ފުލުހުން ތަހުގީގު ކުރަމުންދާ މުދަލަށް ގެއްލުން ދިން މައްސަލައެއްގައި މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މި މައްސަލައިގައި ހޯދާ މީހާ ވަނީ އޮފީހެއްގެ މުދަލަށް ގެއްލުންދީފައި ކަމަށެވެ. އަދި އެ ތަނުން ވައްކަން ކޮށްފައިވާކަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހޯދަނީ އުމުރުން 34 އަހަރުގެ، ގދ. ތިނަދޫ, ސަކީނާމަންޒިލް އިބްރާހީމް ނާޝިދު ކަމަށެވެ.

އެ މީހާ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރަން ހާޒިރު ކުރަން ބޭނުންވި ނަމަވެސް، އުޅޭ ވަކި ތަނެއް ނޭންގޭތީ ތަހުގީގަށް ހާޒިރު ކުރަން ޗިޓު ނުފޮނުވޭކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.

ފުލުހުން ވަނީ މި މަހުގެ 12 ވަނަ ދުވަހުގެ 08:30 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް އޭނާ އަށް އަންގައިފައެވެ.

ވައްކަމާއި ފޭރުމުގެ އިތުރުން މަކަރާއި ހީލަތުގެ މައްސަލަތަކުގައި ވެސް މީހުން ހޯދަން ވަރަށް ގިނައިން ފުލުހުން މީގެ ކުރިން ވެސް ވަނީ އިއުލާނު ކޮށްފައެވެ.