޓީއެއް އުފައްދަވަން މަސައްކަތް ފައްޓަވާފައެވެ.
އެ މަނިކުފާނު މިހާރު ގެންދަވަނީ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދައިގެން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރައްވަމުންނެވެ.