05 May 2024, 12:40
ޔުނައިޑެޓް ސްޓޭޓްސް ޕޭޓަންޓް އެންޑް ޓްރޭޑްމާކް އޮފީސް (ޔޫއެސްޕީޓީއޯ)އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ޓްރޭޑްމާކުގެ ހައްޤުތަކާ ގުޅޭގޮތުން ސެމިނާއެއް މިއަދު ފަށައިފިއެވެ.
މި ސެމިނާ ބޭއްވީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި ސެމިނާ ބޭއްވީ ޓްރޭޑްމާކުގެ ހައްޤުތަކާ ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމުރީން ކުރުމަށާއި، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް މަސައްކަތްކުރަމުން އަންނަ ޓްރޭޑްމާކާ ބެހޭ ބިލާ މެދު، ކަމުގެ މާހިރުންނާ އެކު ހިޔާލުބަދަލުކޮށް މަޝްވަރާކުރަން ކަމަށެވެ.
މިއަދު ފެށި މި ސެމިނާ ކުރިއަށްދާނީ މާދަމާއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މި ސެމިނާގައި ޓްރޭޑްމާކް ރަޖިސްޓްރީކުރުމުގައި ބަލަންޖެހޭ ކަންކަމާއި، ރަޖިސްޓްރޭޝަން ޕްރޮސެސް ހިނގާގޮތާއި، ރަޖިސްޓްރީކުރުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ސެމިނާގެ ބައިވެރިންނަށް މައުލޫމާތު ދީފައިވާނެ ކަމަށެވެ.
ފިކުރީ މުދާ ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްކަން އިކޮނޮމިކް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އެއީ، ވިޔަފާރިތަކަށް އެންމެ ފުރިހަމަ ގޮތުގައި ފިކުރީމުދަލުގެ ނަފާ ލިބޭނެގޮތް ހޯދައިދީ، ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ވިޔަފާރީގެ މާހައުލަށް އިތުބާރު ހޯދައިދިނުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ގޮތުން ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްޤުތަކުގެ ޤާނޫނު އިސްލާހުކުރުމަށް މިހާރުވަނީ މަޖިލީހަށް ފޮނުވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި، މި އަހަރު ތެރޭގައި ޓްރޭޑްމާކާ ބެހޭ ބިލް މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ވެސް، ދެ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެއީ ޕޭޓަންޓާ ބެހޭ ބިލަކާއި، ޖޯގްރަފިކަލް އިންޑިކޭޝަންސްއާ ބެހޭ ބިލެކެވެ.
މީގެ އިތުރުން އަދަބީ އަދި ފަންނީ މަސައްކަތްކުރާ މީހުންނަށް އެ މީހުންކުރާ މަސައްކަތަށް ރޯޔަލްޓީ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ކަލެކްޓިވް މެނޭކްމަންޓް އޯގަނައިޒޭޝަންއެއް އުދެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ޓްރޭޑް މާކުގެ ހައްޤުތަކާ ބެހޭ ގޮތުން ކަސްޓަމްސްގައި ބޭއްވި ސެމިނާގައި މިނިސްޓްރީއާއި ކަސްޓަމްސްގެ އިތުރުން، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް ޔޫތު، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން ބާ ކައުންސިލް އަދި ބިޒްނަސް ސެންޓަ ކޯޕަރޭޝަންގެ މުވައްޒަފުން ބައިވެރިވިއެވެ.