1- އުއްމީދު ބޮޑުނުވުން:
އިނގިރޭސީންނަކީ އަބަދުވެސް ވަރަށް މަތިވެރި އުއްމީދެއް ގެންގުޅޭ ބައެކެވެ. ނަމަވެސް ގޯލްޑަން ޖެނެރޭޝަނުގެ ކުޅުންތެރިން ކަމަށްވާ ޑޭވިޑް ބެކަމް، ރިއޯ ފާޑިނަންޑް އަދި މައިކަލް އޮވެން ފަދަ ކުޅުންތެރިން ނެތްއިރު ކެޕްޓަން ސްޓީވަން ޖެރާޑާއި އޭޝްލީ ކޯލްގެ އުމުރު 30 ފަހަނައަޅާފައިވުން އިނގިރޭސިންގެ އުއްމީދު މުބާރާތާމެދު ކުޑަ އެވެ. އަދި އަނިޔާވެ ސަބަބުން މުހިންމު ގިނަ ކުޅުންތެރިންތަކެއް ބާކީ ކުރަން ޖެހުމުން ވެސް ޓީމާމެދު އޮތް އުއްމީދުތައް ވަނީ ފަނޑުވެފަ އެވެ. މީގެ އިތުރުން މިހާރުގެ އެއްވަނަ ފޯވަޑް ވޭން ރޫނީ ވެސް ފުރަތަމަ ދެ މެޗަސް ސަސްޕެންޑް ވެފައި ހުރުމަކީ ވެސް އިނގިރޭސިން ފެވަރިޓުންނަށް ނުވާ ސަބަބެކެވެ. އަދި އާ ކޯޗު ރޯއި ހޮޑްސަނަކީ ނަތީޖާ ނެރެން ދަންނަ ކޯޗެއް ކަމަށް މީޑިޔާ ބުނަމުންދިއުމަކީ ވެސް އިނގިރޭސިން ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރެފާނެ ސަބަބެވެ.

2- އެންޑީ ކެރޯލް ކުލަބުގައި ފްލޮޕްވުން:
ރޫނީ ނެތުމުން އިނގިރޭސި ޓީމުގެ ހަމަލާތަކުގެ ކުރި ބަލަހައްޓާނީ ލިވަޕޫލްގެ އެންޑީ ކެރޯލެވެ. ނިއުކާސަލްއިން 35 މިލިއަން ޕައުންޑަށް ބަދަލުވި ނަމަވެސް ނިމިދިޔަ ސީޒަނުގައި އޭނާ އަކީ ފްލޮޕެކެވެ. މިހެންވެ ގައުމީ ޖާޒީގައި އެކަން ބަދަލު ކުރަން ކެރޯލް އަޒުމް ކަނޑައަޅައިގެން ހުރުމަކީ ޓީމަށް ލިބޭ ހިތްވަރެކެވެ.

3- ޖޯ ހާޓް:
ހާޓަކީ ނިމިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އިތުބާރު ކީޕަރެކެވެ. ޑޭވިޑް ސީމަނަށް ފަހު ބޮޑު މުބާރާތްތަކުގައި އިނގިރޭސިންނަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ރަނގަޅު ކީޕަރަކު ނެތުމެވެ. ނަމަވެސް ޖޯހާޓަކީ އެއްފެންވަރެއްގައި ކުޅޭ މޮޅު ކީޕަރަކަށްވުމުން އިނގިރޭސި ޑިފެންސްލައިނަށް ނުކަތާމ ވަގުތުތަކުގައި ޖޯހާޓަކީ ވަރުގަދަ އައްޑަނައެއް ކަމަށް ކޯޗު ހޮޑްސަން ގަބޫލުކުރެ އެވެ.

4- ސްޓީވަން ޖެރާޑް:
ކެޕްޓަން ސްޓީވަން ޖެރާޑުގެ ބޮޑު ފަހު މުބާރާތަށް ޔޫރޯވުމަކީ ގާތް ކަމެކެވެ. މިހެންވެ ގައުމީ ޓީމުގައި ކަންތައްތަކެއް ސާބިތުކޮށްދޭނެ އޭނާ ބޭނުންވާއިރު އެއީ ނަމޫނާ ކުޅުންތެރިއެކެވެ. ކުޅުންތެރިންނާ ގުޅިގެން އުޅެން އެނގުމާއެކު ދަނޑުމަތީގައި އޭނާ އަކީ ލީޑަރެކެވެ. ފާއިތުވެދިޔަ 10 އަހަރު ގައުމީ ޓީމަށް ކުޅުނުއިރު ރަސްމީ ކެޕްޓަންގެ ގޮތުގައި މިއީ ގައުމީ ޓީމުގައި އޭނާ ކުޅޭ ފުރަތަމަ މުބާރާތަށްވުމުން ޖެރާޑް ވަނީ ވަރަށް ބޮޑަށް މޯޓިވޭޓްވެފަ އެވެ. އޭނާ އަކީ ފިޓްކޮށްހުރެއްޖެނަމަ ދަނޑުމަތީގައި އެންމެ ނުފޫޒުގަދަ އަދި ނަތީޖާ ނެރޭ ކުޅުންތެރިއެކެވެ. 100 ޕަސެންޓްދޭ ކުޅުންތެރިއެކެވެ.

5- ހޮޑްސަންއަށް އަމާޒުވާ ފާޑުކިއުންތައް:
މީޑިޔާތަކުން ހޮޑްސަނަށް ތައުރީފް ނުކުރެ އެވެ. ފާޑިނަންޑް ނުނެގި މައްސަލައަށްވުރެ ކުރިން ވެސް މީޑިޔާއިން އޭނ ބަލައިގަތީ ކަމުނުދާ މީހެއްގެ ގޮތުގަ އެވެ. މިހެންވެ އޭނާގެ އިރުޝާދުގެ ދަށުން ކާމިޔާބު ލިބިދާނެ ކަމަށް އިނގިރޭސިމީޑިޔާއިން ވާހަކަ ދައްކާލެއް މަދެވެ. އެއަށްވުރެ ބޮޑަށް މަލާމާތާއި ފާޑުކިއުން އަމާޒުވާތީވެ އޭނާ ހޮވި ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ތިބީ ކާމިޔާބީއަށް ދަހިވެތިވެފަ އެވެ. މޮޅުވާނެ ކަމަށް ގަބޫލުކުރާ މިންވަރު މަދުވުމުން ކުޅުންތެރިންނަށް ޕްރެޝަރު ކުޑަވެފައިވާ ކަމީ ވެސް އިނގިރޭސިން ކާމިޔާބު ހޯދަފާނެ ކަމެކެވެ.